ރާއްޖޭގެ 17 އެމްބަސީގައި 100 އަށް ވުރެ ގިނަ މުވައްޒަފުން

މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފޮރިން މިނިސްޓްރީގެ އޮފީހުގައި މާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ، ރާއްޖޭން ބޭރުގައި ހުރި މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކަން ހާމަވެއްޖެ އެވެ.

ސިވިލް ސާވިސް އާ ވަކިކޮށް، ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖޭން 16 އެމްބަސީއަކާއި އެއް ކޮންސިޔުލޭޓް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ މިޝަންތަކުގައި 102 މުވައްޒަފުން މަސައްކަތްކުރާއިރު، ފޮރިން މިނިސްޓަރީގައި މަސައްކަތް ކުރަނީ 97 މުވައްޒަފުންކަން ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައި ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސްއެއް ބިނާކުރުމަށް ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމްކުރުން ކަމަށް ބުނެފައި ވެ އެވެ.

އަދި އެ ހިދުމަތް ރޭވިފައިވާ ގޮތާއި އެ ސާވިސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ ސާވިސްގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގަނޫނީ އޮނިގަނޑު އެ ބިލު ގާނޫނަކަށް ވުމުން އެކުލަވާލެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ކަންބޮޑުވުން

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ކަންބޮޑުވުންތަކެއް ހިއްސާކުރި އެވެ.

ސީއެސްސީގެ ސީނިއާ ލީގަލް ކައުންސެލް އާޔަތުﷲ ހުސެއިން ވިދާޅުވީ އެ ގާނޫނާއެކު ފޮރިން މިނިސްޓްރީގައި މިހާރު ތިބި މުވައްޒަފުން ސިވިލް ސާވިސްއިން ވަކިވެގެންދާއިރު، އެ މުވައްޒަފުންނަށް ވާނެ ގޮތެއް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސިވިލް ސާވިސްއާ ވަކިވާން ބޭނުންނުވާ މުވައްޒަފުންނަށް ސިވިލް ސާވިސްގެ ތެރެއިން އެހެން ވަޒީފާއެއް ހަމަޖެއްސުމަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ހުރި ދަތިތައް ކަމަށެވެ.

"އެހެންވީމާ، ފޮރިން މިނިސްޓްރީގައި ތިބި މުވައްޒަފުން މި ގާނޫނާއެކު ފޮރިން ސާވިސްއަށް ބަދަލުވީކަމަށް ގާނޫނުގައި ސާފުކޮށް ލިޔެފައި އޮންނަންވާނެ ކަމަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ފޮރިން
ފޮރިން

ފޮރިން ސާވިސް ބިލު ދިރާސާކުރާ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން. -ފޮޓޯ: މަޖިލިސް

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެމުން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ކޮމިޓީގައި ބުނީ ގާނޫނު ވުޖޫދަށް އައުމާއެކު މުވައްޒަފުންގެ އޮނިގަނޑު ފޮރިން މިނިސްޓްރީން އެކުލަވާލަންޖެހޭ ކަމަށެވެ.

އެގޮތުން، އެކުލަވާލެވޭ އޮނިގަނޑުގައި މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމުގައި ޝަރުތު ހަމަނުވާ މުވައްޒަފުންނަށް ޝަރުތު ފުރިހަމަކުރަން ތިން އަހަރު ދުވަހުގެ މުއްދަތެއް ގާނޫނުގެ ދަށުން ލިބިދޭ ކަމަށެވެ.

އެހެންކަމުން، ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިގާލީ އިންތިޒާމުގެ ތެރެއިން މުވައްޒަފުންނަށް ވާނެ ގޮތެއް ސާފުކޮށް އެބައޮތްކަން ފާހަގަކުރި އެވެ.

އެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވަނީ ފޮރިން ސާވިސްގެ މުސާރައިގެ އޮނިގަނޑު ވަކިން ހަދަންޖެހޭއިރު، އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާނެ އަސަރާ ގުޅޭގޮތުން ސުވާލުތައް އަމާޒުކޮށްފަ އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، ފިނޭންސް މިނިސްޓްރީން ބުނީ މުސާރަތައް ކަނޑައެޅުމުގެ އިހުތިޔާރު ފޮރިން މިނިސްޓްރީއަށް ލިބިދޭނީ ފިނޭންސްގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތުން، ދައުލަތުގެ މުސާރައިގެ މިންގަނޑުތައް ކަނޑައަޅާ، ނެޝަނަލް ޕޭ ކޮމިޝަނުގެ މިންގަނޑުތަކާ ތައާރުޒުނުވާ ގޮތަށް ފޮރިން ސާވިސް މުވައްޒަފުންގެ މުސާރަ ވެސް ކަނޑައަޅަންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކުރެވިދާނެ ކަމަށް ފިނޭންސުން ފާހަގަކުރި އެވެ.

ފޮރިން ސާވިސް ގާއިމުވުމާއެކު ފޮރިން މިނިސްޓްރީއަށް ފޯރާ ސިޔާސީ ނުފޫޒު ކުޑަވެގެންދާނެ ކަމާމެދު ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދި އެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ފޮރިން ސެކްރެޓަރީ ވިދާޅުވީ ފޮރިން ސާވިސް މުވައްޒަފުންގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުން ކަމަށެވެ.

