ބ. މާޅޮހުގައި ފީނަށް ގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރު ތުންގަނޑެއް ހެރިގެން ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައިވަނީ މާޅޮހުގައި ޑައިވިން ސެންޓަރެއް ހިންގާ، މާލޭ ރައްޔިތެއް ކަމަށްވާ އާދަމް އަބްދުއްރަހުމާން، 33، އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ފީނަން ގޮސް އުޅެނިކޮށް އާދަމްގެ ހިތާ ދިމާލު މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާ ދިނުމަށް މިއަދު ހަވީރު 4:10 ގައި ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހަކާ ގުޅޭގޮތް ނުވާތީ އެކަން ހިނގިގޮތް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.













