ޓީޗަރުންނަށް ދެމުން އަންނަ ސެޓްފިކެޓް ޕްރޮމޯޝަން ދިނުން ކޮވިޑާ ގުޅިގެން މަޑުޖައްސާލާފައި އޮތުމަށްފަހު, އަލުން ދޭން ނިންމައިފި އެވެ.
ސެޓްފިކެޓް ޕްރޮމޯޝަނަކީ ވަކި ފެންވަރެއްގެ ސަނަދެއް ހާސިލުކުރުމުން ދޭ ޕްރޮމޯޝަނެވެ.
މި ޕްރޮމޯޝަން ދިނުން ހުއްޓާލައިން ފިނޭންސް މިނިސްޓްރީން އެންގީ ކޮވިޑާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުގެ ތެރެއިންނެވެ.
ކޮވިޑްގެ ހާލަތު މިހާރު ރަނގަޅުވަމުންދާތީ, އެ ޕްރޮމޯޝަން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުންޏެވެ.
އޭގެއިތުރުން ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް, އެ ޗިޓާ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ހަމަޖެހިފައިނުވާ މުވައްޒަފުންނަށް ވެސް އަންނަ މަހުން ފެށިގެން ޗިޓްގައިވާ ގޮތަށް މުސާރަ އާއި އިނާޔަތް ދިނުމުގެ ކަންކަން ހަމަޖައްސަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި, ޕްރޮމޯޝަން ޗިޓް އެޕްރޫވްވި ތާރިހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ދޫނުކުރެވި ހުރި މުސާރަ އާއި އިނާޔަތްތައް ދިނުމާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާ ކުރުމަށްފަހު, އެ ފައިސާ ދިނުމާމެދު ގޮތެއް ނިންމާނެ އެވެ.












