އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ކައުންސިލުތަކުން ލޯނު ނެގުމާއި ލޯނު ދޫކުރުމާ ގުޅޭ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ކައުންސިލުތަކަށް މާލީ މިނިވަންކަން ދިނުމުގެ ގޮތުން، ހިންގާ މަޝްރޫއުތަކަށް ލޯނު ނެގުމުގެ މަގު ތަނަވަސްކޮށް ދިނުމުގެ އިސްލާހެކެވެ.
އެ ބިލު މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލު ބަލައިގަތުމާއެކު ރިޔާސަތުން ވަނީ އެ ބިލު ދިރާސާކުރުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވައިފަ އެވެ.
މާލިއްޔަތު ގާނޫނަށް ޔައުގޫބު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ވަކި ކައުންސިލަކަށް އަހަރަކު ލިބޭ އާމްދަނީގެ ތެރެއިން، ހަރަދަށް ކެނޑުމަށްފަހު، ބާކީ ހުންނަ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވޭނެ އެވެ.

އެގޮތަށް ދޫކުރެވޭ ލޯނެއްގެ ތަފްސީލް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަންޖެހޭއިރު، އެއްބަސްވުމާ ހިލާފަށް އެ ލޯނު އަނބުރާ ނުދައްކާނަމަ، ލޯނު ނެގި ކައުންސިލަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއިން ލޯނަށް ދައްކަންޖެހޭ އަދަދު އުނިކުރުމުގެ އިހުތިޔާރު ސަރުކާރަށް ވަނީ ދީފަ އެވެ.
ކައުންސިލްތަކަށް އެފަދަ ދަރަންޏެއް ނެގޭނެ އުސޫލުތަކެއް ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވާއިރު، ކައުންސިލުތަކަށް ދަރަނި ނެގޭނީ، ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނުގައި ހިމެނޭ މަޝްރޫއުއަކަށް، ކައުންސިލުގެ އަގުލަބިއްޔަތުން ފާސްކޮށް ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެވެ.
އަދި އެފަދަ ދަރަންޏެއް ނެގުމަށް ކައުންސިލުން ފާސްކުރާ ގަރާރުގައި ހިމަނަންޖެހޭނެ މައުލޫމާތުތައް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
އޭގެ ތެރޭގައި، ދަރަނި ނެގުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ނުވަތަ އިގުތިސޯދަށް ކުރާނެ ފައިދާ އާއި، ކައުންސިލުގެ މާލިއްޔަތަށް ކުރާނެ އަސަރާއި، ހިންގާ މަޝްރޫއުގެ ތަފްސީލާއި، މާލީ ގާބިލުކަމުގެ އެސެސްމަންޓުގެ އިތުރުން ރަހުނުކުރަން ނިންމާފައިވާނަމަ އެކަމުގެ ތަފްސީލް ހިމަނަންޖެހެ އެވެ.
އެގޮތަށް ހުށަހަޅާ ލޯނު ޕްރޮޕޯޒަލްތަކަށް ހުއްދަ ދިނުމުގައި މިނިސްޓްރީން ރިއާއަތްކުރަންޖެހޭނެ ކަންކަން ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި މުޅި ދައުލަތުގެ ދަރަނީގެ މިންވަރާއި، މަޝްރޫއުގެ ފީޒިބިލިޓީގެ އިތުރުން އެ ދަރަނި އަނބުރާ ދެއްކޭނެ ގާބިލުކަން ހިމެނެ އެވެ.
އެ އުސޫލުގެ ތެރެއިން ނަގާ ދަރަނީގެ ތަފްސީލުތައް ގަވައިދުން މިނިސްޓްރީއާ ހިއްސާކުރަން ލާޒިމުކޮށްފައިވާއިރު، އެ ލޯނަކަށް ދައްކަންޖެހޭ ފައިސާއާއި އިންޓަރެސްޓް އަކީ ސީދާ ކައުންސިލުން ޒިންމާވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
ޔައުގޫބު ހުށަހެޅުއްވި އިސްލާހުގެ ދަށުން ލޯނު ދޭ ފަރާތަކުން ގެރެންޓީއެއް ދިނުމަށް ޝަރުތުކުރާނަމަ، ގެރެންޓީ ދޫކުރުމުގެ ގަވައިދެއްގެ ހަދަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.
އޭގެ އިތުރުން ކައުންސިލުތަކުގެ މުދަލެއް ވިއްކުމާއި، ކުއްޔަށް ދިނުން ނުވަތަ ރަހުނުކުރެވޭނީ ކައުންސިލުން އެ ގޮތަށް ފާސްކޮށްގެން ކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގެ މައުލޫމާތު ވެސް މިނިސްޓްރީއާ ހިއްސާކުރަންވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސްގެ ތެރެއިން ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވައިފަ އެވެ.
ނަމަވެސް، މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސިން އާންމުވެފައިވާ ދުވަސްވަރެއްގައި، ކައުންސިލުތަކުން ލޯނު ނަގާ ފަރާތްތަކާއި ކުރެވޭ މުއާމަލާތްތަކަށް ފިނޭންސް މިނިސްޓްރީން ފާރަވެރިވާންޖެހޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.
އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.
އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.













