ލަންޑަން (އޮގަސްޓް 21) - ޝެފީލްޑް ޔުނައިޓެޑްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އާއި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑްގެ ސޮއި ހޯދައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑު ހަރަދެއް ކުރި އިނގިރޭސި ކްލަބަށް އާސެނަލް ވެއްޖެ އެވެ.
އާސެނަލުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރާމްސްޑޭލް އާއި އޮޑެގާޑް ގަތުމުގެ ކުރިން ބްރައިޓަންގެ ބެން ވައިޓް، ބެންފީކާގެ ނޫނޯ ޓަވަރޭސް އަދި އެންޑަލެކްޓްގެ ސަންބީ ލޮކޮންގާ ގަނެފަ އެވެ. މި ހުރިހާ ކުޅުންތެރިންނަކަށް އާސެނަލުން ކުރި ހަރަދުގެ ޖުމްލަ އަކީ 132.2 މިލިއަން ޕައުންޑް އެވެ.
އިނގިރޭސި ކްލަބްތަކުގެ ތެރެއިން ދެ ވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރީ ޓްރާންސްފާ ރެކޯޑަކަށް ޖެކް ގްރީލިޝް ގަތް މެންޗެސްޓާ ސިޓީންނެވެ. އެ ޓީމުން ކުރި ހަރަދު އުޅެނީ 114 މިލިއަން ޕައުންޑްގަ އެވެ. ރަފައެލް ވަރާން އާއި ޖޭޑަން ސަންޗޯގެ ސޮއި ހޯދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 113 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އަދި ރޮމެލޫ ލުކާކޫ އަލުން ގަތް ޗެލްސީން ވަނީ 103 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ޝެފީލްޑުން ރާމްސްޑޭލް ގަންނަން އާސެނަލުން ޖުމްލަ އެކު 30 މިލިއަން ޕައުންޑް ހަރަދުކުރާނެ އެވެ. ކުރިން ބޯންމައުތަށް ވެސް ކުޅުނު ރަމްސްޑޭލަކީ ޔޫރޯގައި ވާދަކުރި އިނގިރޭސި ސްކޮޑުގައި ހިމެނޭ ކީޕަރެކެވެ. އަދި މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލަށް ކުޅުނު އޮޑެގާޑް ގަންނަން އާސެނަލުން ވަނީ ރެއާލަށް 30 މިލިއަން ޕައުންޑް ދޭން އެއްބަސްވެފަ އެވެ. އޮޑެގާޑް ގަންނަން އެންމެ ބޮޑަށް ބާރު އެޅީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި މަހުގެ ނިޔަލަށް ނިމޭ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އާސެނަލުން އިތުރު ކުޅުންތެރިއަކު ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ފަހަރުގެ ސީޒަނުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން ވަނީ އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގައި އާސެނަލްގެ ދެ ފޯވާޑުން ކަމަށްވާ ޕިއޭ އެމެރިކް އޮބާމަޔަން އާއި އަލެކްސަންޑަ ލަކަޒޭޓް ނުކުޅުނީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން އެ ޓީމުގެ ކީޕަރު އަލެކްސް ރުނާސަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އޮބާމަޔަން ކޮވިޑުން ރަނގަޅުވެފައި ވާއިރު، މާދަމާރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެންނާނެ އެވެ. އެކަމަކު، ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ކޮވިޑަށް ޕޮޒިޓިވްވުމުން މާދަމާ އޭނާ އަށް ނުކުޅެވޭނެ އެވެ.












