ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ މި ވަގުތު ހަވާލުވެހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ސުޒޭން ކޮވިޑަށް ޕޮޒިޓިވްވީ މީގެ ދެ ދުވަސް ކުރިން އަލާމާތް ފެނުމުން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ސުޒޭން ހޯމް ކަރަންޓީނުގައި ހުންނަން ޖެހިފައިވާއިރު، މާދަމާ ގައުމީ ޓީމުން ގަތަރު ޓްރެއިނިން ކޭމްޕަށް ފުރާނީ ސުޒޭން ނުލަ އެވެ. ސުޒޭން ޓީމާ ގުޅެންދެން ކަންކަން ލީޑުކުރުމުގެ ޒިންމާއާ ހަވާލުވާނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. އިންމަ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަގުތީ ހެޑް ކޯޗެއްގެ މަގާމު އަދާކޮށްފަ އެވެ. އެއީ މީގެ ފަސް އަހަރު ކުރިންނެވެ.
ކޮވިޑަށް ޕޮޒިިޓިވްވެފައިވާތީ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ގައުމީ ޓީމުގެ ބައްދަލުވުމުގައި ސުޒޭނަށް ބައިވެރި ނުވެވުނުއިރު، އެންމެ ފަހުން ގައުމީ ޓީމުން ބޭއްވި ޕްރެކްޓިސް ސެޝަނުގައި ޓީމުގެ ކަންކަން ކުރިއަށް ގެންދިޔައީ އިންމަގެ ބެލުމުގެ ދަށުންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ސިއްހީ ހާލަތު މޮނިޓާކޮށް ކޮވިޑް-19 އަށް ޓެސްޓް ހެދުމަށް ފަހު ނެގެޓިވްވުމުން ސުޒޭން ގައުމީ ޓީމާ ގުޅެން ގަތަރަށް ފުރާނެ އެވެ. ސުޒޭން، "އަދަދު" އަށް ބުނީ މިހާރު އޮތްގޮތުން މި މަހު 18 ވަނަ ދުވަހު ކޮވިޑަށް ޓެސްޓްކުރާނެ ކަމަށެވެ.
ގައުމީ ޓީމު އެންމެ ފަހުން މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރިއިރު، ޓްރެއިނިން ކޭމްޕަށް ދިއުމުގެ ކުރިން ކުރި ޓެސްޓްތަކުންނާއި ޓްރެއިނިން ކޭމްޕް ތެރެއިން ކުރި ޓެސްޓްތަކުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ ފަހަރު ކޭމްޕް ތެެރެއިން ޕޮޒިޓިވްވި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ފަހުން ކޮވިޑުން ރަނގަޅުވެ، އަލުން ޓީމާ ގުޅިފަ އެވެ.

ގައުމީ ޓީމުގެ ޓްރެއިނިންގެ ތެރެއިން އިންމަ (ކ) އާއި ސުޒެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މާދަމާ ހެނދުނު ގަތަރު ކޭމްޕަށް ފުރުމުގެ ކުރިން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ކޮވިޑަށް ޓެސްޓް ކުރިއިރު، އެ އެންމެން ވަނީ ނެގެޓިވްވެފަ އެވެ. އެފްއޭއެމުން ވަނީ ހުރިހާ ކުޅުންތެރިން ރައްކާތެރިކަމުގެ ކަންކަމަށް ސަމާލުކަންދީގެން އަމަލުކުރަން އަންގައިފަ އެވެ.
ސާފް ޗެމްޕިއަންޝިޕަށް މުޅިން ދިވެހި ޓީމެއް އެކުލަވާލުމުގެ އަމާޒާ އެކު ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ސުޒޭނު ގެނައީ މިދިޔަ މަހު އެވެ. ސުޒޭން ކުރިން ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގަ އެވެ. އޭރު ހެޑް ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ ޖޫން މަހު ނިމުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ނަތީޖާތަކާއި ކުޅުމުގެ ކަންކަން ބެލުމަށް ފަހު މަގާމުން ދުރުކޮށްފަ އެވެ.
އަންނަ މަހު 1-16 އަށް މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ގައުމީ ޓީމުން ކުރިއަށް ގެންދާނީ 18 ދުވަހުގެ ޓްރެއިނިން ކޭމްޕެކެވެ. މި ޓްރެއިނިން ކޭމްޕްގެ ތެރެއިން މެޗުތަކެއް ކުޅޭ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ގަތަރު ޓްރެއިނިން ކޭމަޕަށް ގައުމީ ޓީމު ދަނީ 30 ކުޅުންތެރިންގެ ސްކޮޑަކާ އެކީ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެއީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަ މަހު ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. ސްރީލަންކާއާ ދެކޮޅަށް 10 ވަނަ ދުވަހު ހަވީރު ކުޅޭ މެޗަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާއާ ބައްދަލުކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެރޭގަ އެވެ. ފައިނަލް އޮންނާނީ 16 ވަނަ ދުވަހުގެރޭގަ އެވެ.












