ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގެ ޝަރީއަތް ނުނިމި ދިގުލައިގެން ދިޔުމާ ގުޅޭގޮތުން، ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން މިއަދު ރައްދު ދީފި އެވެ.
ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު މަރާލި މައްސަލާގައި ޖުމްލަ އަށް މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެ އެވެ.
އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް މައްސަލަ ދެން ކުރިއަށް ގެންދާނެ ޝެޑިއުލެއް ކަނޑައަޅުއްވާފަ އެވެ. އެގޮތުން ތިން އަޑުއެހުމެއް ތާވަލުކުރި އެވެ.
އެއީ އަންނަ މަހުގެ 16 ވަނަ ދުވަހަށް ދިފާއުގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރި އަޑުއެހުމާއި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެވެ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުން ތާވަލުކުރި އެވެ. އެއަށްފަހު އޮންނާނީ ހުކުމް އިއްވުމެވެ.

މީގެކުރިން ގާޒީ އަލީ ރަޝީދު މައްސަލަ ބެއްލެވިއިރު ވެސް ޝެޑިއުލެއް އެކުލަވާލެއްވި އެވެ. ނަމަވެސް، އެ ޝެޑިއުލްއާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އޭރު ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ޝެޑިއުލްއާ އެއްގޮތަށް މައްސަލަ ކުރިއަށް ނުދިޔައީ، އެކި ސަބަބުތަކާ ހުރެ ވަކީލުން ކޯޓަށް ހާޒިރު ނުވާތީ، އަޑުއެހުންތައް ކެންސަލް ކުރަން ޖެހުމުންނެވެ. މި މައްސަލައަކީ ދިފާއީ ގިނަ ވަކީލުންތަކެއް ތަމްސީލު ކުރާ މައްސަލައެކެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އިއްޔެ ޕީޖީ ޝަމީމް ހާޒިރުކޮށްފައިވާއިރު، އެ މައްސަލަ ނުނިމި ލަސްވަމުން ދިޔުމާ ގުޅޭގޮތުން އޭނާ ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފަ އެވެ.
އެގޮތުން ޝަމީމް ވިދާޅުވީ، އެ މައްސަލަ މިހާރު އޮތީ އަޑުއެހުންތައް ނިންމާލުމަށްފަހު އެންމެފަހު މަރުހަލާގައި ކަމަށާއި، އަވަސް ކުރަން ބޭނުންވެއްޖެނަމަ ދެ ދުވަސްތެރޭގައި މައްސަލަ ކުރިމިނަލް ކޯޓަށް ނިންމާލެވޭނެ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދީ ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ޝަރީއަތް ހިންގުމަށް ކަނޑައެޅިފައިވާ އިޖުރާއަތުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ކަމަށެވެ.
"އިދިކީލި އިޖުރާއަތެއްގެ ތެރެއިން މައްސަލައެއްގައި ނިންމާ ނިންމުމަކީ ބާތިލްކުރުމުގެ ފުރުސަތު އޮންނާނެ ނިންމުންތަކެއް،" ކޯޓުން ބުންޏެވެ.
މަރު ކޮމިޝަންގެ ސިޓީއަކާއެކު މައްސަލަ އަވަސްކޮށް ދިނުމަށް އެދި ތަކުރާރުކޮށް ސިޓީ ފޮނުވިފައިވާ ކަމަށް ޕީޖީ ވިދާޅުވި ވާހަކަ ވެސް ކްރިމިނަލް ކޯޓުން ދޮގުކުރި އެވެ.
އޭގެ އިތުރުން، ނޮވެމްބަރު މަހުގައި މައްސަލަ ނިންމައި ދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށް ޝަމީމް ވިދާޅުވި ވާހަކަ ދޮގުކުރަމުން ކޯޓުން ބުނީ ޝަރީއަތުގެ މަޖިލީހުގައިވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނީ، އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ހޭދަވީ ކޮވިޑުގެ ހާލަތާ ގުޅިގެން ގިނަ ބަޔަކު ކޯޓަށް ހާޒިރުކޮށްގެން ހިންގާ ޝަރީއަތްތައް މަދުކުރަން ޖެހިފައިވުމުންނާއި މައްސަލައިގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާޒު ކޮށްފައިވާތީ ކަމަށެވެ.
އަދި ކޮވިޑާ ގުޅިގެން ޖަލުތަކުން ކޯޓަށް މީހުން ހާޒިރުކޮށްދިނުން މެދުކަނޑާލުމާއި ގުޅިގެންވެސް އަޑުއެހުންތައް ލަސްވެފައިވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އިއްޔެގެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ވަކިވަކި ސުވާލުތައް މެމްބަރުންގެ ފަރާތުން އަމާޒުވާނެކަމަށް ޕީޖީ ހީނުކުރައްވާ ކަމަށެވެ.
އަދި އެ މިންވަރަށް ތަފްސީލަށް ވަޑައިނުގަންނަވަން ޕީޖީ މަސައްކަތް ކުރެއްވި ކަމަށް ވެސް ބުންޏެވެ.
ނަމަވެސް، ކްރިމިނަލް ކޯޓުން ފާހަގަކުރި ނުކުތާތައް މުރާޖައާކޮށް، ހިލާފެއް އުޅޭނަމަ އެކަން ރަނގަޅު ކުރާނެކަމަށް އެ އޮފީހުން ބުންޏެވެ.
"ދަ ޑެއިލީ ޕެނިކް" އާއި "ސްލިކާ ދޭން ޔުއާ އެވަރެޖް"ގައި މަޒުމޫނުތައް ޝާއިއުކުރަމުންދިޔަ ޔާމީން ރަޝީދު، މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ އާދީއްތަ ދުވަހުގެ މެންދަމުން އަލިވުމުގެ ކުރީގެ ވަގުތެއްގަ އެވެ. މައްސަލާގައި ދައުވާކޮށް ޝަރީއަތް ފެށިތާ ވެސް ހަތަރު އަހަރުވެފައިވާއިރު އިންސާފު ލަސްވާތީ އާއިލާއިން ކަންބޮޑުވެ އެވެ.
ޔާމީންގެ މަރުގެ މައްސަލައިގައި، އޭނާއަށް ބަޔަކު ފޮނުވި މަރުގެ އިންޒާރުތަކަށް ސަމާލުކަން ދީފައިނުވުމުން ޔާމީން ރައްކާތެރިކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް 3 މެއި 2017 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅި އެވެ.
އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ނެތްކަމަށް ނިންމަވާ، ފަނޑިޔާރު އަބްދުލްނާސިރު ޝަފީގު މައްސަލަ ބާތިލުކުރެއްވި އެވެ. އެއަށްފަހުގައި 2 އޮކްޓޫބަރު 2017 ގައި އާއިލާއިން ހައިކޯޓަށް ހުށައެޅި މައްސަލާގެ ޝަރީއަތް ވެސް ނުހިނގަ އެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.












