އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާއަށް އިތުރު 1،000ރ. ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ނައިބު ރައީސް ހިމެނޭ ގޮތަށް ބާކީ ތިބޭ ކައުންސިލަރުން ތަމްސީލުކުރަނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތައް ކަމުން، އެ ކައުންސިލަރުންނަށް މި ފަހަރު ކަނޑައަޅާފައިވަނީ ކޮންމެ ބައްދަލުވުމަކަށް ސިޓިން އެލަވަންސެކެވެ.
މިގޮތުން، ކޮންމެ ބަދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ކަނޑައަޅާފައިވީ ނަމަވެސް، މަހަކު އެ އަދަދު ގިނަވެގެން 2،000ރ. އަށް ވަނީ ލިމިޓުކޮށްފަ އެވެ.
ނަމަވެސް، އަތޮޅު ކައުންސިލުތަކުގެ ނައިބުންގެ މަސްއޫލިއްޔަތުތައް އިތުރުވާއިރު، މުސާރާއިގެ ގޮތުން އާންމު މެމްބަރުންނާ ފަރަގެއް ހުންނަންޖެހޭ ކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެ، އެކަން ކޮށްދިނުމަށް މަޖިލީހުގައި އެދުނެވެ.
މުސާރައާއި އެލަވަންސްތަކާ އެކު އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންނަށް މިހާރު 20،000ރ. ލިބެ އެވެ. އެކަމަކު އެއީ އަތޮޅު ކައުންސިލުގެ ރައީސް ފިޔަވައި ދެން ތިބޭ މެމްބަރުންނަށްވެސް ލިބޭ މުސާރަ އެވެ.

އެހެންކަމުން، އެލްޖީއޭގެ އެދުމަށް ރިއާއަތްކޮށް އެކަން ދިރާސާކުރި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް ދެވޭ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު އިތުރު 1،000ރ. ގެ އެލަވަންސެއް ދިނުމަށެވެ.
މާލިއްޔަތު ކޮމިޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.
އެހެން ކައުންސިލަރުންނަށް ލިބެނީ ކިހާވަރެއް؟
ސިޓީ ކައުންސިލުތަކުގައި މޭޔަރަކަށް 40،000ރ.، ޑެޕިއުޓީ މޭޔަރަކަށް 35،000ރ. އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ ލިބެ އެވެ.
އަތޮޅު ކައުންސިލްގެ ރައީސަކަށް 28،000ރ. އަށް ލިބޭއިރު، ރަށު ކައުންސިލުތަކުގެ ރައީސުންނަށް އެލަވަންސްތަކާއެކު 20،000ރ. ލިބެ އެވެ.
އަދި ރަށު ކައުންސިލު މެމްބަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 13،000ރ. ލިބޭނެ އެވެ.












