އިންޓަނޭޝަނަލް ވެލްނެސް ވީކެންޑާ ގުޅިގެން ހޮޓެލް ޖެން އިން ހާއްސަ ފިޓްނަސް ފެސްޓެއް ބާއްވަން ނިންމައިފި އެވެ. ޖެންސް ފިޓްނަސް ފެސްޓްގެ ނަމުގައި މި ހަރަކާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހު ހަވީރު އުސްފަސްގަނޑުގަ އެވެ.
ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ ވެލްނެސް ވީކެންޑް ކުރިން ފާހަގަ ކުރަނީ ހޮޓެލްގެ އެތެރޭގެ ހަރަކާތެއްގެ ގޮތުގައި ކަމަށާއި މިއީ މި މުނާސަބަތުގައި މިހާ ބޮޑު އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.
"ޕެންޑެމިކް އާއި އަދި އެހެން ހުރިހާކަމަކާ ގުޅިގެން މީހުން މި ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ ނަފްސާނީ ގޮތުން ވެސް ތަފާތު ބަދަލުތަކެއް އައިސްފަ. ފިޓްނަސް ފަދަ ކަންކަމުން މިތިބީ ވަރަށް ބޮޑަށް ސްޓެޕް އައުޓްވެފައި. އެހެންވީމަ އަލުން އަނބުރާ ފިޓްނަސްގެ ތެރެއަށް މީހުން ވައްދައިދޭންް ހިތްވަރުދިނުމުގެ ގޮތުން މި ފެސްޓް ރޭވީ،" ނީނާ ވިދާޅުވި އެވެ.
މި ފެސްޓުން ދުޅަހެޔޮ ކަމަށް ބޭނުންވާ ގިނަ ހަރަކާތްތަކެއް އެއްތަނަކުން ފެނިގެންދާނެ އެވެ. މިގޮތުން ގްރޫޕް ފިޓްނަސްގެ އެއްގަޑިއިރުގެ ޑެމޮންސްޓްރޭޝަންއެއް ކުރިއަށްގެން ދިއުމަށް ރޭވިފައި ވާއިރު، ޖިމްތަކުން އިންސްޓަކްޓަރުންގެ މައުލޫމާތު ސެޝަންތަކާއި، މާބަނޑު ދުވަސްވަރާއި ވިހެއުމަށް ފަހު ފިޓްނަސް ބަހައްޓާނެ ގޮތާއި އެ ދުވަސްވަރުތަކުގައި ކުރާނެ ކަސްރަތުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ނީނާ ވިދާޅުވި އެވެ.
މި ފެސްޓަށް ޒިޔާރަތްކޮށްގެން ހަމައެކަނި ލިބޭނީކީ މައުލޫމާތާއި ފިޓްނަސްގެ ފިލާވަޅުތަކެއް ނޫނެވެ. ހެޔޮވަރުގެ އިނާމު ވެސް އެބަ ހުއްޓެވެ.
"މި ފެސްޓިވަލް ކުރިއަށްމިދަނީ ވަރަށް ބައިވަރު އިނާމުތަކަކާއިވެސް އެކު. ބައެއް ފިޓްނަސް ސެންޓަރުތަކުން ހުށަހަޅާފައި އެބަހުރި އެއް އަހަރާއި ހަ މަސް ދުވަހުގެ ޕެކޭޖްތަކެއްވެސް،" ނީނާ ވިދާޅުވި އެވެ،
ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް ހާއްސަކޮށް މި އިވެންޓް ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ފިޓްނެސް ފެސްޓް އޮންނާނީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.











