އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ތައްޔާރުވުމުގެ ގޮތުން ދުބާއީގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުން އަންނަ ގައުމީ އަންހެން ޓީމުން ޔޫއޭއީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 5-1 އިން ބަލިވެއްޖެ އެވެ.
މި މެޗުގައި ރާއްޖޭގެ ގޯލު ޖެހީ އުމުރުން 16 އަހަރުގެ ރާނިޔާ އެވެ. މިއީ ދާދި ފަހުން ގައުމީ ޓީމުން ފުރުސަތު ހޯދި ރާނިޔާ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. އަދި ބައިނަލްއަގުވާމީ ލެވަލްގައި އޭނާގެ ފުރަތަަމަ މެޗެވެ. ގައުމީ އަންހެން ޓީމަށް ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗުގައި ލަނޑު ޖެހި މަދު ކުޅުންތެރިންގެ ތެރޭގައި ރާނިޔާ ހިމެނެ އެވެ.
ރާނިޔާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗަކީ މިދިޔަ މަހު 27 ވަނަ ދުވަހު ބ. އޭދަފުށިން ހޮވާލެވުނު އަންހެން ޓީމަކާ ދެކޮޅަށް ކުޅުނު މެޗެކެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ރާނިޔާ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
ޔޫއޭއީ ޓީމުން ވަނީ އިއްޔެގެ މެޗުގައި ރާއްޖެ ކޮޅަށް ފުރަތަމަަ ހާފުގައި ހަތަރު ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގައި ޔޫއޭއީން އިތުރު އެއް ގޯލު ޖެހިއިރު، ރާއްޖޭން ކުޅުން ރަނގަޅުކޮށް ރާނިޔާ ވަނީ ގޯލެއް ޖަހައިފަ އެވެ. ޔޫއޭއީގެ ގޯލުތައް ޖެހީ ލައިލާ އަލް މުހައީރީ ހެޓްރިކެއްގެ އިތުރުން އަރީޖް އަލް ހައްމާދީ އާއި ނައީމާ އިބްރާހިމް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ޔޫއޭއީއާ ދެކޮޅަށް ނެރުނު ރާއްޖޭގެ ފުރަތަމަ އެގާރަ ކުޅުންތެރިން.
މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ކުޅުނު ފަހުން ގައުމީ އަންހެން ޓީމުން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.
އެ މުބާރާތުގައި ކުޅުނު ޓީމާ އަޅާކިޔާއިރު މިހާރު އޮތް ގައުމީ ސްކޮޑުގައި ޒުވާން ކުޅުންތެރިން ގިނަ އެވެ. ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ ޓީމަށް ގިނަ ކުރިއެރުންތަކެއް ހޯދައިދިން ދެ ކެޕްޓަނުން ކަމަށްވާ ފަދުވާ ޒާހިރާއި މަރިޔަމް މިރުފަތު ހުރީ މިހާރު ކޯޗިން ޓީމުގަ އެވެ.
މީގެ ކުރިން ވެސް ގައުމީ އަންހެން ޓީމުން ވަނީ ދުބާއީއާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ދުބާއީ އަންހެން ޓީމާ ދެކޮޅަށް ދެން ރާއްޖެ ކުޅޭ މެޗު އޮތީ އެއް ދުވަސް ފަހުންނެވެ.
ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތަށް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށެވެ. އަންނަ މަހު ތަޖިކިސްތާންގައި ބާއްވާ ކޮލިފައިން ގްރޫޕްގައި ރާއްޖެ ވާދަކުރަން ޖެހިފައިވަނީ ތަޖިކިސްތާނުުގެ އިތުރުން ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ. އަފްގާނިސްތާންގައި މިހާރު ސިޔާސީ ކަންކަން ހަލަބޮލިވެފައިވާތީ ކޮލިފައިންގައި އެ ޓީމަށް ވާދަކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ކޮލިފައިން މެޗުތައް ރޭވިފައި އޮތީ އަންނަ މަހުގެ 13-25 ދެމެދުގައި ކުޅޭގޮތަށެވެ.












