ކޮވިޑާ ގުޅިގެން މާލެ ސިޓީގެ މަގުމަތީގައި ކުނި ބަހައްޓައިގެން ނަގަމުން އައި އުސޫލު ބަދަލުކޮށް، އަންނަ މަހުގެ 15 އިން ފެށިގެން އިމާރާތުގެ ތިރީ ފަންގިލާއިން ކުނި ނަގާގޮތަށް ވެމްކޯއިން ހަމަޖައްސައިފި އެވެ.
ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަގުމަތީގައި ކުނި ބެހެއްޓުން މާލޭ ސިޓީ ކައުންސިލުން މަނާކުރުމާ ގުޅިގެން، އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ކުނި ނެގޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ.
ނަމަވެސް، އަދި އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ވެމްކޯގެ މުވައްޒަފުން އަރައިގެން ހިދުމަތް ނުދޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ވެމްކޯއިން ބުނި ގޮތުގައި ގޭބިސީތަކުން ހަވީރު 6:00 އާ ރޭގަނޑު 7:00 ދޭތެރޭގައި ކުނި ނެރެންވާނެ އެވެ. އަދި ކުނި ނަގަން ވެމްކޯގެ މުވައްޒަފުން ހަރަކާތްތެރި ވާނީ ރޭގަނޑު 8:00 އާ 11:00 ދެމެދު ކަމަށާއި، ހިދުމަތް ދޭނީ ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކަށް އެކަނި ކަމަށް ބުންޏެވެ.
މި ބަދަލާ ގުޅޭ އިތުރު މައުލޫމާތު ދިނުމަށް މާދަމާ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި ގޭބިސީތަކުން އަމަލު ކުރަން ޖެހޭ ގޮތުގެ އިތުރު ތަފްސީލުތައް ހިއްސާކުރާނެ އެވެ.

މާލެ މަގުމަތީގައި ކުނި ބަހައްޓާ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިފަހުން މާފަންނު ރައްޔިތުންނާ އެކު ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމެއްގައި އެކަން ހުއްޓާލަން ވެމްކޯއަށް ހުށައަޅުއްވާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.













