ޒިއުރިކް (ސެޕްޓެމްބަރު 8) - އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ރިލީސްނުކުރާތީ އެ ކުޅުންތެރިންނަށް ފީފާ އިން އަދަބު ދޭނަމަ އެކަން ވީ އެންމެ އަވަހަށް އަންގަން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ގޮވާލައިފި އެވެ.
ރެޑް ލިސްޓުގައި އޮތް ގައުމުތަކުގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ. ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ. އެހެންވެ، ކްލަބްތަކުން ކުޅުންތެރިން ދޫނުކުރީ އެވެ.
ޕްރިމިއާ ލީގު ކްލަބްތަކުން ގިނައިން ދޫނުކުރީ ބްރެޒިލް ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ ލިވަޕޫލްގެ އެލިސަން ބެކާ، ރޮބާޓޯ ފިރްމީނޯ، ފަބީނިއޯ، މެންޗެސްޓާ ސިޓީގެ ގަބްރިއެލް ޖީސޫސް އާއި އެޑަސަން މޮރާއެސް، ޗެލްސީގެ ތިއާގޯ ސިލްވާ، މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް، އެވަޓަންގެ ރިޗާލިސަން އަދި ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގައުމީ ޓީމުތަކަށް ރިލީސްނުކުރި ކުޅުންތެރިން 5-10 ދުވަހަށް ސަސްޕެންޑްކުރަން ފީފާ އިން ނިންމާނެ އެވެ. އެކަމަކު، ލީގުތަކުގެ މެޗުތައް އަލުން މި ހޮނިހިރު ދުވަހު ފަށަން ކްލަބްތަކުން ތައްޔާރުވަމުން އަންނައިރު، އަދިވެސް ކުޅުންތެރިން ސަސްޕެންޑްވާނެތޯ ރަސްމީކޮށް އަންގާފައި ނުވާތީ ކްލަބްތަކުން ކަންބޮޑުވެ އެވެ.
އީސީއޭ އިން ފީފާ އަށް ގޮވާލާފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ކުޅުންތެރިންނަށް ދޭ އަދަބެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
ޕްރިމިއާ ލީގުގެ ކްލަބްތަކުން ބްރެޒިލް ކުޅުންތެރިން ރިލީސްނުކުރި ނަމަވެސް ދެކުނު އެމެރިކާގެ އެހެން ގައުމުތަކުގެ ކުޅުންތެރިން ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ކުޅުންތެރިން ހިމެނެ އެވެ.
އެ ގޮތުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އާއި މިޑްފީލްޑަރު އެމީ ބުއެންޑީއާގެ އިތުރުން ޓޮޓެންހަމްގެ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ އާއި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ވަނީ އާޖެންޓީނާ އިން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ކުޅެފަ އެވެ.
އެކަމަކު، އާޖެންޓީނާގެ އެ ހަތަރު ކުޅުންތެރިންގެ ތެރެއިން މާޓީނޭޒް އާއި ލޮ ސެލްސޯ އަދި ރޮމޭރޯ ލައިގެން ބްރެޒިލާ ދެކޮޅަށް މެޗު ކުޅެން ފެށިތާ ފަސް މިނިޓް ތެރޭ މެޗު ހުއްޓާލަން ޖެހުނެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިން ބާލަން ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުން ގޮވައިގެން ދަނޑަށް އެރުމުންނެވެ.












