ހއ. ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އޮތް ދައްޕަރުން ނަފާ ހޯދުމަށް ރަށު ކައުންސިލުން ތައްޔާރުވެ ތިއްބާ، އެ ރަށުގެ އިހްތިސާސުން އެ ރަށް ސަރުކާރުން ވަކިކުރި މައްސަލައިގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ކަންބޮޑުވުންފާޅުކޮށްފި އެވެ.
ދައްޕަރަކީ ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ރަށެކެވެ. ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.
ޓޫރިޒަމްގެ ބޭނުމަށް ސަރުކާރުން ދައްޕަރު ނަގާފައިވަނީ ކައުންސިލާ ވެސް މަޝްވަރާ ނުކޮށެވެ.
އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާއިރު، ޓްރާންސްޕޭރަންސީން މިއަދު ބުނީ ފިއްލަދޫ ކައުންސިލުގެ އިތުރުން އެ ރަށު ރައްޔިތުންނާވެސް އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި ދައްޕަރު ސަރުކާރުން ނެގުމަކީ ލާމަރުކަޒީ ނިޒާމާ މުޅިން ހިލާފުކަމެއް ކަމަށެވެ.
"ފިއްލަދޫ ރައްޔިތުންނާ ސީދާ ގުޅުން ހުރި ނިންމުމެއް ނިންމުމުގައި ކައުންސިލާއި ރަށު ރައްޔިތުންގެ އިތުރުން ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށް، އެ ގަރާރާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ގޮވާލަން،" ޓްރާންސްޕޭރަންސީން ބުންޏެވެ.

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅީ 2010 ވަނަ އަހަރެވެ. އެއިރު ސަރުކާރުގެ ވިސްނުމުގައި ހުރީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމެވެ.
އެ މަސައްކަތް ނުފެށި އުޅެނިކޮށް މި ސަރުކާރުން ޖުލައި، 2020 ގައި އިއުލާން ކުރީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށްފަހު އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމުގެ ވިސްނުމެކެވެ. ނަމަވެސް އެ ޕްލޭން ވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެ އެވެ.
ސެކަންޑް ހޯމް ރެޒިޑެންޑްޓް ޕައިލެޓް ޕްރޮޖެކްޓު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޖުލައި މަހު އިއުލާން ކުރިއިރު ރައީސް ސޯލިހުގެ ގަރާރަކުން ދައްޕަރު އޮތީ މާޗް، 2020 ގައި ފިއްލަދޫގެ އިހްތިސާސުގައި ރަސްމީކޮށް ހިމަނައިފަ އެވެ.












