ލަންޑަން (ސެޕްޓެމްބަރު 19) - ޓެކްނިކަލް އޭރިއާގައި ކޮޅަށް ހުރެގެން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމަށް އިރުޝާދު ދޭތީ އެކަމާ ބެހޭގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ރިއޯ ފާޑިނަންޑް ދެއްކި ވާހަކަތަކަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ރައްދުދީފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ސްވިޒަލެންޑްގެ ޔަންގް ބޯއީސް އަތުން ޔުނައިޓެޑް ބަލިވި މެޗުގައި ރޮނާލްޑޯ ދެ ވަނަ ހާފްގައި ބަދަލު ކުރުމުން އޭނާ ވަނީ ޓެކްނިކަލް އެރިއާގައި ކޮޅަށް ހުރެ ޓީމަށް އިރުޝާދުދިނުމުގައި ވަގުތުތަކެއް ހޭދަކޮށްފަ އެވެ.
އެ މަންޒަރުތަކަށް އިޝާރާތްކޮށް ފާޑިނަންޑް ބުނީ ކޯޗިން ސްޓާފުން ނޫން އެހެން ކުޅުންތެރިން ޓެކްނިކަލް ޒޯނުގައި ޓީމަށް ކިިޔައިދޭން ހުރުމަކީ ފުޓްބޯޅަ އަށް ރަނގަޅު ގޮތެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
ފާޑިނަންޑްގެ އެ ވާހަކަތަކާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސޯލްޝެއާ ބުނީ ބައެއް ފަހަރު ފާޑިނަންޑް ދައްކާ ވާހަކަތަކުން އެނގޭ ކަމަކީ ކަމުގެ ހަގީގަތް އޭނާ އަށް ރަނގަޅަށް ނޭނގޭކަން ކަމަށެވެ.

ޔަންގް ބޯއީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބްރޫނޯ (ކ) އާއި ރޮނާލްޑޯ (މ) އަދި ސޯލްޝެއާ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރަނީ.
"ވަގުތު ކޮޅެއް ދިޔަ އަހަރެމެން އެންމެން ތިބީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިފައި. އެ ވަގުތު ރޮނާލްޑޯ ވެސް ބްރޫނޯ (ފެނާންޑޭސް) ވެސް ތެދުވެފައި. ފަހުން ރޮނާލްޑޯ އާއި ބްރޫނޯ ތިބީ އިށީނދެގެން،" ސޯލްޝެއާ ބުންޏެވެ.
"އަހަރެމެންނަށް އެނގޭ ޓެކްނިކަލް އޭރިއާގައި ކޮޅަށް ތިބެެވޭނީ ވަކި ބަޔަކަށް ކަން. އެއީ އަހަރެން ނޫނީ ކެރިކް ނޫނީ ފެލަން ނޫނީ މެކްކެނާ،"
ސޯލްޝެއާ ބުނީ މެޗުގައި ހިނގާދާ ވަކި ވަގުތުތަކެއްގައި ކުޅުންތެރިންނަށް ވެސް ޖަޒުބާތުގައި ޖެހިގެން ކޮޅަށް ތެދުވޭނެ ކަމަށާއި އެއީ ކޯޗަކު ޓީމަށް އިރުޝާދުދޭން ޓެކްނިކަލް އޭރިއާގައި ހުރުމާ މުޅިން ތަފާތު ކަމެއް ކަމަށެވެ.
ޔުނައިޓެޑްގައި މިހާރު އޮތް ސްކޮޑުގައި ގިނަ ލީޑަރުންތަކެއް އެބަތިބި ކަމަށާއި ޓީމު ކުރިއަށްދާނީ އެ ހުރިހާ ކުޅުންތެރިންގެ އެއްބާރުލުމާ އެކުކަން ސޯލްޝެއާ ވަނީ ފާހަގަކޮށްފަ އެވެ.
ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ނުކުންނާނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު އެވެ. ޕްރިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 50 މެޗުގެ ތެރެއިން ވެސްޓް ހޭމް މޮޅުވީ ހަތް މެޗުންނެވެ.












