އަމްސްޓެޑަމް، ނެދަލެންޑްސް (ސެޕްޓެމްބަރު 5) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޔޫކްރެއިނާ 1-1 އިން ފްރާންސް އެއްވަރުވިއިރު، ނެދަލެންޑްސް އިން މޮންޓަނެގްރޯގެ މައްޗަށް 4-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން ފްރާންސް އިން މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅުނު ކޮލިފައިން މެޗުން ވަނީ ބޮސްނިއާއާ އެއްވަރުވެފަ އެވެ. ރޭ ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު މެޗުން ފްރާންސް އެއްވަރުކުރީ ބޮސްނިއާ މެޗެކޭ އެއްގޮތަށް ފަހަތުން އަރަ އެވެ.
ކިއޭވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޔޫކްރެއިނަށް ލީޑުނަގައިިދިނީ މިކޯލާ ޝަޕަރެންކޯ އޭރިއާ ބޭރުން ފޮނުވާލި ޝޮޓަކުން ޖެހި ގޯލަކުންނެވެ. އެ ބޯޅަ ހުއްޓުވަން ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ނަތީޖާ ހަމަހަމަ ކުރަން ފްރާންސް އިން ކުރި މަސައްކަތް މާ ލަސްތަކެއް ނުވެ ކާމިޔާބު ކުރި އެވެ. އެ ގޮތުން މެޗުގެ 50 ވަނަ މިނިޓްގައި ފްރާންސަށް އެއްވަރުކޮށްދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ. މިއީ މާޝިއަލް ގައުމީ ޓީމަށް ޖަހައިދިން ދެ ވަނަ ގޯލެވެ. އޭނާ އެންމެ ފުރަތަަމަ ގޯލު ޖެހީ 2016 ވަނަ އަހަރު އެވެ.

ޔޫކްރެއިންގެ އޭރިއާތެރެއިން މާޝިއަލް ގޯލަށް ބޯޅަ ފޮނުވާލަނީ.
މިއީ ފްރާންސަށް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލަން ޖެހުނު ފަސް ވަނަ މެޗެވެ. މި ނަތީޖާތަކާ އެކު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ފްރާންސް އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ފިންލެންޑް އެވެ.
ތިން ވަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވި ލުއީ ވެން ހާލް ވަނީ ރޭ އެ ޓީމާ އެކު ފުރަތަމަ މޮޅު ހޯދައިފަ އެވެ. މޮންޓަނެގްރޯއާ ދެކޮޅަށް ނެދަލެންޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ގޯލުތައް ޖެހީ މެމްފިސް ޑިޕާއި ދެ ގޯލާއި ޖިނީ ވައިނަލްޑަމް އަދި ކޯޑީ ގަކްޕޯ އެވެ. މި މެޗުގައި ޖެހި ގޯލުތަކާ އެކު ޑިޕާއި ވަނީ ގައުމީ ޓީމަށް 30 ގޯލު ހަމަކޮށްފަ އެވެ.
މެޗަށް ފަހު ވެން ހާލް ބުނީ މިދިޔަ ހަފްތާގައި ނޯވޭއާ ދެކޮޅަށް އެއްވަރުވުމުން ރޭގެ މެޗަށް ނުކުތީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މޮޅުވުމަށް ކަމަށާއި މޮންޓަނެގްރޯ ކަހަލަ ވަރުގަދަ ޓީމެއް ކޮޅަށް ހަތަރު ގޯލު ޖެހުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ރޭ ގިބްރޯލްޓާ އަތުން 3-0 އިން މޮޅުވި ތުރުކީ ކޮލިފައިން ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަަނައިގައި އޮތް ނެދަލެންޑްސް އާއި ތިން ވަނައިގައި އޮތް ނޯވޭ އަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މޮންޓަނެގްރޯ އަށް ފަސް މެޗުން ކުޅުނުއިރު ލިބުނީ ހަތް ޕޮއިންޓެވެ،












