އަޅުވެރިން ކިޔާއުޅޭ މަޝްހޫރު ވާހަކައެއްގައި އޮވެ އެވެ. ވިޔަފާރިވެރިއަކު އޭނާގެ ވިޔަފާރިއަށްޓަކައި ސަހަރާއެއްގެ ތެރޭގައި ދަތުރުކުރަމުންދަނިކޮށް ވެއްޓިފައި އޮތް ލޯއަނިދިރި ދޫންޏަކާ ދިމާވި އެވެ. މި ދޫނި ފެނިފައި ވިޔަފާރިވެރިޔާ ހިތަށް އެރި އެވެ. މި ދޫނީގެ ކަންތައް މިއޮތީ ގޮސްފަ އެވެ. މީތި ދެން ދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިވިސްނުމެއްގައި ހުއްޓައި، އެހެން ދޫންޏެއް އައިސް ވެއްޓިފައި އޮތް ދޫންޏަށް ކާންދީފި އެވެ. މިމަންޒަރު ފެނިފައި ވިޔަފާރިވެރިޔާ ހިތަށް އެރި އެވެ. މި ލޯއަނދިރި ދޫންޏަށް ކާންދެއްވި މާތް ރަސްކަލާނގެ މަށަށް ވެސް ރިޒުގު ދެއްވާނެ ތާއެވެ. މިހެން ހިތާފައި އެ ދަތުރު ކުރުކޮށްލާފައި ރަށަށް ހިނގައްޖެ އެވެ. މިވާހަކަ ކިޔައިދިނުމުން އޭނާގެ އެކުވެރިޔާ ބުންޏެވެ. ކަލޭގެ ނަފުސު އެލޯއަނދިރި ދޫނީގެ މަގާމުގައިވުމަށް ރުހުނީ ހެއްޔެވެ؟ އެދޫންޏަށް ކާންދިން، ލޮލަށް ފެންނަ ދޫންޏަށް ވުމަށް ކަލޭ ބޭނުންނުވަނީ ކީއްވެ ހެއްޔެވެ؟
އަލްޖުމްޢާ ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ ހަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲ ގެ ދީލަތިވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!
މިއާޔަތަށް ނަޒަރުކުރުމުން ސާފުވާން އޮންނަ ވަރަށް ބޮޑު ހަގީގަތަކީ މާތް ﷲ ގެ ދީލަތިވަންތަކަމުން ތިމާމެންނަށް ދެއްވުމަށް އެދުމަކީ ރިޒުގު ރޯދި ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުން ކަމެވެ. އެހެނީ އިންސާނުން މާތް ﷲ އަށް ކަންކަން ދަންނަވަނީ ނަމާދުގަ އެވެ. ދުއާގަ އެވެ. އެކަމަކު މިއާޔަތުގައި އަންގަވަނީ ނަމާދުން އަވަދިވެއްޖެނަމަ ބިމުގައި ފެތުރިގަތުމަށެވެ. ﷲ ގެ ދީލަތިވަންތަކަމަށް އެދުމަކީ ބިމުގައި ފެތުރިގަނެ ސަބަބުތަކުގައި ހިފައިގެން ކުރާން އޮތް ކަމެއްކަމަށް އެކަމުން ދަލީލު ލިބެ އެވެ.
ގައިބާރު ވަރުގަދަ މީހަކު މާތް ނަބިއްޔާގެ އަރިހަށް އައިސްފައި މުދާ ދިނުމަށް އެދި ސަލާންޖެހި އެވެ. މާތް ނަބިއްޔާ އެމީހާއަށް ހަދީސް ކުރެއްވީ ގޭގައި ހުރި އެއްޗެއް ނަމަ ގެނައުމަށެވެ. އެމީހާ އެ ގެނައި އެއްޗެއް ގެނައުމުން އެތަކެތި ވިއްކަވާލެއްވުމަށްފަހު މާތް ނަބިއްޔާ އޭގެ އަގު އެމީހާއަށް ދެއްވި އެވެ. އެޔަށްފަހު ހަދީސްކުރެއްވި އެވެ. ދާށެވެ. ދަރު އެއްކުރާށެވެ. ދެން އެމީހާ ދަރު އެއްކޮށްފައި ވިއްކައިގެން ފައިދާ ހޯދަމުންދިޔަ އެވެ. އެއަށްފަހު މާތް ނަބިއްޔާގެ އަރިހަށް ގިނަ ފައިސާއާއެކު އައިސް އެވާހަކަ ދެންނެވުމުން ހަދީސް ކުރެއްވި އެވެ. މީހުން ދިނަސް ނުދިނަސް މީހުން ކައިރީ އެދުމަށްވުރެ ތިގޮތް މާ ހެޔޮކަން ބޮޑެވެ.
މާތް ނަބިއްޔާ އެމީހާއަށް މިދެއްވި އިރުޝާދުތަކުން ވަރަށް ގިނަ ކަންކަން ދަސްކޮށްދެ އެވެ. އެންމެ މުހިންމު އެއް ކަމަކީ ސަލާންޖަހަން އަންނަ މީހާއަށް އެއްޗެއް ނުދިނަސް ހަމައެކަނި އޭނާގެ ކުރިމަތީ ނޫނެކޭ ބުނެ އޭނާ ދޫކޮށްލުމަށްވުރެ އަތުގައި މުދާހުރި ނުވަތަ ލީޑަރުންގެ އެހެން މަސްއޫލިއްޔަތެއް އޮތް ކަމެވެ. އެއީ ދަސްކޮށްދިނުމެވެ. ހިތްވަރު ދިނުމެވެ. މާތް ނަބިއްޔާ އޭނާގެ އަތުގައި ހުރި އެއްޗެހި ގެންނަވާ ވިއްކަވާފައި އޭގެ އަގު އެމީހާއަށް ދެއްވުމުން އެއީ ކުރެވިދާނެ ކަމެއްކަން އޭނާއަށް ވިސްނޭނެ އެވެ. އެހެންވީމާ މިކަމުގައި މާތް ނަބިއްޔާ އިރުޝާދުދެއްވީ ހަމައެކަނި ސަލާންޖަހަން އައި މީހާއަށް އެކަންޏެއް ވެސް ނޫނެވެ.
ދެވަނަ ކަމަކީ، މުދާވެރިކަމަށް އަދައިގެން ކުރެވޭ މަސައްކަތުގައި ތިމާއާ އެންމެ އެކަށީގެންވާ ހިސާބުން ފެށުމެވެ. ނުވާވަރުން ބޮޑެތި ކަންކަމާ ކުރިމަތިލުމަށްވުރެ އެމީހެއްގެ ވަރުން ފަށައިގަތުމުގެ މުހިންމު ކަމެވެ. ތިންވަނަ ކަމަކީ، ހަޑި މަސައްކަތެއް ދަށު ދަރަޖައިގެ މަސައްކަތެއް ނުހުންނަކަން ބަޔާންކޮށްދޭދިނުމެވެ.
މާތް ނަބިއްޔާ ވަރަށް ގިނައިން ކުރައްވާ އުޅުއްވި ދުއާއެއްގެ މާނައިގައި ވެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމާއި ފިނޑިކަމާއި ދަހިކަމާއި ދަރަނިވެރިކަމުންނާއި އެހެން މީހުންގެ ގަދަބަދަވިކަމުން ސަލާމަތްތެރިކަމަށް އެދެމެވެ. މިދުއާގެ ޝަރަހަތައް ބަޔާންކުރައްވަމުން އިލްމުވެރިން ދައްކަވާ ވާހަކަތަކަށް ހާއްސަ ނަޒަރަކުން ބަލާލުމަކީ މުހިންމު ކަމެވެ.
މި ދުއާގައި މިއަންނަ ނުކުޅެދުންތެރިކަމުގެ މާނަ ގިނަ މީހުންނަށް ވިސްނިފައި އޮންނާނީ އެއީ އަޑުއެހުމުގެ ގާބިލުކަން ނެތުން ނުވަތަ އަތްފައި ހަރަކާތް ނުކުރެވުން ބީރުވުން ފަދަ ޖިސްމާނީ ގޮތުން ނުކުޅެދުމުގެ ސިފައެއް ހުރުންކަމަށެވެ. ރަނގަޅެވެ. އެއީ ވެސް މާނައެކެވެ. އެކަމަކު ހިއްސުތައް ސަލާމަތުން ހުރެ މަސައްކަތެއް ނުކޮށް ގޭގައި ތިބުމަށްވުރެ ނުވަތަ މަގުތަކުގައި ބިއްޖެހިފައި ތިބުމަށްވުރެ ވަކި ބޮޑު ނުކުޅެދުންތެރިކަމެއް އެބައޮތް ހެއްޔެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ހުންނާނީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރި ކަމެކެވެ. މި ބުނެވުނު މީހުންގެ ހުރީ އީމާނުގެ ބަލި ކަމާއި، މިޒާޖުގެ ކަންނެތް ކަމުން އުފައްދާ ނުކުޅެދުންތެރި ކަމެވެ. މިއީ މާ ނުރައްކާ ބައްޔެކެވެ.
