ވިޔަފާރިއަށް ފަހި އިންގިލާބީ ބަދަލުތަކާއެކު ކުންފުންޏާބެހޭ އާ ގާނޫނެއް

Sep 3, 2021, 2:53 AM
މާލޭގެ ބޮޑުތަކުރުފާނު މަގުގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ސަރަހައްދެއް: ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް އާ ގާނޫނުން ނެތިގެން ދާނެ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ސަރަހައްދެއް: ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް އާ ގާނޫނުން ނެތިގެން ދާނެ. -- ފޮޓޯ: ހުސައިން ޝަޔާހު / އަދަދު

މިހާރު އަމަލުކުރާ ކުންފުންޏާ ބެހޭ ގާނޫނު އުވާލަން ނިންމައި ވިޔަފާރީގެ މާހައުލަށް ފަހި އިންގިލާބީ ބަދަލުތަކާއެކު އާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

މިހާރު އަމަލުކުރާ އަންނަ ކުންފުންޏާބެހޭ ގާނޫނު އެކުލަވާލީ 2016 ވަނަ އަހަރެވެ. މީގެ 25 އަހަރު ކުރީގެ މި ގާނޫނުގެ ބަދަލުގައި، އާ ގާނޫނެއް ގެނައުމުގެ މައިގަނޑު ބޭނުމަކީ، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އިގުތިސޯދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދުމާއި، ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބަދަލު ގެނެސް، އިންވެސްޓްމަންޓަށް ފަހި މާހައުލެއް ގެނައުމާއި، ކުންފުނި އުފައްދައި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، އިޖުރާއަތްތައް ގެނައުމެވެ.

"މި ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދައި, ދެމެހެއްޓުމަށް އެޅޭ އެންމެ މުހިއްމު ބިންގާ. އެހެންކަމުން، މި ބިލުގެ ދާއިރާގައި ހިމެނޭ ކަންކަމަށް މާލީ، އިގުތިސޯދީ، އިޖްތިމާއީ، ގާނޫނީ އަދި ފަންނީ ނަޒަރަކުން މުރާޖައާކުރެވި އާންމުންގެ ހިޔާލު ލިބުމަކީ، ސަރުކާރުގެ މި މުހިއްމު މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމުގައި ދެކި، އާންމުންގެ ހިޔާލު ހުށަހެޅުއްވުމަށް އެދެން،" ކުންފުނީގެ އާ ގާނޫނާއެކު، އިކޮނިމިކް މިނިސްޓްރީން ހާމަކުރި ކަރުދާހުގައި ބުނެފައިވެ އެވެ.

ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމުތަކުގެ ރޭންކިންގައި ކުރިއެރުމަށް ރާއްޖެއަށް އޮތް ހުރަސްތައް ނައްތާލުމާއި، ކުންފުނި އުފެއްދުމާއި ހިންގުމާއި އުވާލުމުގެ ކަންކަމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލުތަކެއް ހޯދުމާއި، އިންވެސްޓްމަންޓް ކުންފުނި އުފެއްދުމަށް އެކަށީގެންވާ ބާވަތެއްގެ ގޮތުގައި ޕަބްލިކް ކުންފުނިތަކުގެ ގާނޫނީ ނިޒާމު ބަދަލުކުރުމާއި، ކުންފުނީގެ ގާނޫނީ ނިޒާމު، ޒަމާނާ އެއްގޮތަށް ތަރައްގީކޮށް، ޒަމާނީ ގާނޫނީ މަފްހޫމްތަކާއި އުސޫލުތައް ގެނައުމާއި އިލެކްޓްރޯނިކް ޒަރީއާއިން ހިދުމަތަށް އެދި ހިދުމަތް ލިބިގަތުމުގައި އިތުބާރު ދެމެހެއްޓުމަކީ ވެސް އާ ގާނޫނުގެ މަގުސަދެކެވެ.

އާ ގާނޫނުގެ މައިގަނޑު އިސްލާހުތައް

  1. ޕްރައިވެޓް ކުންފުންޏެއް އުފެއްދުމަށް މަދުވެގެން ދެ ހިއްސާދާރުން ތިބުމަށް އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުން.
  2. ޕަބްލިކް ކުންފުންޏެއް އުފައްދާއިރު ވެސް މަދުވެގެން 10 ހިއްސާދާރުން ނުވަތަ ޕްރޮމޯޓަރުން ތިބެން އޮންނަ ޝަރުތު އުވާލައި، ސިންގަލް ޝެއާހޯލްޑަ ކުންފުނި އުފެއްދުމަށް މަގުފަހިކުރުން އަދި މި އޮނިގަނޑުގެ ދަށުން ހިންގާ ވިޔަފާރިތަކާއި އިންވެސްޓްމަންޓަށް ހާއްސަ ކުންފުނިތައް ރެގިއުލޭޓުކުރުމާއި ސެކިއުރިޓީޒް ދޫކުރުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތައް ހަދާ ހިންގުމުގެ ބާރު މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު ތަންފީޒުކުރާ ފަރާތައް މަތި ކުރުން.
  3. ކުންފުނީގެ ޑިރެކްޓަރަކަށް ވެވޭނީ ހިއްސާދާރަކަށް ކަމަށް އޮންނަ ޝަރުތު އުނިކޮށް، ކުންފުންޏަކަށް އިންވެސްޓްކުރާ ކޮންމެ ހިއްސާދާރެއް ޑިރެކްޓަރުންގެ ބޯޑުގައި ހުންނަން ލާޒިމުނުކޮށް، ހިއްސާދާރުންގެ ފަރާތުން ކުންފުނި ހިންގުމަށް ޕްރޮފެޝަނަލް ޑިރެކްޓަރުން ޢައްޔަނުކުރުމަށް ފުރުސަތު ފަހިކޮށްދިނުން.
  4. ޕްރައިވެޓް ކުންފުންޏެއްގައި ސެކްރެޓަރީއެއް ހުރުމަށް އޮންނަ ޝަރުތު އުނިކުރުން.
  5. ޕްރައިވެޓް ކުންފުނީގެ ހިންގާ ގަވާއިދުގެ "މޮޑެލް ހިންގާ ގަވާއިދެއް"، ޤާނޫނުގެ ދަށުން ގަވާއިދަކުން ކަނޑައަޅައި، ކުންފުނިތަކުން "މޮޑެލް ހިންގާ ގަވާއިދު" އިޚްތިޔާރުކުރުމަށް ފުރުސަތުދީ، ކުންފުނި އުފައްދާއިރު އާއި އޭގެ ފަހުންވެސް، ވަކިން ހިންގާ ގަވާއިދެއް ކުންފުނިން ލިޔެ ތައްޔާރުކޮށް ހުށަހެޅުމަށް ލާޒިމްކޮށްފައި އޮންނަ އޮތުން އުނިކުރުން.
  6. ކުންފުނީގެ އަސާސީ ގަވާއިދުގައި ކުންފުނީގެ "މަގުސަދު" ތަކުގެ ގޮތުގައި ވަކި ކަންކަން ކަނޑައެޅުމާއި، ކުންފުނީގެ ސިއްކައަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ކަނޑައެޅުން.
  7. ތިން ކުންފުނީގެ އަހަރީ ފީ އުވާލައި، ކުންފުނީގެ ފަރާތުން މިނިސްޓްރީން ހޯދާ ޚިދުމަތްތަކަށް ފީ ނެގުން.
  8. ޕްރޮފެޝަނަލް ޑިރެކްޓަރުންނަށް ފުރުސަތު އޮންނަ ގޮތަށް ބަދަލު ގެނައުމާއިއެކު، މެންބަރުންގެ އިންވެސްޓްމަންޓް ހިމާޔަތްކުރުމަށްޓަކައި، ކުންފުނީގެ މެންބަރުންގެ ހައްގުތަކާއި ބާރުތައް ކަނޑައަޅައި ބަޔާންކުރުން.
  9. ޗެއާޕާސަންގެ ޒިންމާ ކަނޑައަޅައި، ކުންފުނީގެ ޑިރެކްޓަރުންގެ ޝަރުތުތަކާއި، ބާރުތަކާއި، މަސްއޫލިއްޔަތުތައް ކަނޑައަޅައި ބަޔާންކުރުން.
  10. ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި މެންބަރުންގެ ދަފްތަރުގައި ބަޔާންކުރާ މެންބަރަކީ ފަރުދަކު ނޫންނަމަ، އެ ހިއްސާއެއްގެ ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ކުންފުންޏަށް އަންގައި، ކުންފުނީގައި ރަޖިސްޓަރީކުރަން ޖެހުން.
  11. ފޮރިން އިންވެސްޓަމަންޓް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުން.

މި ބިލު، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދުއިސްތަ ސާޅީސް ނުވަ މާއްދާގެ މައްޗަށް އެކުލަވާލާފައިވާ ބިލަށް، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވެ އެވެ. ހިޔާލު ފޮނުވާނީ legal@trade.gov.mv އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox