އަމްސްޓެޑަމް (ސެޕްޓެމްބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ނެދަލެންޑްސް އިން ވަރުގަދަ ތުރުކީ އަތުން 6-1 އިން ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
މިއީ ތިން ވަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ލުއީ ވެން ހާލް އެ ޓީމުގެ ޒިންމާ މި ފަހަރު ނެގި ފަހުން ކޯޗުކޮށްދިން ތިން ވަނަ މެޗެވެ. ވެން ހާލް އެނބުރި އައި ފުރަތަމަ މެޗުން ނޯވޭ އަތުން 1-1 އިން ނެދަލެންޑްސް ވީ އެއްވަރެވެ. ދެ ވަނަ މެޗުން މޮންޓަނެގްރޯ އަތުން 4-0 އިން ނެދަލެންޑްސް މޮޅުވިއިރު، ތިން ވަނަ މެޗުން މިރޭ މި ވަނީ މެޗަށް ނުކުތްއިރު ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނައިގައި އޮތް ތުރުކީ ކޮޅަށް ހަ ގޯލު ޖަހައި އެއް ވަނަ މަގާމަށް އަަރައިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ނެދަލެންޑްސް އިން މިރޭގެ މެޗުގެ ފުރަތަމަ 38 މިނިޓް ތެރޭ ތިން ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ މިނިޓްގައި މެމްފިސް ޑިޕާއި ދިން ބޯޅައަކުން ޑޭވީ ކްލާސެން ވަނީ ނެދަލެންޑްސް އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 16 ވަަނަ މިނިޓްގައި ޑިޕާއި ނެދަލެންޑްސްގެ ދެ ވަނަ ގޯލު ޖެހިއިރު، 38 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޑިޕާއި ވަނީ ނެދަލެންޑްސްގެ ތިން ވަނަ ގޯލު ވެސް ކާމިޔާބު ކޮށްފަ އެވެ.

ތުރުކީގެ ޑެމިރަލް (ކ) ކައިރިން ޑިޕާއި ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މެޗުގައި ތުރުކީ އަށް އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ދެ ވަނަ ހާފްގައި ތުރުކީ އިން ކުޅުނުއިރު، ނެދަލެންޑްސް އިން އިތުރު ތިން ގޯލު ޖެހި އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޑިޕާއި ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ނެދަލެންޑްސް ޖޯޒީގައި އޭނާގެ ފުރަތަމަ ހެޓްރިކް އެވެ.
ނެދަލެންޑްސްގެ އަނެއް ދެ ގޯލު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ގޫސް ޓިލް އާއި ޑޮންޔެލް މާލެން އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ތުރުކީގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޗެންގިޒް އުންޑެއާ އެވެ.
މި މޮޅާ އެކު ނެދަލެންޑްސް ވަނީ ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނައިގައި އަށް ޖެހިލައިފަ އެވެ. ތުރުކީ ވަނީ ތިން ވަަނަ އަށް ވެއްޓިފަ އެވެ.
ތިން ވަނައިގައި އޮތް ތުރުކީ އަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ނެދަލެންޑްސް އާއި ދެ ވަނައިގައި އޮތް ނޯވޭ ވަނީ ހަ މެޗުން 13 ޕޮއިންޓް ހަމަކޮށްފަ އެވެ. ނޯވޭ މިރޭ ވަނީ އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު 5-1 އިން ގިބްރޯލްޓާ ބަލިކޮށްފަ އެވެ.

ފިންލެންޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކޮލިފައިންގައި ފްރާންސް މިރޭ ކުޅުނު މެޗުން ފިންލެންޑް އަތުން 2-0 އިން މޮޅުވެ، ވަނީ ފަސް މެޗަށް ފަހު ފުރަތަމަ މޮޅު ހޯދައިފަ އެވެ. ކޮލިފައިންގައި އެންމެ ފަހުން ފްރާންސް ކުޅުނު ދެ މެޗުން ވެސް ވީ އެއްވަރެވެ.
ފްރާންސްގެ ދެ ގޯލު ވެސް ޖެހީ ދާދި ފަހުން ބާސެލޯނާ ދޫކޮށް އަލުން އެތުލެޓިކޯ މެޑްރިޑަށް އަލުން ބަދަލުވި އެންޓޮއިން ގްރީޒްމަން އެވެ. ދެ ވަނަ ހާފްގައި ހެޓްރިކް ހަދަން ގްރީޒްމަން އަށް ލިބުނު ފުރުސަތު ނަގާލިއިރު، ފްރާންސްގެ އަނެއް ފޯވާޑް ކަރިމް ބެންޒެމާ ގޯލު ޖަހަން ފޮނުވާލި ބޯޅަ ފިންލެންޑްގެ ލޫކަސް ރަޑޭޗީ ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި ގްރީޒްމަން ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ލިސްޓުގެ ތިން ވަނައިގައި އޮތް މިޝެލް ޕްލެޓިނީއާ އެއްވަރުކޮށްފަ އެވެ. އެއީ 41 ގޯލު ޖަހައިގެންނެވެ. ލިސްޓުގެ ކުރީގައި އޮތީ 46 ގޯލު ޖަހާފައިވާ އޮލީވިއޭ ޖިރޫޑާއި 51 ގޯލު ކާމިޔާބު ކޮށްފައިވާ ތިއަރީ އޮންރީ އެވެ.
ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފްރާންސް އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތް ޔޫކްރެއިނަށް ފަސް މެޗުން ލިބުނީ ފަސް ޕޮއިންޓެވެ.
ސަސްޕެންޝަނުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު ޕޯޗުގަލް އިން ވަނީ 3-0 އިން އަޒަރުބައިޖާން ބަލިކޮށްފަ އެވެ. ބެނާޑޯ ސިލްވާގެ ގޯލުން ޕޯޗުގަލް ލީޑުނެގި މި މެޗުގައި އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ އަންޑްރޭ ސިލްވާ އާއި ޑިއޯގޯ ޖޮޓާ އެވެ. ގްރޫޕް އޭގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ.
ކޮލިފައިންގައި ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓަމުން އަންނަ ޑެންމާކުން ވަނީ މިރޭ ކުޅުނު މެޗުން އިޒްރޭލް އަތުން 5-0 އިން މޮޅުވެފަ އެވެ. ޑެންމާކް ވަނީ ކޮލިފައިންގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފަ އެވެ.
ދެން މި ފަހަރުގެ ކޮލިފައިންގައި މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަނީ އިންގްލެންޑް އެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން އިންގްލެންޑް މޮޅުވެފައިވާއިރު، ހަ ވަނަ މެޗުގައި މާދަމާރޭ ޕޮލެންޑާ ދެކޮޅަށް އެ ގައުމުގައި ނުކުންނާނެ އެވެ.












