މަޔަކަށް އެންމެ ހިތާމަވެރި ދުވަހަކީ އޭނާގެ ދަރިފުޅު ވަޅުލާންޖެހޭ ދުވަސް ނޫންތޯ އެވެ؟
ފ. ނިލަންދޫއިން ފުރައިގެން އި ޑރ. ފަރްޒާނާ ހުސެއިން އޭނާގެ އާއިލާއާއެކު މާލެ އައީ އުފަން ގައުމު ބަންގްލަދޭޝަށް ފުރުމުގެ ކުރިން ވިޔަފާރިކޮށްލާށެވެ. އަހަރީ ޗުއްޓީއަށް އާއިލާގެ ކައިރިއަށް ފުރުމުގެ ކުރިން އިންޝުއަރެންސްގެ ކަންތައް ވެސް ހަމަޖައްސަން ފަރުޒާނާ ބޭނުންވި އެވެ.
ހަފްތާ ބަންދަށްފަހު ޑިސެމްބަރު 16، 2018 ވީ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވުމުން ފަރްޒާނާ އަވަސްވެގަތީ ދަރިފުޅު ރައުޝަން ޖިއާން، 8، އެކު އެލައިޑް އިންޝުއަރެންސްގެ އޮފީހަށް ދިޔުމަށެވެ. ފިރިމީހާ މުހައްމަދު ކަމާލުއްދީން ދިޔައީ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅު ރައުޝަން އަޒާން، 3، ގޮވައިގެން އިމިގްރޭޝަން ޑިޕާޓްމަންޓަށެވެ.
އިންޝުއަރެންސް އޮފީހާއި އިމިގްރޭޝަނުން އަވަދިވެގެން އާއިލާގެ ހަތަރު މެމްބަރުން އެކުގައި ހެނދުނުގެ ނާސްތާ ނެގުމަށްފަހު ދެން ދިޔައީ ކުޑަކުޑަ އަޒާންގެ ޕާސްޕޯޓް ފޮޓޯއެއް ނެގުމަށް މާފަންނު އިރަމާ މަގުގައި ހުންނަ "ފޮޓޯ ފްރެންޑު 2" އަށެވެ. އެއަށްފަހު މިސްރާބު ޖެހި މާލޭގައި މަޑުކުރާ ހޮޓަލާ ދިމާލަށެވެ.
ހަމަ އެވަގުތު ބަންގްލަދޭޝްގެ އަންވަރު ހުސެއިން ހުރީ މ. ނަލަހިޔާމަންޒިލްގައި މަސައްކަތް ކުރާށެވެ. އަންވަރުގެ މަސައްކަތަކީ 10 ބުރީގެ އެ އިމާރާތުގެ ނުވަ ވަނަ ބުރިއަށް ސިމެންތި ބަސްތާތައް އަރުވާއިރު އެކަމުގައި ބޭނުން ކުރާ ވިންޗު އޮޕަރޭޓު ކުރުމެވެ.
އެކަމަކު ގަޑިން 10:00 ޖަހައި ކުޑައިރުކޮޅެއްވިއިރު އަންވަރު ވަރުބަލިވެގެން މަސައްކަތުން ހުސް ވަގުތުކޮޅެއް ނަގައިފި އެވެ. އެއަށްފަހު ވިންޗާ ހަވާލުވީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރައްޖާވް އަލީ އެވެ. ރައްޖާވް ވިންޗާ ހަވާލުވެގެން މަސައްކަތް ކުރިއަށްގެންދިޔައިރު ފަރުޒާނާ އާއި އޭނާގެ އާއިލާ ނަލަހިޔާމަންޒިލާ އަރާ ހަމަވަނީ އެވެ.
