ގައުމީ އެއާލައިން، މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އެހެން ބައެއް މަގާމުތަކުގައި ތިބި މުުވައްޒަފުން ވަޒީފާއިން ވަކިވަނީ އެތައް މަޝްވަރާއަކަށްފަހު ވެސް މުސާރަ ބޮޑުކޮށްދީފައި ނުވާތީ ކަމަށް އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނެފި އެވެ.
މޯލްޑިވިއަންގައި މަސައްކަތް ކުރާ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުން ވަނީ އެއް ފަހަރާ މަގާމުން އިސްތިއުނާފާ ދީފަ އެވެ. އަދި އެކުންފުނީގައި މަސައްކަތް ކުރާ ހެޑް އޮފް ޓްރެއިނިންނާއި ހެޑް އޮފް އޮޕަރޭޝަންސް، މަގާމުގައި ތިބި މުވައްޒަފުން ވެސް އިސްތިއުފާ ދީފައިވެ އެވެ.
މޯލްޑިވިއަންގައި މިހާރު މަސައްކަތް ކުރަމުންދާ ޕައިލެޓަކު "އަދަދު"އަށް ކިޔައިދިން ގޮތުގައި ވަޒީފާއިން ކެނޑުނު މީހުންނާއި ކެނޑެން ނިންމާފައިވާ މީހުންގެ މައިގަނޑު މައްސަލައަކަށްވީ މެނޭޖްމަންޓުގައި ހުރި މައްސަލަތަކެވެ.
އެގޮތުން, އޭނާ ފާހަގަ ކުރީ ކޮވިޑާ ގުޅިގެން ކުޑަކުރި މުސާރައަށް މިއަދާ ހަމައަށް ވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމެވެ.
"އޭރު ޕައިލެޓުންގެ މުސާރައިގެ 60 ޕަސެންޓު ކަނޑާލި. އޭރުއްސުރެ އަދިވެސް ދެނީ ހަމަ އެ މުސާރަ. މިހާރު ދެ އަހަރުވީ. އެކަމަކު ކޮވިޑްގަ ވެސް އޮޕަރޭޓް ކުރި ހަމަ އެކަނި އެއާލައިނަކީ މޯލްޑިވިއަން،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަކީ ބަލި މީހުން އުފުލި މީހުން. ކޮވިޑްގަ ވެސް އެންމެ ބުރަކޮށް މަސައްކަތް ކުރި އެއްބަޔަކީ މިއީ. ހަމަ މި ކުޑަ މުސާރާގަ އުޅުނީ. ހަމަ އޯކޭ ވެގެން މަސައްކަތް ކުރީވެސް."
ނަމަވެސް, އެ ޕައިލެޓު ބުނީ މިހާރު އަނެއްކާވެސް އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށާއި އެކަމަކު މުސާރައަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެކަމާ ޕައިލެޓުންގެ ޝަކުވާތައް އުފުލި ކަމަށާއި ނަމަވެސް, އެ ވާހަކަތައް އެެއްވެސް ބަޔަކު އަޑު ނޭހި ކަމަށް އޭނާ ބުންޏެވެ.
އަލަށް ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް ހަމަޖެހިގެން ވެސް ހެޔޮ ބަދަލެއް ނައިކަން އޭނާ ފާހަގަ ކުރެއްވި އެވެ. އާ މެނޭޖިން ޑިރެކްޓަރު އައްޔަންވުމާ ގުޅިގެން ބައްދަލުވުމެއް ބާއްވައި މުސާރައިގެ ކަންބޮޑުވުންތަކުގެ އަޑު އަނެއްކާވެސް އުފުލި ކަމަށް ޕައިލެޓް ބުންޏެވެ. ނަމަވެސް, އޭގެން ނަތީޖާއެއް ނުނުކުތެވެ.
"މި ވާހަކަތައް ދައްކަ ދައްކާ ހުއްޓާ މި އިނގެނީ އެމްޑީއަށް ވެސް އެއްވެސް ކަމެއް ނޭނގޭ ކަން. ސްޓާފުން އުޅޭ ގޮތެއްވެސް އުޅޭ ހާލެއްވެސް ލިބޭ މުސާރަ އެެއްވެސް އެމްޑީއަކަށް ނޭންގޭ. އެމްޑީއަށް ވަނީ ކޮންމެ ވާހަކަ އެއް ބުންޏަސް ސަޕްރައިޒަކަށް،" އޭނާ ބުންޏެވެ.
މުވައްޒަފުންގެ ކަންކަން އެމްޑީއަށް ނޭންގި ހިނގަމުންދާތީ އެ ކުންފުނީގެ ކަންކަން "ބޮއްސުންލާފައިވާ" މިންވަރު ހާމަވާ ކަމަށް އޭނާ ބުންޏެވެ.
މޯލްޑިވިއަންގެ ޕައިލެޓް ބުނި ގޮތުގައި, މުވައްޒަފުން ކެނޑެނީ ސީޕްލޭން އެހެން އޮޕަރޭޓަރުން މި ދުވަސްވަރު ބޮޑެތި މުސާރަތައް ހުށަހަޅާތީ އެވެ.
"މިހާ ކުޑަ މުސާރައެއްގަ ކާކުތޯ ބޭނުންވަނީ މަސައްކަތް ކުރަން. މުސްތަގުބަލުގަ ކުރިއަށް އޮތް ތަނުގަވެސް އިތުރު މުވައްޒަފުންވެސް ދާނީ ކެނޑެމުން. ޕައިލެޓުން ދަނީ އެކި އެއާލައިންތަކަށް. މަންޓާއެއާ ކަހަލަ މިތަނަށްވުރެ ރަނގަޅު އޮފާތައް ކުރާ ތަންތަނަށް،"
މޯލްޑިވިއަންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، މޯލްޑިވިއަން ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ ހަދަން މަޝްވަރާތައް ފަށައިފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާތަނަށް އެކަން ކުރަނީ ކޮން ކުންފުންޏަކާއެކުކަން ހާމަނުކުރި ނަމަވެސް, އެކަން ކުރަން ވިސްނަނީ މެދުއިރުމަތީގެ އެއާލައިނަކާއެކު ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މޯލްޑިވިއަންއަކީ އައިލެންޑް އޭވިއޭޝަންގެ ދަށުން ދުއްވަމުން ދިޔަ ބޯޓުގެ ނަން ބަދަލުކޮށް ފެށި އެއާލައިނެވެ. އޮގަސްޓް 25، 2008 ގައި "މޯލްޑިވިއަން" އިފްތިތާހުކޮށްދެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އައިލެންޑް އޭވިއޭޝަންގައި 11 ސީޕްލޭން އޮވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑާ ގުޅިގެން މުސާރަތައް ކުޑަކުރުމުން ސީޕްލޭން ކެޕްޓަނަކަށް މިހާރު ލިބެނީ 70،000ރ ގެ މުސާރައެކެވެ.












