މާލޭ ޕްލޭނިން ގަވާއިދާ ހިލާފަށް، ކުޑަ ބިންކޮޅެއް އުސްކޮށް އިމާރާތް ކުރުމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ގަވާއިދާ ހިލާފަށް ހުއްދަ ދޫކުރި ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.
މީގެ ހަތް އަހަރު ކުރިން، 2014 ވަނަ އަހަރު މާލޭގެ ޑެޕިއުޓީ މޭޔަރަކަށް ހޮވުނު ސުޖާއުގެ މައްޗަށް ދައުލަތުން ކުރި ތުހުމަތަކީ 250 އަކަފޫޓުގެ ކުޑަ ބިންކޮޅެއް، އެ ބިން އެންމެ އުސްކޮށް އިމާރާތް ކުރުމަށް މާލޭ ޕްލޭނިން ގަވާއިދުން ހުއްދަ ލިބޭ މިންވަރު ކަމަށްވާ ހަ މީޓަރުގެ ބަދަލުގައި 12 މީޓަރާ ހަމައަށް އިމާރާތް ކުރުމަށް ހުއްދަ ދިނުމެވެ.
އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި، އެ ކުޑަ ބިންކޮޅު 12 މީޓަރަށް އިމާރާތް ކުރަން، ސިޓީ ކައުންސިލުން 1995 ވަނަ ހުއްދަ ދީފައިވާ ކަމަށް ބުނެ ސުޖާއު ލިޔުމެއް ތައްޔާރުކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ ބިން 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ އޭނާ އަމިއްލައަށް ތައްޔާރު ކުރި އެ ސިޓީއާ ހަވާލާދީ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
އެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑަައަޅާފައި ވަނީ ދައުވާ ކުރިއިރު މާލޭ ޕްލޭނިން ގަވާއިދަކީ ގެޒެޓްކޮށްފައިނުވާ އެއްޗެއް ކަމަށް ބުނެ އެވެ. އަދި އެ ގަވާއިދަކީ އަމަލު ކުރަމުންދާ ގަވާއިދެއްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެހެންކަމުން ފަހުން އަމަލު ކުރަން ފެށި ގަވާއިދެއްގެ ދަށުން ކުރީގެ އަމަލަކަށް ދައުވާ ކުރުން ގާނޫނު އަސާސީއާ ހިލާފް ކަމަށް ކްރިމިނަލް ކޯޓުން އެ މައްސަލައިގައި އިއްވި ހުކުމުގައި ބުނެފައިވެ އެވެ.

ސުޖާއުގެ މައްޗަށް ދައުވާ ކުރިއިރު މާލޭ ޕްލޭނިން ގަވާއިދަކީ އާންމުކޮށް ޝާއިއުކޮށް، އަމަލު ކުރަމުންދާ ގަވާއިދެކެވެ.
އެކަމަކު ހައި ކޯޓުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ މާލޭ ޕްލޭނިން ގަވާއިދަކީ އަމަލު ކުރަމުންނުދާ ގަވާއިދެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި މައްސަލަ ބެއްލެވި ފަނޑިޔާރު އެކަށީގެންވާ މިންވަރަށް ނުބައްލަވާ ކަމަށެވެ.
"ގ. ޗާންދަނީމާގެ، އިބްރާހިމް ސުޖާއުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދައުވާ އެ ކޯޓުން ބެލުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 46 ވަނަ މާއްދާގެ ށ. ގެ ދަށުން ކްރިމިނަލް ކޯޓަށް ތަހުވީލުކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ހައި ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ހުކުމްކޮށްފިން،" ފަނޑިޔާރު ހުސެއިން މަޒީދު ރިޔާސަތުިގައި އިންނަވާ ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.













