މިދިޔަ މެއި މަހު ބޭއްވި ފީފާގެ 71 ވަނަ ކޮންގްރެސްގައި ފީފާގެ އިންޓަނޭޝަނަލް މެޗު ކަލަންޑަރު މުރާޖާ ކުރުމުގެ ޕްރޮޕޯސަލަށް ރާއްޖެ ހިމެނޭ ގޮތަށް ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)ގެ ތިން ގައުމަކުން ތާއީދުކޮށްފި އެވެ.
ރާއްޖޭގެ އިތުރުން ދެން މި ޕްރޮޕޯސަލަށް ތާއީދުކޮށްފައިވަނީ ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިންނެވެ. ހަތަރު ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސުން ސޮއިކުރައްވައި މިއަދު އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ފުޓްބޯޅަ އަށް ގެންނަން ޖެހޭ ބަދަލުތައް އަންނަން އެދޭ ކަމަށެެވެ.
ހާއްސަ ގޮތެއްގައި މި ބަޔާނުގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ދުނިޔޭގެ ފުޓްބޯޅައިގެ މުހިއްމު ބަހުސްތަކުގައި އޭޝިއާގެ ބައިވެރިވުން އިތުރުވާނެ ގޮތްތަކަށް މަގުފަހިކޮށްދީފައި އޮތުމަށް ތާއީދުކުރާ ކަމަށެވެ. އެ ގޮތުން ފީފާގެ މެމްބަރު ގައުމުތަކުގެ ގޮތުގައި އޮތް 162 ގައުމާ އެކުގައި ރާއްޖެ، ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލުން ވެސް ބައިވެރިވެ، އެދެނީ ފީފާ ކަލަންޑަރު މިހާރަށް ވުރެ ފުރިހަމަކޮށް މުރާޖާ ކުރުމަށެވެ. އެ ގޮތަށް ވޯޓު ދިނީ މެއި މަހު ބޭއްވި ފީފާގެ ކޮންގްރެސްގަ އެވެ.

"ހަތަރު އަހަރުން އެއް އަަހަރު ބާއްވާ ވޯލްޑް ކަޕް ރަނގަޅު. އެކަމަކު އޭގެއިން ޖާގަ ލިބެން އޮންނަ ފުރުސަތު ވަރަށް ކުޑަ. އޭޝިއާގެ ގައުމުތަކުގައި އޮތް ފުޓްބޯޅަ ހުނަރުތަކަށް ބަލާއިރު އޭޝިއާގެ މެމްބަރު ގައުމުތަކުގެ ތެރެއިން ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެ ކުޑަ ފުރުސަތެއް ވޯލްޑް ކަޕްގައި އޭޝިއާގެ ގައުމުތަކަށް މި ލިބެނީ. ހަގީގަތުގައި މިއީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ ކަންކަމަށް ބަލާއިރު ވިސްނަން ޖެހޭ ކަމެއް،" ހަތަރު ގައުމުން އާންމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.
ފުޓްބޯޅައިގައި ހުރިހާ އެންމެނަށް ވެސް ހަަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ ކަމަށް ބުނެ ފީފާގެ ޑިވެލޮޕްމަންޓް އޮފް ފުޓްބޯލް ބައިގައި އިސްކޮށް ހަރަކާތްތެރިވާ މަޝްހޫރު ކޯޗު އާސެން ވެންގާ ކުރަމުން އަންނަ މަސައްކަތަށް ސާފްގެ މި ބަޔާނުގައި ބައިވެރިވި ހަތަރު ގައުމުން ވަނީ ތާއީދުކޮށްފަ އެވެ.
މިހާރު އޮތް ހަތަރު އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމުގެ ކަންކަމަށް 1930 ވަނަ އަހަރު ބަހުސް ކުރެވި މަޝްވަރާ ކުރެވިގެން ދިޔައިރު، އޭޝިއާގެ މާ ބޮޑު ބައިވެރިވުމެއް ނެތެވެ. އެހެންކަމުން މި ޒަމާނަށް ފެންތުމުގެ ގޮތުން ކަލަންޑަަރަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ ގޮވާލައިފަ އެވެ.
ފީފާ ކަލަންޑަރު މުރާޖާކުރަން ހުށަަހަޅާފައިވާ ޕްރޮޕޯސަލްގެ ތެރެއިން ސައުދީ އަރަބިއްޔާ އިން އިސްވެ، ވަނީ ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ހުށަހަޅައިފަ އެވެ. އެއީ އަންހެން އަދި ފިރިހެން ވޯލްޑް ކަޕް ދެ މުބާރާތް ވެސް އެ ގޮތަށް ގެންދިއުމަށެވެ. އިތުރަށް މަޝްވަރާކުރުމުގެ ބޭނުމުގައި ފީފާ އިން ވަނީ މި ހުށަހެޅުން ބަލައިގަނެފަ އެވެ.