"ފޮރިން ސާވިސް މުވައްޒަފުންނަކީ ހާރިޖީ ސިޔާސަތު ކަނޑައަޅާ ބައެއް ނޫން. ފޮރިން ސާވިސް މުވައްޒަފުންނަކީ އެ ކަނޑައަޅާ ސިޔާސަތެއް ތަންފީޒުކުރަން ތިބޭ ބައެއް،" ޣަފޫރު ވިދާޅުވި އެވެ.

އަދި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ފޮރިން ސާވިސްއަށް ކަނޑައެޅޭނީ، މުޅި ފޮރިން ސާވިސްގެ މުވައްޒަފުންގެ 20 ޕަސަންޓަށް ވުރެ އިތުރުނުވާ މިންވަރަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ ވެސް އެކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީ މަރުހަލާގައި ބިލުގައި ހުރި ކުދިކުދި މައްސަލަތައް ހައްލުކުރާއިރު، ޕްރޮފެޝަނަލް އަދި މިނިވަން ފޮރިން ސާވިސް ގާއިމުކުރުމުގެ މަގުސަދު ގެއްލިގެން ނުދާ ގޮތަށް އިސްލާހު ގެނައުމަށް ޣަފޫރު މިއަދު އިލްތިމާސް ކުރެއްވި އެވެ.

ފޮރިން ސާވިސް ބިލުގެ މުހިންމު ބައިތައް

ސަރުކާރުން ހުށަހަޅާފައިވާ އެ ބިލު އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހޭއިރު، އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ ފޮރިން ސެކްރެޓަރީ އެވެ.

އެ މަގާމަށް މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަނުކުރަން ޖެހިވަޑައިގަންނަވާއިރު، އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލު ފާސްވެ ގާނޫނަކަށް ވުމުން މުވައްޒަފުން ތަމްރީންކުރުމަށް ފޮރިން އިންސްޓްޓިއުޓެއް ވެސް ގާއިމްކުރަން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ އިންސްޓްޓިއުޓަކީ ގާނޫނުގެ ދަށުން ބާރުލިބޭ ތަނަކަށް ވާއިރު، އެ އިންސްޓްޓިއުޓްގެ މެންޑޭޓްގެ ތެރޭގައި ފޮރިން ސާވިސްގައި މަސައްކަތް ކުރާ އެންމެހާ މުވައްޒަފުންނަކީ ފޮރިން ސާވިސްގެ މަގުސަދުތައް ހާސިލުކުރެވޭފަދަ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދުމަށް ތަމްރީން ދިނުން ހިމެނެ އެވެ.

އެ އިންސްޓިޓިއުޓްގެ އިތުރުން، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭނުންވާ ލަފާ ދިނުމަށްޓަކައި ފޮރިން ސާވިސް އެޑްވައިޒަރީ ބޯޑެއް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް މެމްބަރުން އައްޔަނުކުރުމާއި ވަކި ކުރުމުގެ ބާރު ފޮރިން މިނިސްޓަރަށް ދީފައިވާއިރު، އެ ބޯޑުގައި ތިއްބަވާނީ ފޮރިން ސެކްރެޓަރީ އާއި ފޮރިން ސާވިސް އިންސްޓިޓިއުޓްގެ އިސްވެރިޔާގެ އިތުރުން، މުވައްޒަފުންގެ ތިން ގިންތިއެއް ތަމްސީލުވާ ގޮތަށެވެ.

އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައް ވެސް ހިމަނާފައި ވެ އެވެ.

އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައި ވެ އެވެ.

ފޮރިން ސާވިސްއިން ބޭރުން އައްޔަނުކުރާ ސަފީރުން، ވެރިކަން ބަދަލުވާ ހާލަތެއްގައި އިސްތިއުފާ ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެ އެވެ.

ސަފީރު ކަމުގައި ހުންނެވީ ފޮރިން ސާވިސްގެ ބޭފުޅެއް ނަމަ، ސަފީރުކަން ގެއްލޭ ނުވަތަ ދޫކޮށްލާ ހިސާބުން، ފޮރިން ސާވިސްގައި އެ ފަރާތުން އަދާކުރަމުންދިއަ ވަޒީފާ ދެމި އޮންނާނެ ކަމަށް ބިލުގައި ވެ އެވެ.

މީގެ އިތުރުން، އެ ހިދުމަތަށް އައްޔަނުކުރާ މުވައްޒަފުންގެ ގިންތިތަކާއި، އުސޫލުތަކާއި، މަސްއޫލިއްޔަތުތައް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި ބޭރުގައި ގާއިމުކޮށްފައިވަނީ މިޝަންތަކަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުން ފަދަ ގިނަ ގަވައިދުތައް، އެ ބިލު ގާނޫނަކަށްވުމާއެކު ވަކި މުއްދަތުތަކެއްގެ ތެރޭގައި ހަދަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ފޮރިން ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ރައީސް އޮފީހުން އެކުލަވާލާ ގޮތަށް ބިލު ވަނީ ފަރުމާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox