ދިރާސީ އަހަރު ފެށިތާ 10 ދުވަސް ފަހުން ދަރިވަރުންނަށް ނުލިބި ހުރި ފޮތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވާއިރު ބައެއް ގްރޭޑްތަކުގެ ފޮތްތައް ހަމައެއް ނުވެ އެވެ. އަދި ބައެއް ސްކޫލުތަކަށް އަދިވެސް އަންނަނީ ޓީޗަރުން ހޯދަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި ކަމަށެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަލަށް ލިބުނު ފޮތްތައް އަތޮޅުތެރޭ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ.
މިނިސްޓްރީން އިތުރު ތަފްސީލް ނުދޭތީ ލިބުނީ ކޮންކޮން ފޮތްތަކެއް ކަމެއް އަދި އެ ފޮތްތައް ބަހައި ނިމޭނެ ދުވަހެއް ވަނީ އެނގޭ ގޮތް ނުވެފަ އެވެ.

ކޮވިޑްގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަހު ވަރަށް ދަތިކޮށް ކިޔައިދިނުމަށް ފަހު މިހާރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވައިދެމުން އަންނަނީ އެންމެ ކުރިން ވެސް ކިޔަވައި ދޭ އުސޫލުންނެވެ.