ދިވެހިރާއްޖޭގައި ނަމަ، ވަކި ބާވަތެއްގެ މަސައްކަތަކީ މި ރާއްޖޭގައި އުޅޭ ބިދޭސީ މީހުން ނޫނީ ކޮށްގެން ނުވާނެ މަސައްކަތްތަކެއްގެ ގޮތަށް އަހަރެމެންގެ އާދަކާދަ ހުރީ ބައްޓަންވެފަ އެވެ. އެންމެ ބޮޑު ހިތާމައަކީ ދުވަހަކަށްވުރެ ދުވަހެއް އެލިސްޓަށް އިތުރުވާ ދާއިރާތައް ގިނަވަމުންވެސް ދާކަމެވެ. ގައުމެއްގެ އިގުތިސާދު ކޮޅަށްޖަހައި، ގައުމެއްގެ ގޮތުގައި ބަޔަކު ތިބުމަށް އެކިދާއިރާތަކުން އެތައް ފަންތިއެއްގެ މަސައްކަތްތެރީން ބޭނުންވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މަސައްކަތަކީ ދިވެހީން ކުރުމަށް ފަކުރު ގަންނަ، ނުވަތަ ދިވެހި ޒުވާނުންނާ އެކަށީގެންނުވާ ވަޒީފާތަކެއް ކަމުގެ ވިސްނުން އަހަރެމެންގެ ތެރޭގައި ފެތުރެމުންދަނީ ނުރައްކާތެރި ދަރަޖައެއްގަ އެވެ. ވަކި މަސައްކަތަކީ ހަޑި މަސައްކަތެއްކަމަށް މީހުން ދެކެފާނެތީ އެފަދަ މަސައްކަތެއް ކުރުމަށް ލަދުވެތި ވުމަކީ މާތް ނަބިއްޔާގެ ދުއާފުޅުގައި ބަޔާންވެފައިވާ އަހަރެމެން ރައްކާތެރިކަމަށް އެދެންޖެހޭ ފިނޑިކަމުގެ އަމަލެއް ފިޔަވައި އެހެން ކަމެއްކަމުގައި ނުފެނެ އެވެ.
މާތް ނަބިއްޔާގެ އަރިހަށް ސަލާންޖަހަން އައި މީހާއަށް މާތް ނަބިއްޔާ މަސައްކަތެއް ދެއްކެވި އެވެ. އެކަން ކުރާނެ މަގު ކަށަވަރުކޮށްދެއްވި އެވެ. ސާބިތުކޮށްދެއްވި އެވެ. ތިމާގެ ކައިރިން ސަލާންޖަހަން އަންނަ މީހާއަށް ކޮންމެ ފަހަރަކު ނޫނެކޭ ބުނުމަކުން ތިމާގެ އިޖުތިމާއީ ޒިންމާއާއި ވާޖިބު އަދާވީ ކަމަކަށް ނުވާނެ އެވެ. އެމީހަކު ސަލާންޖަހަނީ ކީއްވެތޯ ވެސް ބަލާލަންވާނެއެވެ. ހަމަ ކޮންމެ މީހަކީ ގޮތެއް އޮއްވައި އެއްޗެއް ދޭށޭ ބުނާ މީހަކަށް ކޮންމެ ފަހަރަކު ނުވާނެ އެވެ.
