ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ "މަގޭ ހިޔާ" ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ގަންނަ މުދާ، އެއް މަސް ދުވަހަށް ގުދަންކޮށްދޭނެ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.
މަގޭ ހިޔާ ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯއިން ވަނީ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ސާމާނުތަކުގެ އަގުހެޔޮކޮށް، ހާއްސަ ޑިސްކައުންޓްތަކެއް ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންމެހެން ގެއަށް ބޭނުންވާ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އެއާކޯނާއި، ފްރިޖާއި، ދޮންނަ މެޝިނުގެ އިތުރުން ބަދިގޭގައި ގެންގުޅޭ އެއާ ފްރަޔާ އަދި ބްލެންޑަރު ފަދަ ތަކެތީގެ އަގު ވަނީ ހެޔޮކޮށްފަ އެވެ.
މި ހިދުމަތާ ގުޅިގެން އެސްޓީއޯގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އަބްދުﷲ މުހައްމަދު "އަދަދު"އަށް ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ފެށި ހިދުމަތެއް ކަމަށެވެ. އެގޮތުން މުދާ ގަތުމަށްފަހު ވަގުތުން ގެންދިޔުމުގެ ބަދަލުގައި، މުދާ ބަހައްޓައިދޭން ގިނަ ކަސްޓަމަރުންގެ ފަރާތުން ރިކުއެސްޓުތައް ލިބެމުން ދިޔުމާ ގުޅިގެން އެސްޓީއޯއިން މި ހިދުމަތް ފެށީ ކަމަށެވެ.
މަގޭ ހިޔާ ޕްރޮމޯޝަން އެސްޓީއޯއިން ހިންގަނީ ތިން ޕެކޭޖަކަށް ބަހާލައިގެންނެވެ. އަދި ޕެކޭޖުގެ ގޮތުން 15 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ އެވެ.
އެސްޓީއޯއިން ވަނީ މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތްތަކަކަށް ފައިސާގެ އިނާމާއި ވައުޗާތައް ހުށަހަޅާފަ އެވެ.
އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000ރ.، ދެވަނައަށް ހޮވޭ ފަރާތަކަށް 10،000ރ. އަދި ތިންވަނައަށް އޮވޭ ފަރާތަކަށް 5،000ރ. ގެ ވައުޗަރެއް ލިބެ އެވެ. މި ވައުޗާ ބޭނުންކުރެވެނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން މުދާ ގަތުމަށެވެ.
މި ޕްރޮމޯޝަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އަދި ބީއެމްއެލް އިސްލާމިކް ފެސިލިޓީ މެދުވެރިކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވެސް ބައިވެރިވެ ވެ އެވެ.











