މެޑްރިޑް (އޮގަސްޓް 23) - ސްޕެނިޝް ލީގުގައި ރޭ ވިނީޝިއުސް ޖޫނިއާގެ ގޯލާ އެކު ރެއާލް މެޑްރިޑުން 3-3 އިން ލެވަންޓޭއާ އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.
ލެވަންޓޭ ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ ކަރިމް ބެންޒެމާ ދިން ބޯޅަ އަކުން ގަރެތު ބޭލް އެވެ. މިއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ސްޕެނިޝް ލީގުގައި ބޭލް ޖެހި ފުރަތަމަ ގޯލެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 28 ސިކުންތު ތެރޭގައި ލެވަންޓޭ އަށް އެއްވަރުކޮށްދިނީ ގޮންޒާލޯ މެލޭރޯ ދިން ބޯޅައަކުން ރޮޖާ މާޓީ އެވެ. މި ހާފްގެ ފުރަތަމަ 15 މިނިޓް ތެރޭ އިތުރު ގޯލެއް ޖަހައި ލެވަންޓޭ އިން ލީޑުނެގި އެެވެ. މި ގޯލަކީ ހޯސޭ ކަމްޕާނިއާ ވޮލީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ވިނީޝިއަސް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު 30 މިނިޓަށެވެ. ރެއާލަށް ފުރަތަމަ ފަހަރަށް އެއްވަރުކޮށްދިން ގޯލު ވިނީޝިއަސް ކާމިޔާބުކުރީ 73 ވަނަ މިނިޓްގައި ކަސެމީރޯ ދިން ބޯޅައަކުންނެވެ. އޭގެ ހަ މިނިޓް ފަހުން ލެވަންޓޭ އިން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ ރޮބާ ޕިއާ އެވެ. ރެއާލަށް ދެ ވަނަ ފަަހަރަށް އެއްވަރުކޮށްދިން ގޯލު ޖެހީ ވެސް ވިނީޝިއަސް އެވެ. މެޗުގެ 85 ވަނަ މިނިޓްގައި މި ގޯލު ޖަހަން ބޯޅަ ދިނީ ބެންޒެމާ އެވެ.
މި ހަފްތާގައި ރެއާލާއި ބާސެލޯނާ އަށް ވެސް މޮޅެއް ނުލިބުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ އޭގެ ފައިދާނަގައިފަ އެވެ. އެތުލެޓިކޯ ވަނީ ރޭ އަމިއްލަ ދަނޑުގައި އެލްޗޭ އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗުގެ 39 ވަނަ މިނިޓްގައި އެތުލެޓިކޯގެ ހަމައެކަނި ގޯލު ޖެހީ ރޮޑްރީގޯ ޑެ ޕޯލް ދިން ބޯޅަ އަކުން އެންހެލް ކޮރޭއާ އެވެ.
ސްޕެއިންގެ މިޑްފީލްޑަރު މިކޭލް އޮޔާޒަބާލް ކާމިޔާބުކުރި ޕެނަލްޓީން ރެއާލް ސޮސިއެޑާޑް ވަނީ 1-0 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.












