ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ދިވެހިރާއްޖޭގެ ލީޑަރު މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ހައި ކޯޓުން ބާތިލް ކުރީ ޓެރަރިޒަމްގެ ގާނޫނުގެ ބާރު ކެނޑޭ ގޮތަށް ކަމަށާއި މައްސަލަ އެންމެ މަތީ ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އައިސިސްގެ ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، ހަނގުރާމަ ކުރުމަށް މީހުން ހޯދައި، އެކަކު ހަނގުރާމައަށް ފޮނުވުމުގެ ތުހުމަތުގައި އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ހައި ކޯޓުން ބުރާސްފަތި ދުވަހު ބާތިލް ކުރީ، އެ ދައުވާތައް އުފުލާފައި ވަނީ ގާނޫނުގައި ބުނާ މުއްދަތު ފަހަނައެޅިފަހުން ކަމަށް ބުނެ އެވެ.
އަމީން ހައްޔަރު ކުރީ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނަގައި މަރާލި މައްސަލައިގައި މަރު ކޮމިޝަނުން ނެރުނު ރިޕޯޓު ނެރުމާއެކު އޮކްޓޯބަރު 23، 2019 ގަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޑިސެމްބަރު 5، 2019 ގައި، ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުންނެވެ. އޭނާގެ ދައުވާތައް ބާތިލް ކުރުމަށް ހައި ކޯޓުން ބެލި މިންގަނޑަކީ ވެސް އެއީ އެވެ.
އެކަމަކު ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި އެ ގާނޫނުގެ ދަށުން، ބަންދުގައި ހުރި މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް 60 ދުވަސް ލިބެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން އަމީންގެ ބަންދު އިތުރުކޮށްފައިވާތީ، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދައުވާ ނުއުފުލޭނެ ކަމަށެވެ.
އެހެންނަމަވެސް ޝަމީމް އޭނާގެ ބްލޮގުގައި ލިޔުއްވާފައި ވަނީ ހައި ކޯޓުން އަމީންގެ ދައުވާތައް ބާތިލް ކުރުމުގައި ޓެރަރިޒަމްއާ ބެހޭ ގާނޫނު މާނަކޮށްފައި އޮތީ އޭގެ ބާރު ކެނޑޭ ގޮތަށް ކަމަށެވެ.

"މިމާއްދާއަކީ [ޓެރަރިޒަމް މަނާ ކުުރުމުގެ ގާނޫނުގެ 1-28 ވަނަ މާއްދާއަކީ] ކުރިން ގާނޫނުގައި އޮތް މާއްދާއެއް ނޫން. މިމާއްދާ ލިޔުމުގެ ކުރިން، އަމަލުކުރަމުން ދިޔައީ ޖިނާއީ އިޖުރާއަތުގެ އާންމު މުއްދަތުތަކަށް. އެމުއްދަތުތައް، މިބާވަތުގެ މައްސަލަތަކުގައި އެކަށީގެންނުވާތީ، އެމުއްދަތު އިތުރުކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 28-1 ވަނަ މާއްދާ ގާނޫނުގައި ތައާރަފުކުރީ. އެހެންކަމުން، މިމާއްދާގެ ބާރު ކެނޑޭގޮތަށް، 26 ވަނަ މާއްދާގެ (ފ) މާނަކުރުމަކީ، ހަމަޖެހޭކަމެއް ނޫން،" ޝަމީމް ލިޔުއްވާފައިވެ އެވެ.
titledesc
ޕީޖީ ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ ފ. ގައި އެ ބުނާ ވާހަކައަކީ ބަންދު ކުރުމުގެ ކަންކަމުގައި، ޖިނާއީ އިޖްރާއަތަށް އަމަލުކޮށްފި ދެން ވެސް އަމަލު ކުރަންޖެހޭނީ އެ އިޖުރާއަތަށް ކަމަށެވެ. އެކަމަކު އެއީ ދައުވާ ކުރުމާ ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަތަކެއް ނޫން ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ޕީޖީ ވިދާޅުވެފައި ވަނީ އެފަދަ މައްސަލަތަކުގައި ޕްރެސީޑެންޓްސް ކަނޑައަޅައި މީގެ ކުރިން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި ދައުވާ ކުރުމުގެ އެ ޕްރިންސިޕަލް ހައި ކޯޓުން ވެސް ބަލައިގަނެފައިވާ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި އައިއީޑީ ގޮއްވާލުމުގެ މާސްޓާމައިންޑު ކަމަށް ވެސް ބެލެވެ އެވެ. ސަލްޓަން ޕާކުގައި ބޮން ގޮއްވާލިފަހުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އަލުން ހައްޔަރު ކުރީ ދިވެހި ފުލުހުންނާއި ސްރީ ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޮޅުނބުންނެވެ.













