މިއަދު މެންދުރު ފަހު ކަލާފާނު ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރަކު އޭނާއާއެކު ކިޔަވާ އެހެން ކުއްޖެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމާލީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ޒަހަމްވި ކުއްޖާގެ އާއިލާގެ މީހަކު ބުނީ ހަމަލާ ދީފައި ވަނީ ކުއްޖާގެ ބޮލަށާއި އަތަށާއި ކޮނޑަށް ކަމަށެވެ. އަދި އެންމެ ބޮޑު ޒަހަމެއް ލިބިފައި ހުރީ ބޮލަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑަކަށް ވެސް ނޭނގޭ ކީއްވެ ހިނގި ހާދިސާއެއް ކަމެއް. މިހާރު ކޮއްކޮ އޮތީ ސާޖަރީއެއްކޮށް ނިންމާފަ އޮބްޒަވޭޝަންގައި އެޑްމިޓްކޮށްފަ،" އޭނާ ބުންޏެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ މާރާމާރީ ހިންގާފައި ވަނީ މެންދުރުފަހު 3:00 ގެ ފަހުން ސްކޫލްގެ އިމްތިހާނު ހޯލުގައި ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން ބުނީ މާރާމާރީއެއް އެ އިދާރާއަށް ރިޕޯޓުކޮށްގެން އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ޖިނާއީ ކުށްތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޖުވެނައިލް ކޯޓުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ކުޑަކުދިންގެ ތެރޭގައި އެންމެ ގިނައީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ.
އޭގެ އިތުރުން، ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިދިޔަ އަހަރު އާންމު ކުރި ރިޕޯޓަކަށް ބަލާއިރު ނުރައްކާތެރި ޖިނާއީ ކުށްތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.
"މީހުންގެ ފުރާނައަށް ގެއްލުންވާ ބާވަތުގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ ސަގާފަތެއް އުފެދެމުން ދާކަން ފާހަގަކުރެވޭ. މިފަދަ ނުރައްކާތެރި އަމަލުތަކުގައި ކުޑަކުދިން ބައިވެރި ކުރުވާކަން ނުވަތަ އެކުދިންނަށް އިސް ދައުރެއް އަދާކުރުމަށް ޝާމިލުކުރުވަމުން ދާކަން ވެސް ފާހަގަކުރެވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.












