މަމްއޮލޮޖީ ލަވް: އެކަނިވެރި މަޔެއްގެ ހިތުގެ އަޑިން ފުން ވާހަކަތަކެއް

ވަފާ އޭނާގެ ދެކުދިންނާ އެކު-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވަފާ އޭނާގެ ދެކުދިންނާ އެކު-- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

"މަންމަ ވަރުބަލިވެ އެވެ. އެކަމަކު ހަމަޖެހިލާނެ ފުރުސަތެއް ނުލިބެ އެވެ. މަންމަ ބަލިވެސް ވެ އެވެ. އެކަމަކުވެސް ބްރޭކެއް ނެތި ދުވަހައިގެން ކުރިއަށްދެ އެވެ. ރޯލަން ބޭނުންވެ އެވެ. އެކަމަކު އެ ހިތްދަތިކަން ބޭރެއް ނުވެ އެވެ. ހިތުގައިވީ ފުން ޒަހަމްތަކަށް ފަރުވާއެއް ބޭނުންވެ އެވެ. އެކަމަކު އެއީ ފަރުދާއެއް އަޅައި ފޮރުވިފައިވާ ކަންކަމެވެ. ކީއްވެ ބާ އެެވެ؟ މަންމައަކަށް ވީމަ އެވެ."

މިއީ އިންސްޓަގްރާމްގެ ސިންގަލް ޕޭރެންޓިންއަށް ހާއްސަ ޕޭޖެއް ކަމަށްވާ މަމްއޮލޮޖީ ލަވްގައި އާމިނަތު ވަފާ ބަންޑުންކޮށްފައިވާ އެކަނިވެރި މައެއްގެ އިހުސާސްތަކެކެވެ.

އިންޖީނުލީ ދޯނިފަހަރުވެސް އިންޖީނު ނިއްވާލައި ބޭނުން ވުމުން މަޑު ޖެހި، ހަމަޖެހިލާނެ ފުރުސަތެއް ލިބެ އެވެ. އެކަމަކު މި މަންމައަކަށް އެ ފުރުސަތެއްވެސް ނެތެވެ. މަމްއޮލޮޖީ ލަވްގައި އޭނާ ހިއްސާކުރަނީ އެ ވާހަކަތަކެވެ. ކުޑަ ކުޑަ ލިލީ އާއި ޔޫސުފް ގޮވައިގެން ދުވަސްތައް ހޭދަކުރާ ގޮތުގެ ވާހަކަ އެވެ. އެއްބައިފަހަރު އެ ފޮޓޯތަކާއި ވާހަކަތަކުން ހެއްވާލަދެ އެވެ. ނަމަވެސް ގިނައީ އެ ބުރަ ދިރިއުޅުމުގެ ހިތްދަތިކަން އިހުސާސްކުރެވި ކަރުނައިން ހިތް ބަންޑުންވާ ފަހަރުތަކެވެ.

ޅައުމުރުގެ ކައިވެނީގެ ފޮނި ހުވަފެންތައް ބިލާހަކަށް

ވަފާ އޭނާގެ އަލަތު ކައިވެނީގެ ގޮށް ޖަހާލީ އުމުރުން އެންމެ 21 އަހަރުގެ އެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާވެސް އެ ކައިވެނީގެ ބިންގާ އެޅީ ނިކަން ފޮނި ހުވަފެންތަކާއި އުންމީދުތަކާއި އެކު އެވެ. އެކުގައި އުޅުމަށް ވީ އެތައް ވައުދަކާއި އަހުދަކާއެކުގަ އެވެ. އިސާހިތަކު މާމުއިހަނދުގެ ދުވަސްތައް ފާއިތުވެ، އަސްލު ދިިރިއުޅުމުގެ ބުރަކަމުގެ ތެރެއަށް ވަދެވުނެވެ.

ޕޮލިސިސްޓިކް އޯވޭރިއަން ޑިޒީސް (ޕީސީއޯޑީ) އަށް ބޭސްކުރުމަށް ފަހު 2016 ގައި ފުރަތަމަ ދަރިފުޅަށް މަރުހަބާ ކީއިރުވެސް އެހާ ލޯބިން އާރާސްތު ކުރަމުން ދިޔަ ދިރިއުޅުން ފަނާވެ ކުދިކުދިވެގެން ދާން އުޅޭކަމުގެ އިހުސާސެއް ކުރެވިފައެއް ނުވެ އެވެ. ނަމަވެސް ދަރިފުޅަށް ތިން އަހަރުވާން ކައިރިވިއިރު އޮތީ އެކުގައި އުޅެވޭ ވަރަށް ވުރެ ހާލަތު ގޯސްވެފަ އެވެ. އެހެން ނަމަވެސް ނިވިފައި އޮތް ހުޅުކޮޅު އަލުން ދިއްލާލެވޭނޭ ކުޑަ ނަމަވެސް ފުރުސަތެއް އޮތްތޯ ބެލުމަށް ކުރި މަސައްކަތްތައް ނާއުންމީދުވެ އެނބުރި އާއިލާ ކައިރިއަށް ވަފާ ބަދަލުވީ ދެން އެނބުރި ފަސް ބަލާލަން ނުޖެހޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނީ އޭގެ ތިން ދުވަސް ފަހުންނެވެ. އެހާ ޒުވާން އުމުރުގައި ދިރިއުޅުމުގެ އެހާ ހިތްދަތި ތަޖުރިބާއެއް ވަފާ ވޭތުކުރަންޖެހުނީ، އަންހެނަކު ތަހައްމަލު ކުރާނެ އެންމެ ތަފާތު، ނާޒުކު ދުވަސްވަރެއްގަ އެވެ.

