މެންޗެސްޓާ (ސެޕްޓެމްބަރު 10) - މެންޗެސްޓާ ޔުނައިޓެޑަށް އަލުން ބަދަލުވީ ޗުއްޓީ އަކަށް ނޫން ކަމަށާއި ކާމިޔާބު ހޯދަން ކަމަށް އެ ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޔުވެންޓަސް ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ގުޅެން ރޮނާލްޑޯ ނިންމީ މިދިޔަ މަހު އެވެ. ޕޯޗުގަލްގެ ލިޒްބަންގައި ހުރެ މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު އިންގްލެންޑަށް އައިސް ރޮނާލްޑޯ މިހާރު ވަނީ މިހާރު ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފަ އެެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ 13 އަހަރު ފަހުން ޔުނައިޓެޑަށް އައިސް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ފަހު ކްލަބްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވަނީ އެ ޓީމާ އަލުން ގުޅުނު ސަބަބު ކިޔައިދީފަ އެވެ.
"އަހަރެން މިހުރީ ތައްޔާރަށް. އަހަންނަށް އަދިވެސް ވާނެކަން ސާބިތު ކޮށްދޭން ބޭނުން. އަހަރެން ޔުނައިޓެޑަށް އެނބުރި އައީ ޗުއްޓީ އަކަށް ނޫން،" ރޮނާލްޑޯ ބުންޏެވެ.
ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ފުރަތަމަ ގުޅޭނެ ކަމަށް ބެލެވުނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށެެވެ. އެކަމަކު، ފަހު ވަގުތު ރޮނާލްޑޯ ނިންމީ އަލުން ޔުނައިޓެޑާ ގުޅޭށެވެ. އެއީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންނާއި ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ އިސް ރޯލަކާ އެކީ އެވެ.
ފާގަސަން ކޯޗަކަށް ހުރިއިރު، ޔުނައިޓެޑުން އެންމެ ފުރަތަމަ 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.
ޔުނައިޓެޑާ އެކު ރޮނާލްޑޯ ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އޭނާ ބޭނުންނަމަ ތިން ވަނަ އަހަރަކަށް ވެސް އިތުރުކުރެވޭ ގޮތަށެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން ފުރަތަމަ ދައްކާނީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން އިތުރު ނުވަ މިލިއަން ޑޮލަރު ދޭނެ އެވެ.
ރޮނާލްޑޯ ބުނީ ޔުނައިޓެޑަކީ އަބަދުވެސް ކާމިޔާބު ހޯދަން ޖެހޭ ޓީމެއް ކަމަށާއި އޭނާ އަލުން އެ ޓީމުގައި ހުރެ އެ ކްލަބް އެ ލެވަލަށް ގެންގޮސްދޭން ބޭނުން ކަމަށެވެ.
"އަހަރުތަކެއް ކުރިން އަހަރެން މި ޖޯޒީ ލައިގެން ހުރެ މަަސައްކަތްކުރީ މުޅިން ވެސް ކާމިޔާބު ހޯދަން. މި ފަހަރު ވެސް މި ހުރީ އެ ގޮތަށް. މިއީ އަހަންނާއި މި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންުނަށް ވެސް އެއް ފިޔަވަޅު ކުރިއަށް ޖެހިލަން ލިބުނު ފުރުސަތެއް،" ރޮނާލްޑޯ ބުންޏެވެ.
"ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު އަހަރު ވަރަށް ޝައުގުވެރިވާނެ"
އަލުން ޔުނައިޓެޑް ޖޯޒީގައި ރޮނާލްޑޯ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ހަތެއް ޖަހާއިރު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗެވެ.












