ބަނގުރާ ބޮއެ، އެކަމަށް އިއުތިރާފުވި މީހެއްގެ ގައިގައި ދުއްރައިން 40 އެތި ފަހަރު ޖެހުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ދުއްރައިން ތެޅުމަށް މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ގ. ގާނެޓް، ހަސަން ޔާމީންގެ މައްޗަށެވެ.
ދައުލަތުން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ ފުރަތަމަ ލޮކްޑައުން ތެރޭގައި މާޗް، 2020، ގައި ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި ބަނގުރާ ބޮމުންދާ ކަމުގެ މައުލޫމާތު ލިބިގެން ގޮސް ބެލިއިރު އެތަނުގައި އޭނާ ހުރި ކަމަށެވެ.
ފުލުހުން ހަސަން ޔާމިނާ ސުވާލު ކުރުމުން ބަނގުރާ ބުއި ކަމަށް އެއްބަސްވެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ. އަދި ފަހުން ޔާމީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
ޔާމީންގެ މައްޗަށް އަންނަ ހަގީގީ އަދަބަކީ 40 އެތިފަހަރުން ތެޅުމާ އެކު 26 ދުވަހަށް ޖަލަށްލުމެވެ.

އެކަމަކު އިއުތިރާފުގެ އެއްބަސްވުމާ އެކު އޭނާގެ އަދަބު ލުއި ކުރުމަށް ދައުލަތުން އެދުނެވެ. އެހެންކަމުން ޖަލު ހުކުމް ނުވަ ދުވަހަށް ލުއި ކުރި އެވެ. ނަމަވެސް އެ މުއްދަތުގައި އޭނާ ބަންދުގައި ހުރެފައިވާތީ ބެލީ ޖަލު ހުކުމް ތަންފީޒުވެފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 616 ވަނަ މާއްދާގެ ށ. ގެ ދެ ވަނަ ނަންބަރުގެ ދަށުން ހަސަން ޔާމީން 40 އެތިފަހަރުން ޖަލްދު ކުރުމަށް ހުކުމްކޮށް އެ ގަޒިއްޔާ ނިންމައިފިން،" އެ ހުކުމުގައި ބުނެފައިވެ އެވެ.












