މެޑްރިޑް (އޮގަސްޓް 29) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑް އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ސްޕެނިޝް ލީގުގެ މި ފަހަރުގެ ސީޒަނުގެ ފުރަތަމަ މެޗުން ރެއާލް ވަނީ އަލަވޭސް އަތުން 4-1 އިން މޮޅުވެފަ އެވެ. އެކަމަކު ދެ ވަނަ މެޗުން ސަލާމަތްވީ ކިރިޔާ އެވެ. އެ މެޗުގައި ފަހު ވަގުތު ޖެހި ގޯލުން ރެއާލް ވަނީ ލެވަންޓޭއާ 3-3 އިން އެއްވަރުވެފަ އެވެ. އެހެންވެ، ރޭގެ މެޗަށް ނުކުތްއިރު ބެޓިސް އަތުން ތިން ޕޮއިންޓް ހޯދުން ރެއާލަށް އޮތީ މުހިއްމުވެފަ އެވެ.
މެޗު ފަށައިގެން ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ބެޓިސްގެ ފްރާންސް މިޑްފީލްޑަރު ނަބީލް ފެކީރް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ނުރައްކާ ކުރި ނަމަވެސް ގޯލަކަށް ހަދާލެވޭވަރު ނުވި އެވެ.
ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ދެ ވަނަ ހާފްގައި އެ ޓީމުގެ ކަނާތު ބެކް ޑެނީ ކާވަހާލް އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ބެންޒެމާ ނެގި ހުރަހަކުން ކާވަހާލް މި ގޯލު ޖެހީ ވޮލީއަކުންނެވެ. ރެއާލުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
މި މޮޅާ އެކު ރެއާލް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ އެއް ވަަނައިގަ އެވެ. އެ ޓީމު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އާއި ތިން ވަނައިގައި އޮތް ވެލެންސިއާ އަދި ހަތަރު ވަނައިގައި އޮތް މަޔޯކާ އަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.
މެޗާ ބެހޭގޮތުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ އަދިވެސް އޭނާގެ ޓީމަށް ގިނަ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި އަދި އެންމެ ބޭނުން ލެވަލަށް ނުކުޅެވޭ ކަމަށެވެ.
"އެންމެ ބޮޑު ސަބަބަކީ (މިދިޔަ ޖޫން/ޖުލައި މަހު ކުޅުނު) އިންޓަނޭޝަނަލް މުބާރާތްތަކަށް ފަހު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދިން ޗުއްޓީ ދިގުލައި ގިނަ ކުޅުންތެރިންނަށް ޕްރީ ސީޒަނުގައި ބައިވެރިވެވުނީ ލަހުން ކަމަށް ވާތީ،" އަންޗެލޮޓީ ބުންޏެވެ.
ރެއާލުން އަންނަނީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ޕީއެސްޖީގެ ފޯވާޑް ކީލިއަން އެމްބާޕޭ ގެންނަން މަސައްކަތް ކުރަމުންނެވެ. އަންޗެލޮޓީ ބުނީ އެމްބާޕޭގެ ޓްރާންސްފާއާ ބެހޭ ސުވާލުތަކަކީ ކްލަބްގެ ވެރިންނަށް ޖަވާބު ދެވޭނެ ކަމެއް ކަމަށެވެ.