ގަޑިން 10:34 ވީއިރު ފަރްޒާނާ އާއި އާއިލާގެ މެމްބަރުން ތިބީ 10 ނަލަހިޔާމަންޒިލް ކައިރީގަ އެވެ. ޕޭވްމަންޓު މަތިން ހިނގާފައި ދިޔައިރު ފިރިމީހާ ކަމާލުއްދީން ހުރީ އަޒާން އުރާލައިގެން ތަންކޮޅެއް ކުރީގަ އެވެ. ޖިއާންގެ ކޮނޑުގައި އަތް އަޅުވާލައިގެން ފަރުޒާނާ އެއިރު ފަހަތުން އާދެ އެވެ. އެވަގުތު، ޖިއާންގެ ކޮނޑުގައި އޮތް އޭނާގެ މަންމަގެ އަތް ފޮޅާލުމަށްފަހު ބައްޕަ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. އެ ސަރަހައްދުގައި އިންޒާރުގެ ބޯޑެއް ބަހައްޓާފައެއް ނެތެވެ. އެ ހިތާމަވެރި ހާދިސާ ހިނގާފާނެ ކަމަށް އެއްވެސް މީހަކު ހުރީ ވިސްނައިގެނެއް ނޫނެވެ.
"އަހަންނަށް އެންމެ ފުރަތަމަ ހީވީ މަތިން ހިރަފުސްތަކެއް ފޭބީ ކަމަށް. ދެން ހީކުރީ މަތިން މީހަކު ވެއްޓުނީ ކަމަށް. އެވަގުތު ހިތަށް އެރީ ވެއްޓުނު މީހާގެ ހަށިގަނޑު ކީއްވެހޭ އެހާ ކުޑައީ. ޖިއާން ފެނުމުން ހިތާހިތުން ބުނެވެމުންދިޔައީ "ޕްލީޒް، ނޮޓް މައި ޑޯޓާ. ދިސް ކާންޓް ހެޕަން"،" ފަންސާސް ކިލޯގެ ސިމެންތި ބަސްތާއް މަތިން ބޮލަށް ވެއްޓި، ދަރިފުޅު މަރުވި މަރުވި ހާދިސާ ކިޔައިދެމުން ފަރްޒާނާ ކޯޓުގައި ބުނެފައިވެ އެވެ.
ޖިއާން ވަކިވެގެން ދިޔުމުން ފަރްޒާނާގެ ހަޔާތް އަނދިރިކޮށްލައިފި އެވެ. ޖިއާން ވަކިވެގެންދިޔަ ނަމަވެސް އޭނާގެ އާދަތައް ހުރީ ފަރްޒާނާގެ ސިކުނޑީގައި ހަރުލާފަ އެވެ. ކުޅެލާ އުޅޭ ގޮތެވެ. ކޮއްކޮއަށް ލޯބިން ގޮވާލާ ގޮތެވެ. ހީލާ ގޮތެވެ. ރޯލާ ގޮތެވެ. ގުރްއާން ކިޔަވާ ރާގެވެ. ބުނެލާ ބަސްތަކެވެ. އެ ބަސްތައް ބުނެލާ ގޮތެވެ. ސްކޫލަށް ބަލާ ދިޔުމުން މަންމަ ފެނިފަ އުފަލުން ބައްދާލާ ގޮތެވެ.
އެއިން އެއްވެސް ކަމެއް ފަރްޒާނާއަކަށް ދެން ތަޖުރިބާއެއް ނުކުރެވޭނެ އެވެ. އަދި ގެއްލި އެ ދިޔައީ ފައިސާއިން އަގު ކުރެވޭނެ ނިއުމަތެއް ވެސް ނޫނެވެ. އެކަމަކު ވެސް ދަރިފުޅުގެ ހައްގުގައި އިންސާފު ހޯދައިދޭން ފަރްޒާނާ ބޭނުންވެ އެވެ. އޭނާ ގަބޫލު ކުރަނީ ޖިއާންގެ މަރަކީ ބައެއްގެ އިހުމާލު ކަމަށެވެ. މިއަދު ޖިއާން މަރުވިތާ ތިން އަހަރުވާން ކައިރިވެފައި އޮއްވާ، ސިވިލް ކޯޓުގެ ހުކުމަކުން ފަރްޒާނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިއްޖެ އެވެ.
