އޭދަފުށީގައި އެޅި މަތީ ފެންވަރު ޓާފް ދަނޑު އިތުރަށް ތަރައްގީ ކުރަން ފަށައިފި

އޭދަފުށީ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަދަދު

އޭދަފުށީ ދަނޑު މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އަދަދު

ފުޓްބޯޅައިގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ބ. އޭދަފުށީގައި އަޅާފައިވާ މަތީ ފެންވަރުގެ ޓާފް ދަނޑު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ދަނޑަކީ އޭދަފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރު ވެވަޑައިގެންނެވި ވައުދެއް ފުއްދުމުގެ ގޮތުން އޭދަފުށީ ޒުވާނުންނަށް އަމިއްލަ ހަރަދުގައި އަޅައިދިން ދަނޑެކެވެ. ދަނޑު އެޅިއިރު ވެސް އެކި ފޭސްތަކަށް ބަހާލައިގެން ތަރައްގީ ކުރުމުގެ ތަސައްވުރެއް އޮތެެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރު މާޗް މަހު ހުޅުވި މި ދަނޑަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރުގައި އެއް ރަށެއްގައި ކުރެވުނު އެންމެ ބޮޑު އެއް ހޭދަ އެވެ. ދަނޑު ހުޅުވިއިރު، ހާއްސަ މެޗެއް ކުޅުނީ ގައުމީ ޓީމާއި އޭދަފުށިން ހޮވާލެވޭ ޓީމެކެވެ. އޭދަފުށީ ޓީމުގައި ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ކުޅުނެވެ. އޭގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހިިމެނެ އެވެ.

މިއަދު އޭދަފުށީ ދަނޑު އިތުރަށް ތަރައްގީ ކުރަން ފެށި މަަސައްކަތުގެ ތެެރެއިން އިތުރުވާނެ އެންމެ ބޮޑު ބަޔަކީ ރޮސްޓްރަމާއި ސަޕޯޓަރުން މެޗު ބަލަން ތިބޭ ސިޑިބަރި އެވެ.

ދަނޑުގައި ތަރައްގީ ކުރަން ނިންމާފައިވާ ރޮސްޓްރަމާއި ސިޑިބަރިގެ ކުރެހުމެއް.

ދަނޑުގެ ތަރައްގީގެ މި މަސައްކަތުގެ ބިންގާއެޅީ ރާއްޖެ އަށް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގައި ތަފާތު ދެއްކި އޭދަފުށްޓަށް ނިސްބަތްވާ މުހައްމަދު ޖަމީލް (ޖަމްބޭ)، މުހައްމަދު ޝިފާން (ކުޑައްޓޭ)، ރާއްޖޭން 1991 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރިހި މެޑަލް ގެނައި ޓީމުގައި ހިމެނުނު އޭދަފުށީގެ އިތުރުން ރާއްޖޭގެ ވެސް ފާހަގަކޮށްލެވޭ ޑިފެންޑަރު އަބްދުލްވާހިދު ހުސައިންގެ އިތުރުން އޭދަފުށި ގޮވައިގެން ފުރަތަަމަ ޑިވިޝަނުގައި ވާދަކުރުމުގެ އިތުރުން ކޯޗެއްގެ ގޮތުގައި އޭދަފުށްޓަަށް ރަން ކާމިޔާބީތަކެއް ހޯދައިދިން އަބްދުލް މަޖީދު ހަސަން އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަނޑުގައި މި ތަރައްގީކުރާ ސިޑިބަރީގެ މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 850 ސަޕޯޓަރުނަށް ތިބެވޭނެ އެވެ. އަދި ވީވީއައިޕީ އޭރިއާ އަށް 30 މީހުންނަށް ތިބެވޭ ގޮތަށް ހަދާއިރު، ވީއައިޕީ އަށް ހާއްސަކޮށް ގާތްގަނޑަކަށް 100 މީހުންގެ ޖާގައިގެ ތަނެއް ރޮސްޓްރަމްގައި ތަރައްގީކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ދަނޑުގައި ސިޑިބަރި އަޅާ އިމާރާތުގައި ވީއައިޕީ ވެއިޓިން ލޯންޖަކާއި، ނަމާދު ކޮޓަރި، ނޫސްވެރިންގެ ބައްދަލުވުން ބާއްވާން ޕްރެސް ރޫމް، ދެ ޓީމުގެ ޗޭންޖިން ރޫމް، މެޑިކަލް ރޫމް، މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމްގެ އިތުރުން ރެފްރީންގެ ރޫމެއް އެތަނުގައި ތަރައްގީ ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތްތައް ނިންމާލަން އަމާޒުހިފާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.

އޭދަފުށީ ޓާފް ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު، ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. މި ދަނޑަކީ ފީފާ އެޕްރޫވް ފެންވަރަށް އަޅާފައިވާ ދަނޑެކެވެ. އަދި ދަނޑުގައި އަޅާފައިވާ ޓާފަކީ ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ މަދު ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ.

2019 ވަނަ އަހަރު އޭދަފުށީ ދަނޑު ހުޅުވަން ކުޅުނު ހާއްސަ މެޗުގެ ތެރެއިން.

މި ދަނޑު އެޅުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޒަމާނުުއްސުރެ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަނޑީގައި އޭދަފުށިން ދަމަހައްޓަމުން އައި މަގާމު ކުރިއަށް ގެންދިއުމެވެ. އެ ގޮތުން ރާއްޖޭން މިހާތަނަށް ސަރަހައްދުގެ ތަށި (ސާފް ޗެމްޕިއަންޝިޕް)ގެ ތަށި ހޯދި ދެ ފަހަރު ވެސް އޭދަފުށްޓައް ނިސްބަތްވާ ކުޅުންތެރިން ވަނީ ޓީމުގައި އިސް ރޯލެއް ކުޅެފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި އެއް ރަށަކަށް ނިސްބަތްވާ ކުޅުންތެރިން އެންމެ ގިނަވާނީ އޭދަފުށީގެ އެވެ. ޓާފް ދަނޑު އެޅުމުގެ ފައިދާ އަކީ މުސްތަގުބަލަށް ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދުމެވެ.

މަތީ ފެންވަރުގެ ޓާފް ދަނޑެއް އޭދަފުށީގައި ތަރައްގީ ކުރުމުން ފައިދާ އޮތީ ހަމައެކަނި އެ ރަށަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ދާދި ފަހުން ވަނީ އޭދަފުށީގައި މެޗެއް ކުޅެފަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް އީގަލްސް އިން ވަނީ އޭދަފުށީ ދަނޑުގައި ޓްރެއިނިން ކުރިއަށްގޮސްފަ އެވެ.

ވަސީލަތްތައް ތަރައްގީވަމުން އަންނަ ގޮތަށް ބަލާއިރު މުސްތަގުބަލުގައި ވެސް އޭދަފުށީ ދަނޑަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކާއި އުމުުރުފުރާ ގައުމީ ޓީމުތަކުން ވެސް ކޭމްޕް ދިއުމުގެ ފުރުސަތު ބޮޑެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގައުމީ ޓީމުގެ ކޭމްޕްތައް ކުރިއަށްގެންދިއުމަކީ އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކުރަން ބޭނުންވާ ކަމެކެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox