ސައޮ ޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 4) - ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކަކާ އަށް މެންޗެސްޓާ ސިޓީއާ ގުޅެން ފުރުސަތު ލިބުނު ނަމަވެސް ބޭނުން ނުހިފީ ރެއާލް މެޑްރިޑަށް ބަދަލުވެވޭނެ ކަމުގެ އުއްމީދު އޮތުމުން ކަމަށް އޭނާ ބުނެފި އެވެ.
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް 2007 ވަނަ އަހަރު ހޯދި ކަކާ އަށް ސިޓީގެ ހުށަހެޅުމެއް ލިބުނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގެ ތެރޭގަ އެވެ. ސިޓީން ދުނިޔޭގެ ރެކޯޑް އަގެއް ހުށަހެޅުމުން މިލާނުން ކަކާ ވިއްކާލަން ވެސް ނިންމި އެވެ. އެކަމަކު، އެ ހުށަހެޅުމަށް ފުރަގަސްދިނީ ކަކާ އެވެ.
ކަކާ ބުނީ ޗެލްސީން ހުށަހެޅުމެއް ލިބުނު ކަމަށް ދެކޭ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ އަށް ބިޑްކުރި ޓީމަކީ ސިޓީ ކަމަށެވެ. ޗެލްސީގައި އޭރު ކާލޯ އަންޗެލޮޓީ ކޯޗަކަށް ހުރުމުން އޭނާއާ ނުރަސްމީކޮށް ވާހަކަތަކެއް ދެއްކި ކަމަށް ކަކާ ވަނީ ބުނެފަ އެވެ.
"އަހަންނަށް ހުށަހެޅުމެއް ލިބުނު އިނގިރޭސި ޓީމަކީ މެންޗެސްޓާ ސިޓީ. އެއީ އަހަރެން ރެއާލަށް ބަދަލުވުމުގެ ހަ މަސް ކުރިން. އޭރު އޮތީ މިހާރު އޮތް ސިޓީ އެއް ނޫން. އެއީ ސިޓީން އެ ޕްރޮޖެކްޓް ފަށައިގެން އުޅުނުއިރު. ސިޓީން އެދުނީ އިންގްލެންޑާއި ޔޫރަޕްގެ ފުޓްބޯޅައިގައި އެ ޓީމުން ޑޮމިނޭޓްކުރަން ކުރާ މަސައްކަތުގައި އަހަރެން އެ ޓީމުގެ ލީޑަރުންގެ ތެރޭގައި ހިމެނެން. އެކަމަކު، އެ ވަގުތު އަހަރެން މިލާން ދޫނުކުރީ ސަބަބެއް އޮތީމަ،" ކަކާ ބުންޏެވެ.

މިލާންގެ މެޗެއްގެ ތެރެއިން ކަކާ.-- ފޮޓޯ: އޭއެފްޕީ
ކަކާ ބުނީ އޭނާ އިންތިޒާރުކުރީ މިލާން ދޫކޮށްލާނަމަ ރެއާލްގެ ހުށަހެޅުމެއް ލިބެންދެން ކަމަށެވެ. އަދި ސިޓީގެ ހުށަހެޅުން ދޫކޮށްލިތާ ހަ މަސް ތެރޭ ރެއާލަށް ބަދަލުވެވުމުން ސިޓީގެ ޕްރޮޕޯސަލަށް ނޫނެކޭ ބުނެވުނީ ރަނގަޅަށް ކަން އެނގުނު ކަމަށް ކަކާ ބުންޏެވެ.
"މިލާން ދޫކޮށްލާނަމަ އަހަރެން ނިންމައިގެން ހުރީ އެ ވަގުތު ދާނެ ހަމައެކަނި ކްލަބަކީ ރެއާލް މެޑްރިޑް ކަމަށް. އެކަމަކު އެ ވަގުތު ވެސް މިލާން ދޫކޮށްލަން ނިންމީ މިލާނުން އެ ގޮތް ބޭނުންވާތީ. އެއީ ކްލަބްގެ މާލީ ހާލަތަށް ވިސްނާފައި،" މިލާނާ އެކު 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކަކާ ބުންޏެވެ.
ކަކާ 2009 ވަނަ އަހަރުގެ ޖޫން މަހު ރެއާލަށް ބަދަލުވީ 80 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އެ ޓީމަށް 2013 ވަނަ އަހަރާ ހަމައަށް ކުޅުމަށް ފަހު ކަކާ ވަނީ އަލުން ހިލޭ ޓްރާންސްފާއެއްގައި މިލާނަށް ބަދަލުވެ، އެއް ސީޒަން އެ ޓީމަށް ކުޅެދީފަ އެވެ. އޭގެ ފަހުން އެމެރިކާ ލީގުގެ އޮލަންޑޯ ސިޓީ އަށް ތިން އަހަރު ކުޅުނު ކަކާ ފުޓްބޯޅައިން ރިޓަޔާކުރީ 2017 ވަނަ އަހަރު ސައޮ ޕައޮލޯގައި ހުރެ އެވެ. ސައޮ ޕައޮލޯ އަކީ ކަކާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށި ކްލަބެވެ.












