ރިސޯޓެއްގެ ހިތްގައިމު މާހައުލުގައި މަސައްކަތްކޮށްލުމަކީ ގިނަ ދިވެހިން ދެކޭ ހުވަފެނެކެވެ. ރިސޯޓެއްގައި ތަޖުރިބާ ކޮށްލެވޭނެ ތަފާތު ވަޒީފާއެއްގެ ފުރުސަތު ސޮނޭވާ ޖާނީ އިން މިވަނީ ދިވެހިންނަށް ހާއްސަކޮށް ހުޅުވާލާފަ އެވެ. "ލައިބްރޭރިއަން" އެއްގެ ވަޒީފާ އެކެވެ.
ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ހިތްގައިމު ފަސްތަރީގެ މި ރިސޯޓުން ބުނާ ގޮތުން ލައިބްރޭރިއަންގެ ވަޒީފާއަކީ ރިސޯޓުގައި ހުރެ ހަމަސް ދުވަސް ވަންދެން ލައިބްރަރީއެއް ހިންގުމަށް ލިބޭނޭ ރަނުގެ ފުރުސަތެކެވެ. ސޮނޭވާ ޖާނީގެ ބެއާފުޓް ބުކްޝޮޕް މެނޭޖުކުރުމާއި، އަމިއްލަ ހޮވުންތަކާއެކު ލައިބްރަރީއެއް އެކުލަވާލުމުގެ ފުރުސަތު ވެސް އެމީހަކަށް ލިބިގެންދާނެ އެވެ. ހަމައެޔާއެކު، ލިޔުންތެރިކަމުގެ ވޯކްޝޮޕްތަކާއި، ރީޑިން ތެރަޕީތައް ޖާނީގެ ގުދުރަތީ ރީތި މާހައުލުގައި ހުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މެހެމާނުންނަށް ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަަމަށް ސޮނޭވާ ޖާނީ އިން ބުނެ އެވެ.
މީގެ އިތުރުން ލައިބްރޭރިއަންއެއްގެ ޒިންމާގެ ތެރޭގައި މިހާރުވެސް ހިންގަމުން އަންނަ ބެއާފުޓް ބުކްސެލާ ބްލޮގް އާއި އިންސްޓަގްރާމް ޕޭޖު ހިންގުންވެސް ހިމެނެ އެވެ. ރިސޯޓުގައި ދިރިއުޅުމުން އަންނަ ދުވަސްވަރު ޓޫރިސްޓުންނާއެކު ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ ކަންކަން ތަޖުރިބާ ކޮށްލެވޭނެ އެވެ.
ހަމައެޔާއެކު މިއީ ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި، ތާރީހާއި އަދި ޒަމާނުއްސުރެ ކިޔަމުން އަންނަ ފޯކްލޯތަކުގެ ވާހަކަތައްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދިވެހިންނަށް ލިބޭނޭ ރަނުގެ ފުރުސަތަކަށް ވާނެ އެވެ.
ލިޓްރޭޗާއަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތަކަށްވާއިރު، ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި، ފޮތް ޕަބްލިޝްކުރުމާއި، ވިއްކުމުގެ ތަޖުރިބާ ހުރުމަކީ މުހިންމުކަމެކެވެ. އެއާއެކު އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކައި ކިޔުންތެރިކަމާއި ލިޔުންތެރިކަމަށް ހުންނަ ލޯތްބަށް ބެލޭނެ ކަމަށް ރިސޯޓުގެ އިއުލާނުގައި ބުނެފައި ވެ އެވެެ.








