ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން 16.723 ކިލޯގެ ކޮކެއިން މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އަތުލައިގެންފި އެވެ.
ބްރެޒިލުން ރާއްޖެ އައި އެ ގައުމުގެ ރައްޔިތެއްގެ އަތުން މި މަހުގެ 13 ވަނަ ދުވަހު ވެސް 3.197 ކިލޯގެ ކޮކެއިން އަތުލައިގެންފައިވެ އެވެ. އެތަކެތީގެ އަގު 15.9 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ މައްސަލައިގައި ބްރެޒިލްގެ އަންހެން މީހާ ހައްޔަރު ވެސް ކުރި އެވެ.
ކަސްޓަމްސް އިން ބުނީ ފަހުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 83 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އުމުރުން 29 އަހަރުގެ އެ މީހާ އަތުން މަސްތުވާތަކެތި ފެނުނީ، ކަސްޓަމްސް އިން ބުނި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބިއިރު އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ލަގެޖް ބަލާފާސްކުރުމުންނެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ޓެސްޓުކުރިއިރު މަސްތުވާތެކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ އިތުރަށް ތަހުލީލުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.













