ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ނިންމައިފި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ ޝަރީއަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރެއްގެ އަޑު ހިމެނޭ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއެކު އެވެ.
އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަދި ފުލުހުންގެ އިދާރާއިން ބަލަމުންދާއިރު އެ ސުވާލު އުފެދިގެން އުޅޭ ފަނޑިޔާރުން ކަމަށްވާ އަހުމަދު ސަމީރާއި އަލީ އާދަމާއި ހުސެއިން ފާއިޒު ރަޝާދު ވަނީ އޯޑިއޯތަކަކީ ސައްހަ އެއްޗެހި ނޫން ކަމަށް ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ފަނޑިޔާރުގެތަކަށް ސަރުކާރުގެ ނުފޫޒު އޮތްކަން ޔަގީން ކަމަށާއި ބާއްވަން އުޅެނީ "ރައްޔިތުންގެ ހަރަކާތެއް" ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ވީހާ ވެސް ގިނަ ބޭފުޅުން މި ކަމުގައި ބައިވެރިވެ، މި ސަރުކާރުން ހޯދައިދޭން ވައުދުވެވަޑައިގެންނެވި އިންސާފު ނުލިބިއްޖެ ކަމާއި ފަނޑިޔާރުގެތަކަށް ފޯރުވާ ނުފޫޒުން މި ސަރުކާރު ދުރުކުރުމަށް ދިވެހި ރާއްޔިތުން އަޅުގަނޑުމެންނާ ބައިވެރިވުން،" ސުޖާއު ވިދާޅުވި އެވެ.

އިދިކޮޅުން އަދި ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވުނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށެވެ. ނަމަވެސް އަލީ ޒާހިރު ވަނީ އިއްޔެ އެކަން ދޮގު ކުރައްވައިފަ އެވެ.
އެކަމަކު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ސުޖާއު ވިދާޅުވީ ޕީޕީއެމްގެ "ގަވަމަންޓް ވޮޗް" ޑިޕާޓްމަންޓަށް ސަރުކާރުގެ ހިންގާ ގޮތް އެނގޭ ކަމަށާއި "ހަތް ހުވާ ކުރިޔަސް، އަލީ ޒާހިރު މީގައި ހޭކިފައި އެބަހުރި" ކަމަށެވެ.
އޭގެ އިތުރުން ސުޖާއު ވިދާޅުވީ ޖަލަށް މިހާރު ގެކޮޅުގައި ބަންދުކުރައްވާފައި ހުންނެވި ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފާނެތީ އެމަނިކުފާނު ބިރުނުގަންނަ ކަމަށާއި ހައްގު ބަސް ބުނުން މަތީ ޔާމީން ހުންނަވާނެ ކަމަށެވެ.
"އެއްވެސް ރައީސަކަށް އެމަނިކުފާނު ކުރެއްވި ހިތްވަރެއް ނުކުރެވުނެއް ނޫންތޯ، ޖަލަކު ވެސް ނޯވެވުނު ނޫންތޯ. ރައީސް ޔާމީނަކީ ޖަލުގަ އޮންނަން ބިރުން އުޅުއްވާ ލީޑަރެއް ނޫން. އެމަނިކުފާނު ޖަލަށް ގެންގޮސްފާނެތީ ރައީސް ޔާމީން ބިރަކުން ނޫޅޭ،" އޭނާ ވިދާޅުވި އެވެ.
އޯޑިއޯތައް ލީކުވި ކަމަށް ބުނާ ފަނޑިޔާރުންގެ އިތުރުން ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ކުރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.
އޭނާއަށް ރައްދުވާ ތުހުމަތުތައް ދޮގު ކުރައްވާ އަލީ ޒާހިރު ވިދާޅުވެފައި ވަނީ އެއީ އިދިކޮޅުން "ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް" ކަމަށެވެ. އަދި އޭނާއަށް ކުރި ތުހުމަތު އޭނާ އަނބުރާލެއްވީ އިދިކޮޅަށެވެ.
"މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް. އިއްތިފާގެއް ނޫން ކަންނޭނގެ މިކަން މި ހިނގަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކެއް ފަށައިގެން ކުރިއަށްދާއިރުކަން. މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެހެނިހެން ގޮތް ގޮތުން ވަނުމުގެ ބޭނުމުގައި ހިންގާ ކަމެއް،" އާދީއްތަ ދުވަހު އަލީ ޒާހިރު ވިދާޅުވި އެވެ.












