ޔުނައިޓެޑް އެއްވަރު، ލުކާކޫގެ ގޯލާ އެކު ޗެލްސީން އާސެނަލް ބަލިކޮށްފި

Aug 22, 2021, 5:24 PM
އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮގަސްޓް 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-1 އިން ސައުތެމްޓަނާ އެއްވަރުވިއިރު، ރޮމެލޫ ލުކާކޫގެ ގޯލާ އެކު ޗެލްސީން 2-0 އިން އާސެނަލް ބަލިކޮށްފި އެވެ.

މިއީ ޗެލްސީ އަށް ދެ ވަނަ ފަހަރަށް ސޮއިކުރުމަށް ފަހު ލުކާކޫ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ޗެލްސީން މި ފަހަރު ލުކާކޫގެ ސޮއި ހޯދީ އެ ކްލަބްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި އިންޓަ މިލާނަށް 98 މިލިއަން ޕައުންޑް (135 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. ޗެލްސީ އަށް ފުރަތަމަ ކުޅުނުއިރު ލުކާކޫ އެ ޓީމަށް ގޯލެއް ނުޖަހަ އެވެ. އެކަމަކު އެނބުރި އައި ފުރަތަމަ މެޗުގައި މި ވަނީ ގޯލު ޖަހައިފަ އެވެ.

އާސެނަލުން މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން ބަލިވުމުން މިރޭގެ މެޗަށް ނުކުމެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމުގެ ޑިފެންސް ދަށް ވުމުގެ ފައިދާ ޗެލްސީން ވަނި ނަގައިފަ އެވެ. މެޗުގެ 15 ވަނަ މިނިޓްގައި ލުކާކޫ ޗެލްސީ އަށް ލީޑުނަގައިދިނީ ރީސް ޖޭމްސް މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. މެޗުގެ 35 ވަނަ މިނިޓްގައި މޭސަން މައުންޓް ދިން ބޯޅައަކުން ޖޭމްސް ވަނީ ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި އާސެނަލަށް ލަނޑެއް ޖަހައިދޭން ރޮބް ހޯލްޑިން ބޮލުން ޖެހި ބޯޅަ ގޯލާ ސީދާވާ ގޮތެއްނުވި އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މި ހާފްގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ކުޅެން އަރައިފަ އެވެ. މިދިޔަ ހަފްތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ނުކުޅެވުނު އޮބާމަޔަން މިރޭ ކުޅެން އެރިތާ އިރުކޮޅެއް ފަހުން ޖެހި ބޯޅަ އަމާޒުވީ ޗެލްސީ ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ.

ޗެލްސީ އަށް ތިން ވަނަ ގޯލެއް ޖަަހައިދޭން މެޗުގެ 74 ވަނަ މިނިޓްގައި ލުކާކޫ ބޮލުން ފޮނުވާލި ބޯޅަ އާސެނަލް ކީޕަރު ބާން ލެނޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ލުކާކޫ ދިން ބޯޅައަކުން ކައި ހަވާޓްޒް ޖެހި ޝޮޓް ވެސް ލެނޯ ވަނީ ހުއްޓުވައިފަ އެެވެ.

މިދިޔަ ސީޒަނުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ ދެ ފަހަރު ވެސް ޗެލްސީ ބަލިކޮށްފަ އެވެ. ޑިސެމްބަރު މަހު އާސެނަލް ދަނޑުގައި އެ ޓީމު މޮޅުވިއިރު، ޗެލްސީ ކޯޗަކަށް ހުރީ ފްރޭންކް ލަމްޕާޑް އެވެ. އަދި މެއި މަހު ޗެލްސީ ދަނޑުގައި އާސެނަލް މޮޅުވިއިރު، ޗެލްސީގެ ކޯޗަކަށް ހުރީ މިހާރު ވެސް އެ މަގާމުގައި ހުރި ތޯމަސް ޓުޗެލް އެވެ. އެކަމަކު، މިރޭ ބަލިވުމުން އާޓެޓާ އަށް އާސެނަލްގެ ކޯޗުގެ މަގާމުގައި ދެމިހުރުމަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ.

ސައުތެމްޓަން ހަތަރު ކުޅުންތެރިން ކައިރިން ޔުނައިޓެޑްގެ ޕޮގްބާ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަން ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުނައިޓެޑް ކައިރިން ލީޑުނެގީ 30 ވަނަ މިނިޓްގަ އެވެ. މިއީ ޗޭ އެޑަމްސް ޖެހި ބޯޅައެއް ޔުނައިޓެޑްގެ ފްރެޑް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޕައުލް ޕޮގްބާ ދިން ބޯޅައަކުން މޭސަން ގްރީންވުޑް އެވެ. ޔުނައިޓެޑް މޮޅުކޮށްދޭން ގްރީންވުޑް ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

މެޗުން މޮޅުވާން އެންމެ ހުސް ފުރުސަތުތަކެއް ލިބުނީ ސައުތެމްޓަން އަށެވެ. އެޑަމް އާމްސްޓްރޯންގަށް ލިބުނު ހުސް ފުރުސަތުން އޭނާ ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެެހެއާ ވަނީ މަތަކޮށްފަ އެވެ.

ޓޮޓެންހަމްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ އޭނާގެ ކުރީގެ ކްލަބް ވުލްވްސްގެ ދަނޑުގައި ޓޮޓެންހަމަށް މޮޅެއް ހޯދައިދީފަ އެވެ. ޑެލެ އަލީ ފުރަތަަމަ ހާފުގައި ޖެހި ޕެނަލްޓީން ވުލްވްސް މޮޅުވީ 1-0 އިންނެވެ. މި މެޗުގެ ދެ ވަނަ ހާފްގައި ޓޮޓެންހަމް އިން ވަނީ ހެރީ ކޭން ކުޅެން އަރުވައިފަ އެވެ. މިއީ ކްލަބް ދޫކޮށްލަން ބޭނުންވާކަން އިއުލާނުކުރި ފަހުން ކޭން އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ކޭން ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ މެންޗެސްޓާ ސިޓީންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ދެ ހަފްތާގެ ކުޅުން ނިމުނުއިރު، ދެ މެޗުން ވެސް މޮޅުވެފައި އޮތީ ހަތަރު ޓީމެކެވެ. އެއީ ޗެލްސީ އާއި ލިވަޕޫލްގެ އިތުރުން ބްރައިޓަން އާއި ޓޮޓެންހަމް އެވެ. އަންނަ ހަފްތާގައި ޗެލްސީ ކުޅޭނީ ލިވަޕޫލާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox