ރާއްޖޭން ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު ކުރިއާ އަޅާބަލާއިރު އިތުރު ވަމުން ދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭން މިހާރު ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަނީ އަތޮޅު ތެރެއިންނެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު ދުވަހު މާލެ ސަރަހައްދުން ވެސް ޕޮޒިޓިވްވާ ރޭޓް ވަނީ އިތުރު ވާން ފަށައިފަ އެވެ. ވިހިން ތިރީގައި ހުރުމަށް ފަހު މި ހަތަރު ދުވަހު ޕޮޒިޓިވް ރޭޓް އުޅެނީ ދުވާލަކު 40 އާއި 60 އާ ދެމެދުގަ އެވެ.
އެޗްއީއޯސީގައި އިސްކޮށް އުޅުއްވާ ހެލްތް މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން (ތަހޭ) މިއަދު "އަދަދު" އަށް ވިދާޅުވީ ކުޑަކުދިން ޕޮޒިޓިވްވާ ރޭޓް އިތުރުވާއިރު ސްކޫލްތަކުގައި ވެސް ކޮންޓެކްޓުން އުޅޭ ކަމަށެވެ. ނަމަވެސް ކުދިންނަށް ކޮވިޑް ޖެހެނީ ސްކޫލުންނޭ ސީދާ ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަކުދިންގެ ވެސް ވަރަށް މޫވްމެންޓްސް ގިނަ ދެއްތޯ. ދެން ޕޮޒިޓިވްވިޔަސް ވީކަން ވެސް އެނގޭނީ ސްކޫލުން އަންނަ ފަހުންތާ. އެކަމަކު ޕޮޒިޓިވް ވަނީ ސްކޫލަށް ދާތީއޭ ނުބުނެވޭނެ،" ތަސްލީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކުޑަ ކުދިން ޕޮޒިޓިވްވާ ރޭޓް ދަށް ކުރެވޭނީ ކޮންމެހެން ތާން ޖެހޭ ތާކަށް ނޫނީ ދިއުން މަދު ކޮށްގެންނާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ވެކްސިން ޖަހައި ނިންމުން މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.

"ދެ އަހަރުން މަތީގެ ކުދިން ދެއްތޯ މާސްކް އަޅަން މިއޮންނަނީ. އެހެންވީމާ މާސްކް އެޅޭ ކުދިން މާސްކް އެޅުމުން މުހިންމު. އަދި ރޯގާގެ އަލާމާތެއް ހުރެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުން މުހިންމު،" ތަސްލީމާ ވިދާޅުވި އެވެ.
މިދިޔަ މަހު ދިރާސީ އާ އަހަރަކަށް ސްކޫލްތައް ހުޅުވާފައިވާއިރު ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. ނަމަވެސް ކުދިން ސްކޫލަށް ދާ ވަގުތާއި ނިމޭވަގުތު ބެލެނިވެރިންނާއި ދަރިވަރުން އެއްވެ އުޅުން އަދިވެސް އާންމެވެ.












