ސިއްހީ އޮފިޝަލުން ދަނޑަށް އެރުމުން ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ހުއްޓާލައިފި

Sep 5, 2021, 7:47 PM
ިމިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާ އާއި ބްރެޒިލް ކުޅުންތެރިންނާއި ބްރެޒިލްގެ ސިއްހީ އޮފިޝަލުން ދަނޑުމަތީގައި.-- ފޮޓޯ: އޭއެފްޕީ

ިމިރޭގެ މެޗުގެ ތެރެއިން އާޖެންޓީނާ އާއި ބްރެޒިލް ކުޅުންތެރިންނާއި ބްރެޒިލްގެ ސިއްހީ އޮފިޝަލުން ދަނޑުމަތީގައި.-- ފޮޓޯ: އޭއެފްޕީ

ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 6) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފެށިތާ ފަސް މިނިޓް ތެރޭ ބްރެޒިލްގެ ސިއްހީ އޮފިޝަލުންނާއި ފުލުހުން ދަނޑަށް އެރުމުން މެޗު ހުއްޓާލައިފި އެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލްގެ ކަރަންޓީނު އުސޫލާ ހިލާފުވެފައިވާ ކުޅުންތެރިންތަކެއް ހިމެނޭ ކަމަށް ބުނެ އެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގު ކްލަބްތަކުގައި ކުޅޭ އާޖެންޓީނާގެ ކުޅުންތެރިންނެވެ. އިންގްލެންޑް އޮތީ ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓްގަ އެވެ.

މި މެޗަށް އާޖެންޓީނާ އިން ނެރުނު ފުރަތަމަ އެގާރައިގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ހިމެނެ އެވެ. އަދި ބެންޗުގައި އެސްޓަން ވިލާ އަށް ކުޅޭ އެމީ ބުއެންޑީއާ ވެސް ހުއްޓެވެ.

ނޭމާ (ވ) އާއި މެސީ މިރޭގެ މެޗުގެ ތެރެއިން ދަނޑުމަތީގައި ތިބެ ވާހަކަ ދައްކަނީ.

މި ކުޅުންތެރިން އިންގްލެންޑް ދޫކުރިތާ 14 ދުވަސް ނުވާތީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ނިންމީ އެ ކުޅުންތެރިން ތިބީ ބްރެޒިލްގެ ސިއްހީ ޕްރޮޓޮކޯލާ ހިލާފުވެފައިވާ ކަމަށެވެ. ޖޫން މަހު ފަހުކޮޅު ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބްރެޒިލްގެ ސިއްހީ ވުޒާރާއިން ނިންމާފައިވަނީ އިންގްލެންޑާއި އިންޑިއާ އަދި ދެކުނު އެފްރިކާ އިން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ނަމަ ބްރެޒިލަށް އައިސްފިނަމަ އެ ގައުމުގައި ވަކި މުއްދަތެއްގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަަމަށެވެ.

ކޮރިންތިއަންސް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން މާގިނަ އިރެއްނުވެ ބްރެޒިލްގެ ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އެރި ގޮތަށް ކަރަންޓީނާ އުސޫލާ ހިލާފުވި ކުޅުންތެރިންގެ އިތުރުން މުޅި އާޖެންޓީނާ ޓީމު ވަނީ ދަނޑުން ބާލައިފަ އެވެ.

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މެޗު ކުރިއަށްގެންދެވޭތޯ އޮފިޝަލުންނާ މަޝްވަރާ ކޮށްފަ އެވެ. އެކަމަކު ފަހުން އާޖެންޓީނާ ކުޅުންތެރިން ވަނީ ޗޭންޖިން ރޫމަށް ގޮސްފަ އެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ ދަތުރުފުރުމުގައި ސަމާލުވުމުގެ ރެޑް ލިސްޓުގައި ބްރެޒިލް ހިމެނޭތީ ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިންގެ ކްލަބްތަކުން އެ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްނުކުރެ އެވެ. އެހެންވެ، ބްރެޒިލް ޓީމުގައި އާންމުކޮށް ހިމެނޭ ނުވަ ވަރަކަށް ކުޅުންތެރިން މި ވަގުތު ތިބީ އިންގްލެންޑްގަ އެވެ.

އާޖެންޓީނާ އިން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް މީގެ ދެ ދުވަހެއް ކުރިން ބްރެޒިލަށް އައިސް ހޮޓަލްގައި ތިބިއިރު، ވަނީ ސިއްހީ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކޮށްފަ އެވެ. އާޖެންޓީނާ އިން ބްރެޒިލަށް އައީ ވެނެޒުއޭލާއާ ދެކޮޅަށް އެ ގައުމުގައި ކުޅުމަށް ފަހު އެވެ. އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޝަކުވާ އަކީ އެ މެޗު ކުޅެން ފެށި ފަހުން ސިއްހީ އޮފިޝަލުން ފުލުހުންނާ އެކު ދަނޑަށް އަރައި ކުޅުންތެރިން ބާލަން ޖެހުމެވެ.

އާޖެންޓީނާގެ މީޑިއާ އަކަށް މެސީ ދިން އިންޓަވިއުއެއްގައި ބުނީ ދެ ދުވަސް ކުރިން ބްރެޒިލަށް އައިސް މެޗު ކުޅެން ދަނޑަށް އައުމަށް ފަހު ވެސް ކުޅުންތެރިން ގަޑިއިރެއް ވަންދެން ތިބިއިރު ނުކުޅެވޭނެ ކަމަށް ނުބުނާ ކަމަށެވެ.

"ފަސް މިނިޓް ފަހުން ހުއްޓާލަން ޖެހޭކަން އެ މީހުންނަށް އެނގޭނަމަ މެޗު ފަށަންވީ ސަބަބެއް ނޭނގުނު. އަހަރެމެން ގަޑިއިރަކަށް ވުރެ ގިނައިރު ދަނޑުގައި ތިބެފައި މެޗު ފެށީ. އެ ވަރުގެ ކަމެއްވެއްޖެނަމަ ކުރިން އަންގަންޖެހޭނެ،" މެސީ ބުންޏެވެ.

މެޗު ހުއްޓާލާފައިވާއިރު، މެޗު ކުރިއަށް ގެންދެވޭނެ ކަމަށް ބަލައި ބްރެޒިލްގެ ކުޅުންތެރިން ތިބީ ދަނޑުގަ އެވެ. އެކަމަކު، މެޗު ކުރިއަށް ނުގެންދެވޭނެކަން ކަށަވަރުވުމާ އެކު ބްރެޒިލް ކުޅުންތެރިން ވަނީ ދަނޑުގައި ފަރިތަކުރުންތައް ފަށައިފަ އެވެ.

ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މެޗުގައި މި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން މެޗު ކޮމިޝަނަރާއި ރެފްރީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި ދެން ކުރިއަށްދާނެ ގޮތެއް އެ ކޮމިޓީން ކަނޑައަޅާނެ ކަމަށެވެ.

ކޮންމެބޯލް އިން ނިންމީ މެޗު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ދެން ކުޅޭނެ އިރެއް ރަސްމީ އިދާރާއަކުން އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox