މެޑްރިޑް (ސެޕްޓެމްބަރު 11) - އަންނަ ޖެނުއަރީ މަހުގެ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް ބިޑް ކުރަން ރެއާލް މެޑްރިޑުން ވިސްނަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕޮގްބާ، 28، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ޖޫން މަހު ޕޮގްބާގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕޮގްބާ ހުރީ މި ސީޒަން ނިންމުމަށް ފަހު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރާށެވެ.
ޔުނައިޓެޑުން ޕޮގްބާ ވިއްކާލައިގެން ފައިދާއެއް ހޯދަން ބޭނުންނަމަ ޖެނުއަރީ މަހުގެ 31 ގެ ކުރިން އޭނާގެ ޓްރާންސްފާ ކަންތައްތައް ނިންމަން ޖެހޭނެ އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ޖެނުއަރީ މަހުގެ ކުރިން ޕޮގްބާ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭތޯ ވަރަށް މަސައްކަތް ކުރާނެ އެވެ. އެކަމަކު، އެކަން ވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ އާ އެއްބަސްވުމެއް ހަދަން ރައިއޯލާ ބޭނުންވަނީ ހަފްތާ އަކު 600،000 ޑޮލަރު ލިބޭ ގޮތަށެވެ. އަދި އެއީ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، 10 މިލިއަން ޑޮލަރުގެ ބޯނަހެއް ރައިއޯލާ އަށް ވެސް ލިބޭ ގޮތަށެވެ. ޕޮގްބާ މި ވަގުތު ޔުނައިޓެޑްގައި ހުރީ ހަފްތާ އަކު 400,000 ޑޮލަރު ލިބޭ ކޮންޓްރެކްޓެއްގަ އެވެ.
ރެއާލުން ބޭނުންނަމަ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ޕޮގްބާއާ އެކު ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ އަންނަ ޖުލައި 1 ވަނަ ދުވަހު އެ ޓީމާ ގުޅޭ ގޮތަށެވެ. އެކަމަކު، ރެއާލުން ވިސްނައިގެން ހުރީ ޖެނުއަރީ މަހު ކުޑަ އަގެއް ދީފައި ނަމަވެސް ޕޮގްބާ ގެންނާށެވެ. ރެއާލުން ޕޮގްބާ އަށް ހުށަހަޅަން ވިސްނަނީ 20 މިލިއަން ޑޮލަރެވެ.
މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕޮގްބާ ޔުނައިޓެޑްގައި މަޑުކުރުވަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެ ކްލަބްގެ ސަޕޯޓަރުންގެ ކިބައިން އެހީ އަށް އެދިފަ އެވެ. ޕޮގްބާ ވަނީ ލީގުގައި ޔުނައިޓެޑުން ކުޅުުނު ތިން މެޗުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ.
ރެއާލުން ވަނީ ދެ އަހަރެއްހާ ދުވަސް ތެރޭ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދެއް ކޮށްގެން ކުޅުންތެރިއަކު ގަނެފަ އެވެ. އެއީ 30 މިލިއަން ޑޮލަރު ދީފައި ރެއާލުން ގަތް ރެެނެސްގެ މިޑްފީލްޑަރު އެޑޮއާޑް ކަމަވިންގާ އެވެ.
ރެއާލުން ބޭނުންވަނީ އަންނަ ސީޒަނަށް ކަމަވިންގާގެ އިތުރުން ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އާއި ޕޮގްބާ ވެސް އެ ޓީމަށް ގެނައުމަށެވެ. އެމްބާޕޭ ގަންނަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ދުނިޔޭގެ ރެކޯޑް އަގެއް ހުށަހެޅުމުން ވެސް ޕީއެސްޖީން ނިންމީ އެމްބާޕޭ ނުވިއްކާށެވެ. ޕީއެސްޖީއާ އެކު އެމްބާޕޭ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ.












