އަންނަ މަހު 1-16 އަށް މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާން ސްރީލަންކާގެ ފުޓްބޯޅަ ޓީމުން އިއްޔެ ސައުދީ އަރަބިއްޔާ އަށް ގޮސްފި އެވެ.
ލަންކާ ފުޓްބޯޅަ ޓީމު އެންމެ ފުރަތަމަ ސާފްގެ ކުރިން ޓްރެއިނިން ކޭމްޕް ފުރިހަމަކުރާ ގޮތަށް އޮތީ ގަތަރުގަ އެވެ. ގަތަރުގައި މި ވަގުތު ރާއްޖެ އާއި ނޭޕާލް އަންނަނީ ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުންނެވެ. ލަންކާ އިން ގަތަރަށް އަންނަން ކުރި މަސައްކަތް ކާމިޔާބުނުވީ ލަންކާގެ ކޮވިޑްގެ ހާލަތުގެ ސަބަބުން ގަތަރަށް އެތެރެވާން ވިސާ ނުލިބުމުންނެވެ.
ގަތަރުގައި ލަންކާ އިން ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެން ރޭވި ނަމަވެސް ލަންކާ އަށް ގަތަރަށް އާދެވޭނެ ގޮތެއް ނުވުމުން އެ މެޗު މި ވަނީ ކެންސަލްވެފަ އެވެ.
ލަންކާ އިން ސާފް ޗެމްޕިއަންޝިޕަށް އިއުލާނުކުރި ސްކޮޑުން ވަނީ ޔޫރަޕްގައި ކުޅޭ ތިން ކުޅުންތެރިއަކަށް ފުުރުސަތު ދީފަ އެވެ.
އެއީ އިންގްލެންޑްގެ ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަށް ކުޅޭ 18 އަހަރުގެ ވިންގް ޑިލޯން ޑި ސިލްވާ އާއި ޖަރުމަނު ލީގުގެ ޔޫނިއަން ބާލިން އަށް ކުރިން ކުޅުނު އަހުމަދު ވަސީމް ރަޒާކް އަދި އިންގްލެންޑްގެ ސެމީ ޕްރޮފެޝަނަލް ލެވަލްގެ ކްލަބް ވައިޓްހޯކް އަށް ކުޅޭ މާވިން ހަމިލްޓަން އެވެ. މީގެ ތެރެއިން ވަސީމް ވަނީ މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ލެބަަނަން ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ.
ލަންކާ ޓީމުގެ ކޯޗަކަށް ހުރީ ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން ބޮސްނިއާގެ އާމިރް އަލަގިޗް އެވެ. ލަންކާ ޓީމުގައި ރާއްޖޭގައި ކުޅުނު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ކްލަބް އީގަލްސް އަށް ފަސް އަހަރު ކުޅެދިން ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ފެނުނު ޑަކްސަން ޕުސްލަސް ހިމެނެ އެެވެ.
ސާފް ޗެމްޕިއަންޝިޕްގައި ލަންކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ދެ ވަނަ މެޗުގައި ހަަތަރު ވަނަ ދުވަހު ނޭޕާލާ ބައްދަލުކުރުމަށް ފަހު ހަތް ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ލަންކާ އިން 10 ވަނަ ދުވަހު ކުޅޭނީ ރާއްޖެއާ އެވެ.












