ލަންޑަން (ސެޕްޓެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެކި ޑިވިޝަންތަކުގެ ކްލަބްތަކަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިންނަށް ފީފާ އިން ދިން ސަސްޕެންޝަން އުވާލުމުން އެ ކުޅުންތެރިންނަށް މި ހަފްތާގެ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.
އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރަން ޕްރިމިއާ ލީގާއި އިނގިރޭސި ގިނަ ޑިވިޝަންތަކަކުން ވަނީ ނިންމައިފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ.
ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ. އެހެންވެ، ކްލަބްތަކުން ކުޅުންތެރިން ދޫނުކުރީ އެވެ.
ދާދި ފަހުން ކުރިއަށްދިޔަ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާގެ މެޗުތަކުގައި ގިނަ ކްލަބްތަކަކުން ކުޅުނީ އިނގިރޭސި ކްލަބްތަކަށް ނިސްބަތްވާ ކުޅުންތެރިން ނުލަ އެވެ. އެހެންވެ ގިނަ ގޮންޖެހުންތައް ދިމާވެ، އެ މައްސަލަ ހޫނުވެ، އެ ގައުމުތަކުން އެދުނީ ކުޅުންތެރިންނާއި ކްލަބަށް ފިޔަވަޅު އަޅާށެވެ. އެ މައްސަލަ ބަލައިގަނެ ފީފާ އިން ނިންމީ މި މަހު 10-14 އަށް ކްލަބްތަކަށް ނުކުޅެވޭ ގޮތަށް އެ ކުޅުންތެރިން ސަސްޕެންޑް ކުރާށެވެ.
އެ ސަސްޕެންޝަނުގެ ކަންތައްތައް ތަންފީޒުކުރިނަމަ މި ހަފްތާގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު މެޗުތައް ދެކުނު އެމެރިކާގެ ގިނަ ކުޅުންތެރިންތަކަކަށް ގެއްލޭނެ އެވެ. އެ މައްސަލައިގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ގިނަ ކޯޗުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ އެންމެ ފަހުން ދެކުނު އެމެރިކާގެ ގައުމުތަކުން ވަނީ ފީފާ އަށް ހުށަހެޅި ޝަކުވާ އަނބުރާ ގެންގޮސްފަ އެވެ. އެއާ އެކު ކުޅުންތެރިންނަށް ދިން ސަސްޕެންޝަން އުވި މެޗުތައް ކުޅެވޭގޮތްވީ އެެވެ. އެ ނިންމުމާ މެދު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިތްހަމަޖެހިގެން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.
މައްސަލަ އަނބުރާ ގެންދިޔަ ގައުމުތަކަކީ ބްރެޒިލާއި މެކްސިކޯ، ޗިލީ އަދި ޕެރަގުއޭ އެވެ.
އަދަބަށް ލުޔެއް ނުލިބުނު ނަމަ މެޗުތައް ގެއްލޭނެ ކުޅުންތެރިންނަކީ ލިވަޕޫލްގެ އެލިސަން ބެކާ، ރޮބާޓޯ ފިރްމީނޯ، ފަބީނިއޯ، މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި އެޑަސަން މޮރާއެސް، ޗެލްސީގެ ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް، އެވަޓަންގެ ރިޗާލިސަން، ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ، ބްލެކްބާން ރޯވާސްގެ ބެން ބްރެރެޓަން، ވަޓްފޯޑްގެ ފްރާންސިސްކޯ ސިއަރެލްޓާ، ނިއުކާސަލްގެ ޕެރަގުއޭގެ މިގޭލް އަލްމިރޯން އަދި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް އެވެ.