ޖިއާންގެ އާއިލާއިން އެދުނު ގޮތާއި ސިވިލް ކޯޓުގެ ތާރީހީ ނިންމުން
ސެޕްޓެމްބަރު 8، 2019، ގައި ސިވިލް ކޯޓަށް ފަރްޒާނާ ހުށަހެޅި ދައުވާގައި އެދިފައި ވަނީ ޖުމްލަ ހަ ކަމެއްގެ ބަދަލެއްގެ ގޮތުން 17،418،730ރ. ހޯދުމަށެވެ.
އެއީ ޖިއާންގެ ބޭސްފަރުއާއަށް ދިޔަ ހަރަދާއި އޭނާ ދިރިހުރެ، ވަޒީފާ އަދާ ކުރިނަމަ ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ އާއި ޖިއާންގެ ލޯތްބާއި އަޅާލުމުން މަހްރޫމްވުމުން ލިބުނު ގެއްލުމުގެ ބަދަލާއި ޖިއާން މަރުވުމުގެ ސަބަބުން ލިބުނު ހިތާމައިގެ ބަދަލާއި އޭނާގެ މަންމަ އާއި ބައްޕަ މާލޭގައި މަޑުކޮށްގެން ނަފްސާނީ ކަންކަމަށް ބޭސް ކުރަން ދާ ހަރަދުތަކާއި ޑަބްލިއު ކޮންސްޓްރަކްޝަނުން ޖޫރިމަނާއެއްގެ ގޮތުން ނަގައިދޭން އެދިފައިވާ ބަދަލެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ ނަސީރު ވަނީ ފަރްޒާނާގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމަށް ފަރުވާ ހޯދައިދީ ބައެއް ކަންކަމުގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ބައެއް ބަދަލުދޭން ނިންމި ނަމަވެސް ބައެއް ކަންކަމުގައި ހޯދަން އެދުނު ބަދަލުގެ މިންވަރަށް ފަނޑިޔާރު ވަނީ ބަދަލުތަކެއް ގެންނަވައިފަ އެވެ.
އިނގިރޭސި ވިލާތުގެ ކޯޓުތަކުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ގަޒިއްޔާތަކަށް ދިރާސާ ކުރެއްވުމަށްފަހު ފަނޑިޔާރު އަލީ ނަސީރު ނިންމެވީ ޖުމްލަ ބަދަލެއްގެ ގޮތުން ފަރްޒާނާގެ އާއިލާއަށް 4،557،040ރ. ނަގައިދިނުމަށެވެ.
ފަނޑިޔާރު އަލީ ނަސީރު ނަގައިދެއްވި ބަދަލުތަކަކީ ޖިއާންގެ ބޭސްފަރުވާއަށް ހަރަދުވި 42،318ރ. އާއި ލޮސް އޮފް އާނިންގްސްގެ ގޮތުގައި ނަގައިދިން 1،290،361ރ. އާއި ލޮސް އޮފް ފިލިއަލް ކޮންސޯޓިއަމްގެ ނުވަތަ ޖިއާންގެ ލޯތްބާއި އަޅާލުމުން މަހްރޫމުވުން ނަގައިދިން 1،028،000ރ. އާއި ޖިއާން މަރުވުމުގެ ސަބަބުން ލިބުނު ޕެއިން އެންޑް ސަފަރިންގެ ގޮތުގައި ނަގައިދިން 2،196،361ރ. އެވެ.
މިއީ މިހާތަނަށް މިފަދަ ގޮތަކަށް، މީހެއްގެ މަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. އަދި މިއީ ދިވެހިރާއްޖޭގެ ކޯޓަކުން މިފަދަ ބަދަލެއް ނަގައިދިނުމަށް ހުކުމް ކުރި ވެސް ފުރަތަމަ ފަހަރެވެ. އެހެންކަމުން ފަނޑިޔާރު އަލީ ނަސީރުގެ މި އަންގާރަ ދުވަހު އިއްވެވި ނިޔާ ވަނީ ދިވެހި ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
ނަގައިދިން ބަދަލުތަކަށް އިލްމީ ނަޒަރަކުން
ހަމްޒާ ލަތީފަކީ އިނގިރޭސިވިލާތުގެ އެސެކްސް ޔުނިވާސިޓީން އިންސާނީ ހައްގުތައް އަދި ތާރީހުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ. އޭގެ ކުރިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ޝަރީއާ އަދި ގާނޫނީ ދާއިރާއިން ވެސް ޑިގްރީއެއް ވަނީ ނަންގަވައިފަ އެވެ. ސިވިލް ކޯޓުގެ ތާރީހީ ނިންމުމާމެދު ހަމްޒާ ދެކިވަޑައިގަންނަވާ ގޮތް އޭނާ ވަނީ މި ނޫހާ ހިއްސާ ކުރައްވައިފަ އެވެ.
"ގާނޫނީ ގޮތުން ބަލާއިރު މި ހުކުމުގައި އާ ކަންތައްތަކެއް ފާހަގަވޭ. އެގޮތުން މިއީ އިހުމާލުގެ ސަބަބުން ނިޔާވި ފަރާތެއް ނިޔާވުމުގެ ސަބަބުން ދުނިޔޭގައި ތިބި އޭނާގެ އާއިލާއަށް ގެއްލުމުގެ ބަދަލު ނަގައިދީފައިވާ ފުރަތަމަ މައްސަލައަށްވުން އެކަށީގެންވޭ. ހަމަގައިމުވެސް މި މައްސަލައިގަ ނަގައިދީފައިވާ ގެއްލުމުގެ ބަދަލުގެ ބާވަތްތަކަކީ މީގެ ކުރިން ނަގައިދީފައިވާ ބާވަތްތަކެއް ނޫން،" ހަމްޒާ ވިދާޅުވި އެވެ.
ހުކުމުގައި ދީފައި ހުރި ފަރުވާތައް ޖުމްލަ ގޮތެއްގައި ވަރަށް ރަނގަޅު ކަމަށް ހަމްޒާ ދެކިވަޑައިގަންނަވަ އެވެ. ނަމަވެސް ފަނޑިޔާރުގެ ނިންމުންތަކާ ހަމައަށް ވާސިލްވުމަށް ދައްކާފައިވާ ހުއްޖަތްތައް މަދު ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ. އެކަމަކު މަތީ މަރުހަލާގެ ކޯޓުތަކުން މި މައްސަލަ ނިމިގެންދާއިރު ހުއްޖަތްތައް ވަރުގަދަވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ހަމްޒާ ވިދާޅުވި އެވެ.
ލޮސް އޮފް އާނިންގްސް ނުވަތަ ޖިއާން ދުނިޔޭގެ ހުރެ މަސައްކަތް ކުރި ނަމަ ލިބޭނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ ބަދަލު ކޯޓުން ނަގައިދިނުމުގައި އިނގިރޭސި ވިލާތުގެ ހައުސް އޮފް ލޯޑްސްގެ ލިވިންގްސްޓަން ވާސަސް ދަ ރޭވާޑްސް ކޯލް ކޮމްޕެނީގެ ހުކުމަށް އޮތީ ބަލައިފަ އެވެ.
"ކޯޓުން ރިއާޔަތް ކުރި ހައުސް އޮފް ލޯޑްސްގެ ނިންމުމުގައި ވެސް ބުނެފައިވޭ ފިއުޗާ ލޮސާސް އިތުރަށް ދިރާސާ ކުރަން ބުނެފަ. އަދި އެ މައްސަލައަކީ މަރުވެފައިވާ މީހެއްގެ ދިރިހުރި ވާރިސުންނަށް ބަދަލު ނަގައިދިނުމާ ސީދާ ގުޅޭ ނިންމުމެއް ނޫން. ހައުވިޓް ވާސާސް ހެޑްސް، އާއި ވެލްސް ވާސަސް ވެލްސް، މި ދެ ހުކުމުގައި މިފަދަ ބަދަލުތައް ނަގައިދިނުމާ ގުޅޭ ގޮތުން ވަރަށް ދިރާސާކޮށް ލިޔެފައި ހުންނާނެ. އެހެންކަމުން ހަމައެކަނި އެންމެ ނިންމުމަކަށް ބެލުމުން ހުކުމާ ހަމައަށް ވާސިލްވި ސަބަބުތައް ބަލިކަށިވޭ،" ހަމްޒާ އޭނާގެ ހިޔާލުފާޅު ކުރި އެވެ.
ދެ ވަނަ ކަމަކީ ޖިއާންގެ ލޯތްބާއި އަޅާލުމުން ފަރްޒާނާ މަހްރޫމްވުމުން ލޮސް އޮފް ކޮމްޕޭނިއަންޝިޕްގެ ދަށުން ނަގައިދިން ބަދަލެވެ. ހަމްޒާ ދެކިވަޑައިގަންނަވާ ގޮތުގައި ހުކުމުގެ މި ބައިގެ ނަތީޖާ ވެސް ރަނގަޅެވެ. އެކަމަކު އަނެއްކާ ވެސް މައްސަލައަކަށްވީ ނަތީޖާ ހަމައަށް ވާސިލްވި ގޮތެވެ.
"މި ނުކުތާގައި ފަނޑިޔާރު ބަދަލު ދެއްވާފައި ވަނީ ލޮސް އޮފް ކޮންސޯޓިއަމްގެ ދަށުން. އެކަމަކު ލޮސް އޮފް ކޮންސޯޓިއަމްގެ ތެރޭގައި ހިމެނޭނެ ކުރިން ލޮސް އޮފް އާނިންގްސްގެ ގޮތުގައި ނަގައިދިން ބަދަލު ވެސް. މި ނިންމުމަށް ވާސިލްވުމަށް ފަނޑިޔާރު ވަނީ އެމެރިކާގެ ދެ ނިންމުމަށް ދިރާސާ ކުރައްވައިފަ. އެކަމަކު އެ ދެ ނިންމުމަކީ މީހެއްގެ މަރުގެ ސަބަބުން މިވެނި ކަމަކަށް ލިބުނު ގެއްލުން ނަގައިދޭން ބާރުއަޅާ ނިންމުމެއް ނޫން އެއީ މަރުގެ ބަދަލު ނަގައިދޭން ބާރުއަޅާ ދެ ނިންމުން،" އޭނާ އޮޅުންފިލުވައިދެއްވި އެވެ.
އޭގެ އިތުރުން ޖިއާންގެ އާއިލާއަށް ފަނޑިޔާރު ބަދަލު ނަގައިދިނީ އޭނާގެ މަރުގެ ސަބަބުން ލިބުނު ޕެއިން އެންޑް ސަފަރިންއަށެވެ. ނަމަވެސް ވަކީލު ހަމްޒާ ދެކިވަޑައިގަންނަވާ ގޮތުގައި ލޮސް އޮފް ކޮމްޕޭނިއަންޝިޕް ނުވަތަ ޖިއާން މަރުވުމުން ގެއްލުނު ލޯތްބާއި އަޅާލުމަށް ބަދަލު ނަގައިދިނުމަށްފަހު ޕެއިން އެންޑް ސަފަރިންއަށް ބަދަލު ނަގައިދިނުމަކީ ހަމަޖެހޭ ނިންމުމެއް ނޫނެވެ.
"އިނގިރޭސި ވިލާތުގެ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް ލޮސް އޮފް ކޮމްޕޭނިއަންޝިޕްއަށް ބަދަލު ނަގައިދިނުމަށްފަހު އެމެރިކާގެ ނިންމުންތަކެއްގެ މައްޗަށް ރިއާޔަތްކޮށް ޕެއިން އެންޑް ސަފަރިންނަށް ބަދަލު ނަގައިދީފައި މި ވަނީ. މިއީ ރަނގަޅު ނަތީޖާއެއް ނޫން. އަދި ލޮސް އޮފް ކޮމްޕޭނިއަންޝިޕަށް ބަދަލު ނެގުމަށްފަހު އަނެއްކާ ޕެއިން އެންޑް ސަފަރިންއަށް ބަދަލު ނަގައިދެވޭނެ ކަމަށް ނުދެކެން،" ހަމްޒާ ވިދާޅުވި އެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ހަމްޒާ ފާހަގަ ކުރެއްވީ އަދަބެއްގެ ގޮތުން ނުވަތަ އެގްޒެމްޕްލަރީ ޑެމޭޖާސް ގޮތުގައި ބަދަލު ނުދޭން ނިންމި ނިންމުމެވެ. ވަކީލު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ ވަރަށް ރަނގަޅު ނިންމުމެކެވެ. އެކަމަކު މި ނަތީޖާއާ ހަމައަށް ވާސިލްވުމަށް ފަނޑިޔާރު ދެއްކެވި ހުއްޖަތް އަނެއްކާ ވެސް ބަލިކަށި ކަމަށް ހަމްޒާ ގަބޫލުކުރެއްވެ އެވެ.
"މި ނިންމުމުގައި ފަނޑިޔާރުގެ ދިރާސާ ކުޑަ. އަދި ތަފްސީލު ކުރެއްވުމުގައި އޮޅުންތަކެއް އެބަހުރި. އެކަމަކު މި ނިންމުމުގެ ވެސް ނަތީޖާ ރަނގަޅު ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ހުކުމުގެ ނަތީޖާއަށް ވާސިލްވުމުގައި ދައްކަވާފައިވާ ހުއްޖަތްތައް ބަލިކަށި ނަމަވެސް މި މައްސަލަ މަތީ މަރުހަލާގެ ކޯޓުތަކަށް ގޮސްފި ނަމަ އެ މަރުހަލާތަކުން ނިމޭއިރު ވަރަށް ފުރިހަމަ ނިންމުމެއް އޮންނާނެ ކަމަށް ހަމްޒާއަށް ގަބޫލުކުރެވެ އެވެ.
"ހުކުމުގެ ނާތީޖާއަށް ވާސިލްވުމުގައި ގެންނަވާފައިހުރި ހުއްޖަތްތަކުގައި މައްސަލަތަކެއް ހުރިކަމަށް ފެންނާތީ، އެހުކުމުގެ ގާނޫނީ ބިނާ، މަތީ މަރުހަލާގެ ކޯޓަކުގައި އަލުން ބެލި ވަރުގަދަކުރެވިގެން ދިޔުމަކީ ރަނގަޅު ކަމެއް ކަމަށް ފެނޭ. އެހެން ނަމަވެސް، ގެއްލުންވި އާއިލާގެ މަސްލަހަތަށް ބަލާއިރު ކޯޓުތަކުގެ މަރުހަލާތަކުގައި މައްސަލަ ދިގުލައިގެންދިޔުމަކީ އެފަރާތްތަކަށް އެންމެ ރަނގަޅު ނަތީޖާއެއް ވެސް ނޫން،" ނިންމާލައްވަމުން ހަމްޒާ ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ މި ނިންމުމަކީ މުހިންމު އަދި ތާރީހީ ނިންމުމެކެވެ. އަދި މިއީ ބޮޑު ކަމެއްގެ ފެށުމަށް ހުޅައިލެވުނު ދޮރަކަށް ވެސް ވެދާނެ އެވެ. ކޮންމެ ގޮތެއް ވިޔަސް، ބައެއްގެ އިހުމާލުން މީހަކު މަރުވެއްޖެ ނަމަ އާއިލާއަށް އެ ލިބޭ ގެއްލުމުގެ ބަދަލު ނެގެންޖެހެ އެވެ. ޖިއާންގެ އާއިލާއަށް ދިވެހިރާއްޖޭގެ ކޯޓަކުން މިފަދަ ބަދަލެއް ނަގައިދޭން ނިންމުމަކީ ފަހުރުވެރިވާންޖެހޭ ކަމެކެވެ.












