މެޑްރިޑް (ސެޕްޓެމްބަރު 13) - ސްޕެނިޝް ލީގުގައި ރޭ ކަރިމް ބެންޒެމާގެ ހެޓްރިކާއި ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑަށް މެޗެއް ކުޅެދިން އެޑޮއާޑް ކަމަވިންގާގެ ގޯލާ އެކު ރެއާލުން 5-2 އިން ސެލްޓަ ވިގޯ ބަލިކޮށް ލީގުގެ އެންމެ ކުރިއަށް ޖެހިލައިފި އެވެ.
އެއް ވަނައިގައި އޮތް ރެއާލާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަދި ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ އިން ވަނީ ރޭ އޮސަސޫނާ އަތުން 4-1 އިން މޮޅުވެފަ އެވެ. އެތުލެޓިކޯ އިން އެސްޕަންޔޯލް ބަލިކުރީ ފަހު ވަގުތު ޖެހި ގޯލާ އެކު 2-1 އިންނެވެ.
ރެއާލް ހާސްކޮށްލުމަށް ފަހު ސެލްޓަގެ ސަންޓި މިނާ ވަނީ އެ ޓީމަށް މެޗުގެ ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިދީފަ އެވެ. ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން މެޗުގެ 24 ވަނަ މިނިޓްގައި ބެންޒެމާ ވަނީ ރެއާލަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު އޭގެ ހަތް މިނިޓް ފަހުން ފްރާންކޯ ޗާވީ ވަނީ ސެލްޓަ އަށް އަލުން ލީޑުނަގައިދީފަ އެވެ.

ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއް ނުވެ ބެންޒެމާ ވަނީ އަނެއްކާ ވެސް ރެއާލަށް އެއްވަރުކޮށްދިނެވެ. މެޗުގައި ރެއާލަށް ފުރަތަމަ ފަހަރަށް ލީޑުނަގައިިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ކުޅެން އެރިތާ ހަ މިނިޓް ތެރޭ ކަމަވިންގާ ވަނީ ރެއާލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭނާ ރެއާލަށް ބަދަލުވީ ޓްރާންސްފާގެ ފަހު ދުވަހު 30 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.
މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ބެންޒެމާ ވަނީ ރެއާލްގެ ފަސް ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ 2019 ވަނަ އަހަރުގެ އޭޕްރީލް އަށް ފަހު ކްލަބް ލެވަލްގައި ބެންޒެމާގެ ފުރަތަމަ ހެޓްރިކް އެވެ.
ރޭގެ މެޗަކީ ރެއާލްގެ ދަނޑު ސަންޓިއާގޯ ބާނަބެއު މަރާމާތަށް ބަންދުކުރި ފަހުން އަލުން ހުޅުވައި ކުޅުނު ފުރަތަމަ މެޗެވެ. ފާއިތުވި 560 ދުވަހުގެ ތެރޭގައި ރެއާލް ރަސްމީ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ބަލަން 30،000 ސަޕޯޓަރުން ވެއްދި އެވެ. ދަނޑުގެ ފުލް ކެޕޭސިޓީ އަށް ސަޕޯޓަރުން ވެއްދޭނީ މިހާރު ކުރިއަށްދާ ހުރިހާ މަރާމާތެއް އެއްކޮށް ނިމުމުންނެވެ. އެއްކޮށް މަސައްކަތް ނުނިމެނިސް ދަނޑު ބޭނުންކުރަން ރެއާލުން ނިންމީ ސަޕޯޓަރުން މެޗު ބަަލަން ދަނޑަށް ވައްދަން ހުއްދަ ލިބުމުން، ކްލަބްގެ މާލީ ހާލަތު ރަނގަޅުުކުރަން ބޭނުންވާތީ ސީޒަން ޓިކެޓް ހޯލްޑަރުންނަށް ދަނޑަށް ވަދެގެން މެޗު ބެލޭނެ ގޮތް ހަދައިދޭށެވެ.












