އަންނަ ހުކުރު ދުވަހު މާލޭގައި މަސް ބޭނުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފި އެވެ.
ކޯޓްޔާޑް ޑީކޭ ފިޝިން ޗެލެންޖްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ހަރަކާތަކީ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކެއް އަމިއްލަ އަށް އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މިއީ، މަސްވެރިކަމަށް ލޯބިކުރާ ގިނަ ފަރާތްތަކަކަށް އުފާވެރި މާހައުލެއްގައި ވާދަވެރިކަމާއި އެކު އެބައެއްގެ މަސްވެރިކަމުގެ ހުނަރު ދައްކާލަން ލިބެނޭ ރަނުގެ ފުރުސަތެކެވެ.
ތަފާތު ހަތް ޓީމަކުން 40 މެންބަރުން ބައިވެރިވާ މި ފިޝިން ޗެލެންޖް ފަށަނީ ހުކުރު ދުވަހުގެ މެންދުރުފަހު 2 ޖަހާއިރު އެވެ. އަދި މަސް ބޭނުމަށްފަހު އެނބުރި މާލެ އަށް އައުމަށް ދީފައިވާ ގަޑިއަކީ އެރޭގެ 11 ޖަހާއިރެވެ. އެއަށްފަހު މުބާރާތުގެ ވަނަ ހޮވުމަށްޓަކައި ހާއްސަ ހަރަކާތެއް މޭރީ ބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި އެރޭ ކުރިއަށްދާނެ އެވެ.


މުބާރާތުގެ ޕޯސްޓަރު.
"ގަވާއިދުގައި މި އޮންނަނީ 11 ޖަހާއިރު ކޮންމެ ޓީމެއްވެސް މާލޭގެ ދެކުނު ފަރާތު ނެރުން ވަންނަން ޖެހޭނެޔޭ،" ފިޝިން ޗެލެންޖް އިންތިޒާމު ކުރާ ޓީމުގެ ފަރާތުން ހުސްނޫ ނާހިދު ބުންޏެވެ.
އެންމެ ބަރުކޮށް މަސް ބާނާ ޓީމާއި އަދި އެންމެ ބޮޑު މަސް ބާނާ ފަރާތް ހޮވުމަށް ބާއްވާ ހާއްސަ ހަރަކާތް އެރޭގެ 10 ޖަހާއިރު ބޮޑުބެރާއި އެކީގައި ފަށާނެ އެވެ. އަދި މި ހަރަކާތުގައި އާންމުންނަށްވެސް ބައިވެރިވެވޭނެ ހެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާއިރު، ޓީމުތަކުން ބާނާ މަސްތައް އެރޭ އެ ސަރަހައްދުގައި ބެހުމަށްވެސް ވަނީ ނިންމާފަ އެވެ.
"ބޭނުންނަމަ ވިއްކުމަށްވެސް އަޅުގަނޑުމެންގެ ހުރަހެއް ނެތް. ބޭނުމަކީ ގިނަ ބަޔަކު ބައިވެރިކޮށްގެން ފޯރިގަދަކޮށް މިކަން ކުރިއަށް ގެންދިއުން،" ނާހިދު ބުންޏެވެ.
"މުޅި ހަރަކާތުގެވެސް މަގްސަދަކީ މިހާރު ވަރަށް ބޮޑަށް މަސްވެރިކަމުގައި ތެރޭގައި ވަރަށް ގިނަ ޒުވާނުން އުޅޭތީ އެމީހުންނަށް ވާދަވެރި މާހައުލެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދަދިނުން. މިހާރު މުނިފޫހިފިލުވުމަށް މަސް ބާނާ މީހުން ވަރަށް ގިނަ. އަނެއްކާ މަސް ބޭނުމުގެ ގިނަ އުކުޅުތަކެއް މިހާރު ތައާރަފްކޮށްފި. އެހެންވީމަ އެ ހުރިހާ އުކުޅުތަކެއްވެސް އެންމެންނަށް ބޭނުންކޮށްލެވޭނެ ފުރުސަތު ދިނުން އަސްލު ބޭނުމަކީ."