މަމްއޮލޮޖީ ލަވް: ނާއުއްމީދުން ފުރިގެންވީ ދުވަސްތަކަކުން ފޯދި އަލިކަމެއް

ވަފާ ބުނާގޮތުގައި އޭނާގެ ކައިވެނީގެ ނާކާމިޔާބީގެ ހިތިކަން ތަޖުރިބާ ކުރަން ޖެހުނީ ހަމައެކަނި އޭނާއަކަށެއް ނޫނެވެ. ދޮށީ ދަރިފުޅާއި، އޭރު ދުނިޔެއަށް އުފަންވެސް ނުވާ ބަނޑުގައިިވި މައުސޫމު ފުރާނައާއި އަދި މުޅި އާއިލާއަށްވެސް އެއީ ހިތާމަވެރި ދުވަސްތަކެކެވެ. އަދި އެ އުނދަގޫތަކާއި ވޭން އެންމެ ބޮޑުވީ ވިހެއުމަށްފަހު އައި ނަފްސާނީ ބަދަލުތަކާ އެކުގައެވެ.

"އެ ޓްރޯމާ އާއި އެންޒައިޓީ އާއި ޑިޕްރެޝަން...މުޅި މީހާ އެއްކޮށް ނެތިކޮށްލިފަދަ. ގޭތެރޭގެ ކަންކަން ކުރަމުން، ނިއުބޯން އަކާއި، ޓޮޑްލާއެއް ގޮވައިގެން އުޅެން ވަރަށް އުނދަގޫވި. ކުދިންގެ ރުއިމާއި އެއް ވަރަށް އަމިއްލައަށް ވެސް ރޮވޭ. އަމިއްލަ ހިޔާލުތަކާއި ފިކުރުތައް ފިއްތާލައިގެން ހުންނާތީ ނަފްސާނީ ގޮތުން މުޅި މީހާ ބަލިކޮށްލި. އަނެއް ކޮޅުން މީހުންނަށް ފެންނަ ތަނުގައި ހުންނަން ޖެހެނީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކައިގެން ފޭކު ހިނިތުންވުމަކާއއެކު. އެހެންވެ ބޭނުންވީ އެ ހުރިހާ ވާހަކައެއް އެހެން މީހުންނަށް ކިޔައިދޭން. ވަފާ ހެން އެހެން އެއްވެސް މަންމައަކު އެކަނި ތަހައްމަލު ކުރާތަން ދެކެން ބޭނުމެއް ނުވޭ،" ވަފާ ބުންޏެވެ.

އެ ހުރިހާ ހިތްދަތި ތަޖުރިބާތަކުން މީހާ ދުރުކޮށްދީ އެކަނިވެރިކަން ފިލުވައިދިން އެކުވެރިއަކަށްވީ އިންސްޓަގްރާމްގައި ހުޅުވި މި ޕޭޖެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ފެށި މި މަސައްކަތްވީ ވަފާ ފަދައިން އެކަނި ކުދިން ބަލަމުންދިޔަ މަންމައިންނަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ފޮރުވުމެއް ނެތި އެންމެ ހިތްދަތި ތަޖުރިބާވެސް އެކުގައި

ސޯޝަލް މީޑިއާގެ އެހެން އެކުންޓްތަކާ، މަމްއޮލޮޖީ ލަވް، ތަފާތުވާ ކަމަކީ މިއީ އެވެ. މާ ރީތި ފޮޓޯތަކެއް ފެންނާން ނުހުންނާނެ އެވެ. ޕޯސްޓްކުރެވޭނީ ހަމައެކަނި ކުދިންގެ މައިލްސްޓޯންތަކާއި އުފާވެރި ހަނދާންތަކުގެ ވާހަކައެއް ނޫނެވެ. އެންމެންވެސް ދައްކަން ބޭނުން ނުވާ، އަދި ފޮރުވަން ބޭނުންވާ މަންޒަރުތަކާއި ވާހަކަތަކެވެ. ކުދިންގެ ރުއިމާއި ހަޅޭކުުގެ އަޑުތަކެވެ. ކުދިން ފުރިފައިވާ ބަދިގެއަކާއި ހުސް ނެޕީގައި ކުދިންތައް ތިބޭ މަންޒަރެވެ. ކުރުކޮށް ބުނާނަމަ ހަގީގަތެވެ.

ކުޑަ ދަރިފުޅަށް ހަމައެކަނި ގާތުން ދިން ދުވަސްވަރު، ކައްކަމުން ޕަމްޕް ކުރާ މަންޒަރު ފެނެ އެވެ. ބަތްކަމުން ދަރިފުޅަށް ގާތުން ދެ އެވެ. ކުޑަކަމު ދާންޖެހި ކެތް ނުވާއިރާއި، ކަރު ހިއްކައިގަނެގެން ނީދެވޭވަރު ވިޔަސް ކެތްކޮށްލެވެނީ ދަރިފުޅުގެ ހައިކަން ފިލުވައި ހަމަޖައްސައިލެވޭތޯ އެވެ. ހޮޑާއި ދަރިފުޅުގެ ޕުއްޕު މުޅި ގައިގައި އުނގުޅުނަސް، ބެލެނީ އެކުދިން ތިބީ ފެންވަރައި ރީތި ސާފު ހެދުމުގައިތޯ އެވެ.

އެނޫން ނަމަގެ ހިތުގައި ފުނި ޖެހިފައި ހުންނަ ޝަކުވާތަކެވެ. މި ވެވެނީ ރަނގަޅު މަންމައަކަށް ތޯ އެވެ. ކުދިންގެ ކަންކަން މި ފުރިހަމަ ކުރެވެނީ ރަނގަޅަށްތޯ އެވެ. އެ ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ދެވޭތޯ އެވެ.

މިފަދަ ކޮންމެ ޕޯސްޓަކުން ވަފާ ފަދައިންވީ އެތަކެއް އެކަނިވެރި މައިންގެ ހިތްތަކަށް ތަސައްލީ ލިބެނީ މިއީ އެމީހަކު އެކަނި ތަޖުރިބާ ކުރަންޖެހޭ ދަތުރެއް ނޫންކަން ވަފާގެ ޕޯސްޓްތަކުން ކިޔައިދޭތީވެ އެވެ. އެ އުދާސްތަކަކީ އަދި އެ އިހުސާސްތަކަކީ ހަމައެކަނި އެކަނިމާ އެކަނި ތަހައްމަލު ކުރަންޖެހޭ އެއްޗެއް ނޫންކަން ބުނެދޭތީ އެވެ. ނޫނީ އެމީހެއްގެ ކުށަކުން ކުރަންޖެހޭ ތަޖުރިބާއެއް ނޫންކަން ވިސްނައިދޭތީ އެވެ.

ފަސޭހައެއް ނޫން! ދެ އަތުން ހުރިހާ ކަމެއް

މި މުޅި ތަޖުރިބާގައިވެސް އެންމެ އުނދަގޫވި ކަމަކީ ކޮބައިތޯ ސުވާލުކުރުމުން ވަފާ ދިނީ ކުރު އެހެނަސް މާނަ ފުން ޖަވާބެކެވެ. ދަރިންގެ ބައްޕައަށްވެސް ވާން ޖެހުމެވެ. އެތައް ގޮތަކަށް އޭނާގެ ދޮށީ ދަރިފުޅު ކުރާ އެއް ސުވާލަށް ތަފާތު މާނަތަކުން އެއް ޖަވާބެއް ދޭން ޖެހޭތީ އެވެ.

ވަފާ އާއި އޭނާގެ ދެ ކުދިން ވަކިން ކުޑަ އެޕާޓްމަންޓެއްގައި އުޅެމުން އަންނަނީ ދަރިންގެ ބައްޕަގެވެސް އެހީތެރިކަމާ އެކުގަ އެވެ. އެހެން ނަމަވެސް އެ އުމުރުގެ ދެ ކުދިން ގޮވައިގެން ގިނަ ފަހަރު ފާހާނާ ކޮށްލުމަކީވެސް ކުރުމަށްވުރެ ނުކުރުން ހިތަށް ފަސޭހަކަމެކެވެ.

ވަފާއަށް ކުދިންގެ ބައްޕަގެ އެހީތެރިކަން ލިބުނު ނަމަވެސް، އޭނާގެ ޕޭޖް މެދުވެރިކޮށް ވާހަކަ ދައްކާ ގިނަ މައިންނަށް އެފަދަ އެހީތެރިކަމެއް ނުލިބެ އެވެ. ދަރިންގެ ހަރަދު ހޯދުމަށް އެދި ސަލާން ޖަހަންޖެހިފައިވާ މީހުންނެވެ. އެފަދަ އެތައް އަންހެނުންނަށް ވަފާގެ ފަރާތުން ކުޑަ ނަމަވެސް ހިތްވަރެއް ދެވުން އެއީ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ހިތާމައާއި އުފާތަކުން ފުރިގެންވީ އެ ހަނދާންތަކަކީ މާޒީކަމުގައި މިއަދު ވަފާ ނިންމައިފި އެވެ. ފަސް އެނބުރި ބެލުމެއް ނެތެވެ. އެންމެ ކުޑަ ދަރިފުޅަށްވެސް އަހަރެއް ފުރި އެންމެ އުދަނގޫ ދުވަސްތަކުން، ﷲ އިރާދަފުޅާ އާއިލާގެ އެހީތެރިކަމާއެކު އަރައިގަނެވިއްޖެ އެވެ. ދެން ދާނީ ކުރިއަށެވެ.

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox