ގަލޮޅުދަނޑުގެ ވިނަގަނޑު ހަލާކުވުމުން 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ދިޔައިރު، އެއް ގްރޫޕްގެ މެޗުތައް ބޭއްވީ ހދ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ. އެ މެޗުތައް ބަލަން ކުޅުދުއްފުށީ ގިނަ ބަޔަކު ދިޔަ އެވެ. ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް އަތޮޅުތަކުން ވެސް ފޯރި އޮތްކަން އެ ފަހަރު އެނގުނެވެ.
އޭގެ އަހަރެއް ފަހުން 2016 ވަނަ އަހަރު އެފްއޭއެމްގެ ހާއްސަ ދައުވަތެއްގައި ކުޅުދުއްފުށީ ސަޕޯޓަރުން ގަލޮޅު ދަނޑަށް ގެނައީ އެ ރަށުގެ ސަޕޯޓަރުން އިސްވެ، ވައިގައި ހިތްޕާލި "ވައިކިން ކްލެޕް"ގެ ފޯރި ފެނިފަ އެވެ. ރާއްޖޭން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުރުން ފާހަގަކުރަން ގަލޮޅު ދަނޑުގައި ކުޅުުނު ހާއްސަ މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުން ވަނީ އެ ތަފާތު ދައްކައިފަ އެވެ. ނެތެމުންދާ ފުޓްބޯޅަ ފޯރި އަލުން ގެންނަން ކުޅުދުއްފުށިން ދެއްކި ނަމޫނާ ގިނަ ބަޔަކު ފާހަގަކުރި އެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ މަހު މާލޭގައި ބާއްވަން ތައްޔާރުވަމުން އަންނައިރު، މެޗުތައް ބަލަން ސަޕޯޓަރުން ވެއްދޭތޯ އެފްއޭއެމުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބާރަ ވަނަ ކުޅުންތެރިޔާ ކަމަށް އެންމެން ވެސް އިއްތިފާގުވާ، ސަޕޯޓަރުން ނެތި ފަޅަށް އޮތް ދަނޑެއްގައި ސަރަހައްދުގެ ބޮޑު މުބާރާތް ކުރިއަށްދާން އެއްވެސް މީހަކު ނޭދޭނެ އެވެ.
ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހެއްގެ ވެސް އެދުމަކަށްވާނީ ދަނޑަށް ވަދެ ޓީމަށް ތަރުހީބުދޭން ފުރުސަތު ލިބުމެވެ. އެއީ ކުޅުދުއްފުށީ ސަޕޯޓަރުންގެ ވެސް އެދޭ ގޮތެވެ. ގައުމީ ޓީމަށް ކާމިޔާބަށް ނޭދޭނެ މީހަކު ނުހުންނާނެކަން ޔަގީންކަމާ އެކު ބުނަންކެރޭއިރު، ގައުމީ ޓީމަށް ސަޕޯޓްކުރާ ކޮންމެ މީހެއް ވެސް ބޭނުންވާނީ ސަޕޯޓަރުންނާ އެކު ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެއް ބަލާލުމަށެވެ.
ވައިބާ ގްރޫޕަކުން ފެށި މަސައްކަތެއް، ނިންމާލީ މުޅި ގައުމަށް މިސާލެއް ގޮތަށް
އަމިއްލަ ރަށު ޓީމަށް ތަފާތު ގޮތަކަށް ސަޕޯޓްކުރުމަކީ ކޮންމެ ރަށެއްގެ ޒުވާނުން ވެސް ވަރަށް ޝައުގުވެރިވާ ކަމެކެވެ.
ކުޅުދުއްފުށީ ޒުވާނުންގެ މެދުގައި 2016 ވަނަ އަހަރު ރަށު ޓީމަށް ސަޕޯޓްކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރަން ވައިބާ ގްރޫޕެއް ހެދި އެވެ. ފުރަތަމަ އެ ގްރޫޕްގައި ވިއްސަކަށް ޒުވާނުން ތިބި ނަމަވެސް ފަހުން ޑިމާންޑް ބޮޑުވެ ގްރޫޕް ފުރުނެވެ. އެއިރަކީ 200 ވަރަކަށް މީހުންނަށް އެންމެ ގިނަވެގެން ވައިބާ ގްރޫޕެއްގައި ތިބެވޭ ގޮތަށް އޮތް ދުވަސްވަރެކެވެ. އެހެންވެ، ގްރޫޕަށް ވަންނަން ޑިމާންޑް ބޮޑުވިޔަސް މީގެ އޮތް ގޮތަކީ އެ 200 މީހުންގެ މެދުގައި އެކި ކަންކަން ކުރަން މަޝްވަރާ ކުރެވި އެ މައުލޫމާތު ގްރޫޕްގައި ނެތް، އެކަމަކު މިކަމުގައި ބައިވެރިވާން ބޭނުން އެހެން މީހުންނަށް ފޯރުކޮށްދިނުމެވެ.

އަބްސީ (ކ) އާއި ކުޅުދުއްފުށީ ސަޕޯޓަރުންގެ ގްރޫޕްގެ ސެލްފީއެއް.
އޭރު ކުރެވުނު އެއް މަޝްވަރާ އަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅި ދުނިޔެ އަށް ތަފާތު ދެއްކި އައިސްލެންޑްގެ މަޝްހޫރު "ވައިކިން ކްލެޕް" އާ އެއްގޮތަށް މޮޑިފައި ކޮށްގެން ވިޔަސް ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކުރުމުގެ ކަންކަން ރޭވުމެވެ.
ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ގްރޫޕްގެ ކަންކަމުގައި ޝާމިލުވެ އުޅުނު އެއް ފަރާތް ކަމަށްވާ އެ ރަށުގައި މި ފަދަ ކަންކަމުގައި އިސްކޮށް އުޅޭ އަބްދުލް ރަޝީދު ސައީދު (އަބްސީ) "އަދަދު" އަށް ބުނީ ވައިކިން ކްލެޕްގެ ކަންކަން ރާވަން ބެލިއިރު ޒުވާނުންގެ ފަރާތުން އެކި ހިޔާލު ލިބުނު ކަމަށެވެ. ތަފާތު ސްޓައިލަކަށް ދިވެހިވަންތަ ގޮތަކަށް ސަޕޯޓްކުރުމުގެ ކަންކަން ގެނެވޭނެ ގޮތެއް ހޯދަން އެންމެން ވެސް ބޭނުންވި އެވެ. މަޝްވަރާ ކުރުމަށް ފަހު އެކަން ފުރިހަމަ އަށް ގެންދަން ފުރަތަމަ ޒުވާނުންގެ މެދުގައި ޕްރެކްޓިސް ކުރި ކަމަށް އަބްސީ ބުންޏެވެ.
"ކަމެއް އެންމެ ރަނގަޅަށް ކުރެވޭނީ މަޝްވަރާ ކުރެވި ޕްރެކްޓިސް ކޮށްގެން. އެހެންވެ، ޒުވާނުން ނިންމީ ހަގީގަތުގައި މީގެ އިނީޝިއޭޓް ނަގަން. އެ މީހުންނަށް ކްރެޑިޓް ދޭން ޖެހޭނީ ވެސް. އެ މީހުން މި ގެންދާނެ ގޮތް ރާވާ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި މި ކަން (ވައިކިން ކްލެޕް) ފެށީ. ދެން މަޑުމަޑުން މިކަން ޕްރޮމޯޓްވާން ފެށުނުއިރު، ރަށުގެ ކުދިބޮޑު އެންމެނަށް ވެސް މި ކަމު ގޮސްފި. ދެން އެކި ރަށްރަށުގައި ވެސް މި ވާހަކަ ދެކެވެން ފަށައިފި،" 2015 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ނިއު ރޭޑިއަންޓްގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރި އަބްސީ ބުންޏެވެ.
އަބްސީ ބުނީ އެ ފަހަރު މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ ފައިނަލުން ބަލިވި ކަމުގައި ވިޔަސް ގިނަ ބަޔަކަށް ކަމުދިޔަ އެއް ކަމަކީ ކުޅުދުއްފުށީ ޓީމުގެ ހިތްވަރު އެލުނަ ނުދޭން ސަޕޯޓަރުން އެ ދިން ސަޕޯޓް ކަމަށެވެ. ކުޅިވަރުގައި މޮޅާއި ބައްޔާއި އޮންނަކަން ގަބޫލުކޮށް އެ ދުވަހު ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކި ނަމޫނާ އޭރު އޮތް އެފްއޭއެމްގެ ލީޑަޝިޕަށް ވެސް ކަމުދިޔަ ކަމަށް އަބްސީ ވަނީ ބުނެފަ އެވެ. އޭގެ ނަތީޖާ ރަނގަޅުކަން އަބްސީ ފާހަގަކުރި އެވެ.
އޭރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ނިންމެވީ ކުޅުދުއްފުށީ ސަޕޯޓަރުން އެ ދެއްކި ތަފާތު ރޫހު ގަލޮޅު ދަނޑާ ހަަމަ އަށް ގެނައުމަށެވެ. އެ ވިސްނުމާ އެކު 2016 ވަނަ އަހަރު އޮގަސްޓް މަހު 29 ވަނަ ދުވަހު ކުޅުނު ހާއްސަ މެޗަށް ކުޅުދުއްފުށީ ސަޕޯޓަރުން ދަނޑަށް އަންނަން ދައުވަތު ދިނެވެ. އެ ހާއްސަ މެޗަކީ ސާފް ޗެމްޕިއަންޝިޕްގެ ތަށި 2008 ވަނަ އަހަރު ކާމިޔާބުކުރި ޓީމާއި 2016 ގައި އޮތް ގައުމީ ޓީމު ކުޅުނު މެޗެވެ.
އަބްސީ ބުނި ގޮތުގައި އެ މެޗަށް ސަޕޯޓްކުރަން މާލެ ދިއުމާ މެދު އެކި ކަހަލަ ވިސްނުންތަކުގެ ތެރެއިން ވެސް ގިނަ ޒުވާނުން ބުރަވީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ގަލޮޅު ދަނޑަށް ކުޅުދުއްފުށީ ސަޕޯޓަރުންގެ އަޑު އިއްވާލަން ދިއުމަށެވެ. ކުޅުދުއްފުށީގައި ތިބި ސަޕޯޓަރުންގެ ގްރޫޕްގެ އިސްކޮށް އުޅޭ ޒުވާނުންނާއި މާލޭގައި އުޅޭ އެ ރަށަށް ނިސްބަތްވާ ޒުވާނުން ރަނގަޅު ޕްލޭނެއް ހެދި އެވެ.
"އެ ދުވަހު މެޗަށް ދިއުމުގެ ކުރިން ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ގާތުގައި ބުނިން މެޗަށް ފަހު ސަޕޯޓަރުން ކައިރިއަށް އައިސް ހަމަ މިކަމުގައި ބައިވެރިވެލައި ގައުމީ ރޫހު ދައްކާލަން. ދެން (ދަގަނޑޭ އާއި އޮއްޕޮ މެން ފަދަ މަޝްހޫރު) ކުޅުންތެރިންނާ ވެސް ގާތްގުޅުމެއް އޮތީމާ އެކަން ވަރަށް ފަސޭހައިން ވި. ވައިކިން ކްލެޕް އިން އިންސްޕަޔާ ވެގެން ފެށިޔަސް ފަހުން ހަގީގަތުގައި މި ފޯރި ނެގުމުގެ ކަންކަން ދިޔައީ ވަރަށް ދިވެހިވަންތަ ގޮތަކަށް،" އަބްސީ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު އެ ހާއްސަ މެޗަށް ފަހު ދުވަސްކޮޅެއް ފަހުން މާލޭގައި ބަންގްލަދޭޝާ ދެކޮޅަށާއި ލާއޯސްއާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ވެސް ކުޅުދުއްފުށީ ސަޕޯޓަރުން މާލެ ތިބެން މަސައްކަތްކުރި އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ އެކަން އޭރު ފުރިހަމަވާ ގޮތެއްނުވީ އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ރަށު ޓީމަށް ކުރި ސަޕޯޓް ފަހުން ގައުމީ ޓީމަށް ވެސް ކޮށްލަން ލިބުމަކީ ހަގީގަތުގައި ލިބުނު ފަހުރެއް. މުސްތަގުބަލުގައި ވެސް އެ ފަދަ ފުރުސަތެއް ލިބުނިއްޔާ ބޭނުންހިފާނެ. ބޭނުންވަނީ ރޭވުންތެރިކަމެއްގެ ތެރެއިން ގައުމީ ޓީމުގެ ސަޕޯޓަރުންގެ ކަންކަން ވެސް ދާން،" އަބްސީ ބުންޏެވެ.
ގައުމީ ޓީމު ކުޅޭ މެޗުތައް ބެލުމަށް ރަށްރަށުގައި ހާއްސަ ތައްޔާރީތައް އަބަދުވެސް ކުރިޔަށް ދެ އެވެ. އެ ގޮތުން ރަށްރަށުގައި ގާއިމްކޮށްފައި ޒުވާނުންގެ މަރުކަޒުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން މެޗުތައް ބަލައި ފޯރިނެގެން އޮތް ގޮތަކަށް ކަންކަން ކުރިއަށް ދެ އެވެ. ކުޑަކުދިންގެ ހަވީރުތައް ބާއްވައި، ކުދިން މޫނުގައި ގައުމީ ކުލަތަކުން ފޭސް ޕެއިންޓްކޮށް ވެސް ހަދަ އެވެ. މިއީ މިހާތަނަށް ވެސް ގައުމީ ޓީމުގެ މެޗުތައް ކުޅޭ ދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިފައި ހުރި މަންޒަރުތަކެވެ. މިއީ އަދިވެސް ފުޓްބޯޅަ އަކީ ރާއްޖޭގެ އެއް ވަނަ ކުޅިވަރުކަން ސާބިތުވާން އެންމެންގެ ލޯ މައްޗަށް ފެންނަ ހަގީގަތެވެ.
އަބްސީ ދެކޭގޮތުގައި އެފްއޭއެމްގެ ވެސް ބައިވެރިވުން ބޮޑުކޮށް ފުޅާދާއިރާއެއްގައި ވަރަށް ފުރިހަމަކޮށް އެކަން ކުރެވޭނެ ކަމަށެެވެ.
"ސަޕޯޓަރުންގެ ޔޫނިއަން އެއް އޮތުމުން ކަންކަން ފުރިހަމަވާނެ"
ފުޓްބޯޅަ ސަޕޯޓަރުންގެ ފަހުގެ ޖީލުތަކުން ކަންކަން ކުރިއަށް ގެންދަނީ ސިސްޓަމެއްގެ ތެރެއިން ވަރަށް ބޮޑެތި ރޭވުންތަކެއްގެ ދަށުންނެވެ. އެ ގޮތުން އެކި ގައުމުތަކުގައި ސަޕޯޓަރުންގެ ޔޫނިއަނެއްގެ ދަށުން ކްލަބަށް ވިޔަސް ގައުމީ ޓީމަށް ސަޕޯޓް ދިނުމުގެ ކަންކަން ރޭވިގެން ކުރިއަށް ދެ އެވެ.
އަބްސީގެ ނަޒަރުގައި ރާއްޖޭގައި ވެސް ރަނގަޅު ސަޕޯޓަރުންގެ ޔޫނިއަނެއް ބާއްވައި އެފްއޭއެމާ ގުޅިގެން ސަޕޯޓަރުންގެ ކަންކަން އެ ޔޫނިއަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނަމަ ނެތެމުންދާ ފުޓްބޯޅަ ފޯރި އަށް އެކަށީގެންވާ ވަރެއްގެ ބަދަލެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ ސަހަަރާފަޅި އެމްވީ ކަހަލަ ގްރޫޕްތައް. އެ ކަހަލަ ސަޕޯޓަރުންގެ އެކްޓިވް ގްރޫޕްތަކާ އެކު ކުރިއަށްދާންވީ މިސްރާބެއް ރަސްމީ އިދާރާތަކުން ކަނޑައަޅަންވީ. އޭރަށް ހުރިހާ ސަޕޯޓަރުން އެކައްޗެއް ކިޔައިގެން ކުރިއަށްދެވޭނެ. ރާއްޖޭގެ ފުޓްބޯޅަ ފޯރި މިހާރު ނަގައިގަނެވޭނީ ޔަގީނުން ވެސް އަތޮޅުތަކުގެ ބައިވެރިވުން ބޮޑުކޮށްގެން. މި ގޮތަށް އުފެދޭ ސަޕޯޓަރުންގެ ގްރޫޕްތަކަށް ވެސް އެއްބާރުލުން ދީގެން،" އަބްސީ ބުންޏެވެ.

2016 ވަނަ އަހަރު ކުޅުނު ހާއްސަ މެޗުގެ ތެރެއިން ކުޅުދުއްފުށީ ސަޕޯޓަރަކު މޫނުގައި ޕެއިންޓް ކޮށްގެން.-- ފޮޓޯ: އައިވެލް ޕޯޓްރެއިޓް
ސާފް ޗެމްޕިއަންޝިޕް ފެށެން މަހަކަށް ވުރެ ކުޑަ ދުވަސް ކޮޅަކަށް މިހާރުވެފައިވާއިރު، މިހާރުން ފެށިގެން ވެސް ރަށްރަށުގައި ގައުމީ ޓީމަށް ސަޕޯޓް ދިނުމުގެ ކަންކަން ރޭވިގެން ކުރިއަށްދެ އެވެ. ސާފް ޗެމްޕިއަންޝިޕާ ބެހޭ މައުލޫމާތު އެއްކޮށް ހަދަ އެވެ.
އެ ގޮތުން ގައުމީ ޓީމަށް ސަޕޯޓް ދިނުމުގައި ކޮންމެ މީހަކަށް ދަނޑަށް ނުވަދެވުނު ކަމުގައި ވިޔަސް އެ ބަޔަކަށްވީ އެންމެ ފުރިހަަމަ އަށް ގައުމީ ޓީމަށް ސަޕޯޓް ދިނުމުގެ ކަންކަން ރޭވިގެންދާނެކަން އެއީ ޔަގީންކަމެކެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ ގްރޫޕުން ނުކުތްގޮތަށް ފުޓްބޯޅައިގެ ފޯރި ހިއްޕާލަން ސަޕޯޓްދޭނެ ގިނަ ގްރޫޕްތަކެއް ގިނަ ވުމަކީ މުޅި ގައުމުގެ ފުޓްބޯޅަ ރަނގަޅު މިސްރާބަކަށް ދާން ހުޅުވޭނެ އިތުރު ދޮރެކެވެ. ވައިބާ ގްރޫޕަކުން އުފަންވާ ހިޔާލަކުން ވެސް ބޮޑު ތަފާތެއް ގެނެވިދާނެ އެވެ.













