ބާމިންހަމް (ސެޕްޓެމްބަރު 7) - އިންގްލެންޑްގެ ކަރަންޓީނުވުމުގެ އުސޫލުތައް އޮތްގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އަށް ކުޅޭ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒާއި މިޑްފީލްޑަރު އެމީ ބުއެންޑީއާ ނިންމާފައިވަނީ އިންގްލެންޑަށް އައުމުގެ ކުރިން ކްރޮއޭޝިއާގައި ވަކި މުއްދަތެއް ވަންދެން ތިބުމަށް ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފަ އެވެ.
އިންގްލެންޑް ސަރުކާރުން ކޮވިޑް-19ގެ ރައްކާތެރިކަން ކަށަވަރުކުރަން ދަތުރު ފަތުރުކުރުމުން ރައްކާތެރިވާން ކަނޑައަޅާފައިވާ ރެޑް ލިސްޓްގެ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެ އެވެ. ރެޑް ލިސްޓްގައި ހިމެނޭ ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންޑަށް ގޮސް، އިނގިރޭސި ސަރުކާރުން ކަނޑައަޅާ ހޮޓަލެއްގައި 10 ދުވަހުގެ ކަރަންޓީނެއް ފުރިހަަމަކުރަން ޖެހޭނެ އެވެ. އެ އުސޫލުން ބަލާ ކަމަށްވާނަމަ ބުއެންޑީ އާއި މާޓީނޭޒް އާޖެންޓީނާ އިން ފުރައިގެން ސީދާ އިންގްލެންޑަށް އަންނަ ނަމަ ޖެހޭނީ ކަރަންޓީނަށް ދާށެވެ. ކަރަންޓީނުގައި ހުންނައިރު ޓްރެއިނިން ކުރިއަށް ގެންދަން އުނދަގޫވާނެ އެވެ.
މިހާރު އޮތްގޮތުން ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އިން އަންނަ ބުރާސްފަތި ދުވަހު ބޮލިވިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ބުއެންޑީއާ އާއި މާޓީނޭޒް ނުކުޅޭނެ އެވެ. އޭގެ ކުރިން އެ ދެ ކުޅުންތެރިން ދިއުމަށް ހަމަޖެހިފައިވަނީ ކްރޮއޭޝިއާ އަށެވެ. ކްރޮއޭޝިއާގައި 10 ދުވަހުގެ މުއްދަތަކަށް ތިބޭއިރު، ކަރަންޓީނު ވާން ނުޖެހި އެސްޓަން ވިލާ އިން ދޭ ޓްރެއިނިން ޕްރޮގްރާމެއްގެ ތެެރެއިން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ އެވެ.
ކްރޮއޭޝިއާ އަކީ އިންގްލެންޑްގެ ގްރީން ލިސްޓުގައި އޮތް ގައުމެއް ކަމަށްވާތީ ކްރޮއޭޝިއާގައި 10 ދުވަސް ފުރިހަމަކުުރުމަށް ފަހު ކަރަންޓީން ވުމެއް ނެތި އިންގްލެންޑަށް ގޮސް މާޓީނޭޒާއި ބުއެންޑީއާ އަށް ޓީމާ ގުޅެވޭނެ އެވެ.
އެސްޓަން ވިލާ އިން ބުއެންޑީއާ އާއި މާޓީނޭޒް ގައުމީ ޓީމާ ގުޅެން ފުރުސަތު ދިނީ އެ ދެ ކުޅުންތެރިންނަށް ކަރަންޓީނު އުސޫލު އޮތްގޮތުން މެޗު ގެއްލޭނެކަން އެނގިހުރެ އެެވެ. މިހާރު އޮތްގޮތުން އެ ދެ ކުޅުންތެރިންނަސް އެނބުރި އާދެވޭނީ މި މަހު 18 ގައި އެވަޓަންއާ ކުޅޭ މެޗެވެ. އެ ދެ ކުޅުންތެރިންނަށް ގެއްލޭނީ އަންނަ ހަފްތާގައި ޗެލްސީއާ ކުޅޭ މެޗެވެ.
ބްރެޒިލް-އާޖެންޓީނާ މެޗުގެ މައްސަލައިގައި ފީފާ އިން އަވަސް ހައްލެއް ހޯދާނެ
ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެމެރިކާގެ ބުރުގައި އާދިއްތަ ދުވަހުގެރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗު ހުއްޓާލީ އެވެ. ސިއްހީ އޮފިޝަލުން ދަނޑަށް އެރީ ބުއެންޑީއާ އާއި މާޓީނޭޒްގެ އިތުރުން އާޖެންޓީނާ އަށް ކުޅޭ ކްރިސްޓިއަން ރޮމޭރޯ އާއި ޖިއޮވާނީ ލޮ ސެލްސޯގެ މައްސަލައެއްގަ އެވެ. ލޮ ސެލްސޯ އާއި ރޮމޭރޯ އަކީ އިންގްލެންޑްގެ ޓޮޓެންހަމަށް ކުޅޭ ދެ ކުޅުންތެރިންނެވެ.
މި ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ނިންމީ އެ ކުޅުންތެރިން ތިބީ ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފުވެފައިވާ ކަމަށެވެ. އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.
ބްރެޒިލް އޮފިޝަލުން އާޖެންޓީނާގެ އެ ހަތަރު ކުުޅުންތެރިންގެ މައްޗަށް ކުރާ ތުހުމަތަކީ މައުލޫމާތު އޮޅުވާލިކަމުގެ ތުހުމަތެވެ. އެ ފަދަ ގޮތަކަށް ބްރެޒިލަށް އެތެރެވާ މީހުން ގައުމުން ޑީޕޯޓްކޮށްލާ ގޮތަށް އުސޫލު ހަދާފައިވާއިރު، އާޖެންޓީނާގެ އެ ކުޅުންތެރިންނާ މެދު ބްރެޒިލްގެ ފުލުހުން އަމަލުކުރަން އުޅުނީ އެ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި މައްސަލައިގައި ފީފާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗު ހުއްޓާލަން ޖެހުނު ގޮތަކީ ފުޓްބޯޅަ އަށް ލިބުނު ދެރައެއް ކަމަށާއި މެޗުގެ ރެފްރީ ރިޕޯޓާއި އެެހެނިހެން ރިޕޯޓްތައް ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަރަށް އަވަހަށް ދިރާސާކުރާނެ ކަމަށެވެ. އަދި އެ އަށް ފަހު މި މެޗާ ބެހޭގޮތުން ވަކި ގޮތެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ފީފާގެ ބަޔާނުގައިވެ އެވެ.
ދެކުނު އެމެރިކާގެ ކުޅިވަރު މީޑިއާ ޓައިކް ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި މެޗު އަލުން ކުޅުވަން ބަލާއިރު ފީފާ އަށް އޮތް ގޮންޖެހުމަކީ އަނެއްކާ ވެސް ޝެޑިއުލް ރާވާނެ ގޮތަކާ މެދު އިތުރު މަޝްވަރާތަކެއް ކުރަން ޖެހުމެވެ. ކޮވިޑް-19ގެ ސަބަބުން މިހާރު ވެސް ލަސްވެފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ނިންމާލަން ފީފާ އިން ވަރަށް އަވަހަށް ބޭނުންވުމާ އެކު، ބްރެޒިލާއި އާޖެންޓީނާގެ މެޗު ކޮންމެވެސް އެއް ޓީމަކަށް ޕޮއިންޓް ލިބޭ ގޮތަށް ނިންމާލުމުގެ ވެސް ކޮންމެ ވެސް ވަރެއްގެ ފުރުސަތެއް އެބައޮތެވެ.