އަހަރެމެންގެ މި ދިވެހިރާއްޖޭގައި މަސައްކަތުގެ ބާވަތަށް ނުބަލައި، ނުހަނު ބުރަކޮށް ކާންބޯން ގަދައަޅާ މަސައްކަތްކުރާ ހިތްވަރުގަދަ ޒުވާނުން ތިބި ކަމީ ވެސް ފާހަގަނުކޮށް ދޫކޮށްލައިގެންވާނެ ވަރުގެ ކަމެއް ނޫނެވެ. އަދި މީގެ ތެރެއިންވެސް ބައެއް ކަހަލަ ބޮޑެތި ވިޔަފާރިތަކުގެ އާދައިގެ މުވައްޒަފުންގެ ގޮތުގައި އުޅޭ ފަރާތްތަކަށް ދެމުންދާ މުސާރައިގެ ކުޑަކަމާއި ބައެއް ކަހަލަ އިނާޔަތްތައް ދިނުމުގައި ވިޔަފާރިތަކުން އޮޅުވާލައި މަކަރުހަދަމުން ދާއިރު، ފުދުންތެރިކަން ނެތް ކޮންމެ މީހަކު، އަދި ހަރަދުބަރަދު ދެކޮޅު ނުޖެހިގެން ތިމާ ކައިރިއަށް އަންނަ ކޮންމެ މީހަކު ކުޑައިމީސްކޮށްލުމަކީ ލޯއަނދިރި ދޫންޏެއްގެ މަގާމުގައި ތިމާ ވެދާނެ ކަމެއްކަން އަބަދުވެސް ހަނދާން ކުރަން ވާނެ އެވެ.
މާތް ނަބިއްޔާ އިރުޝާދު ދެއްވީ ގައިބާރު ހުރި މީހުން ސަލާން ނުޖެހުމަށެވެ. ފުދުންތެރިކަން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށެވެ. އެކަމަކު އެ ނިމުނީއެއް ނޫނެވެ. ފުދުންތެރިންގެ ވެސް ޒިންމާތަކެއް އެބަހުއްޓެވެ. ގައިބާރާއި ކުޅެދުންތެރިކަމަކީ ކޮންމެ ފަހަރަކު ބޭރުފުށަށް ބަލައި ކަނޑައަޅައިގެން ވާނެ އެއްޗެއް ނޫނެވެ. އަދި އެއްޗެއް ބޭނުންވެގެން އަންނަ ކޮންމެ މީހަކަށް ކޮންމެ ފަހަރަކު ނޫނެކޭ ބުނުމަކީ ވެސް ތިމާގެ ދަހިކަން އެކަމުން ރަމްޒު ނުވެ ނުދާނެ ކަމެކެވެ.
ދަހިކަމާއި ދަހިވެތި ކަމަކީ ވެސް އެކަމުން ރައްކާތެރިވުމަށް މާތް ނަބިއްޔާ ދުއާކުރެއްވި އެއް ކަންތަކެވެ. އަދި ތިމާއަށްވުރެ ދަށު ފަންތިތަކުގައި ތިބޭ މީހުންނަށް މަގުދައްކައިދިނުމަކީ ހަމަ ކަނޑައެޅިގެން އިސްލާމްދީން އިރުޝާދު ދޭގޮތް ވެސްމެއެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ހުރި ހިސާބަކަށް އާދެވިފައި ހުންނާނީ އެޔަށްވުރެ މަތީގައި ހުރި އަނެކަކުގެ ކޮންމެވެސް އެހީތެރިކަމަކާ ލައިގެންނެވެ. ތިމާގެ އެހީތެރިކަން ތިމާގެ ދަށުގައި ހުރި މީހާއަށް ފޯރުކޮށްދިނުމަކީ ތިމާއަށް ލިބުނު އެހީތެރިކަމުގެ ބަދަލުދިނުމުގައި އެންމެ ދެއްކުންތެރިކަން ކުޑަ އެންމެ އިހުލާސްތެރި ގޮތަށް ނުވާނެތޯ އެވެ.
އަންފާލް ސޫރަތުގެ 70 ވަނަ އާޔަތުން ބައެއްގައިވެއެވެ. "...ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ހެޔޮކަމެއްވާކަން ﷲ ދެނެވޮޑިގެންވާނަމަ، ތިޔަބައިމީހުން އަތުން އަތުލެއްވި ތަކެއްޗަށްވުރެން ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ދެއްވާނެއެވެ. އަދި ތިޔަބައިމީހުންނަށް ފާފަފުއްސަވާނެއެވެ."
މި ލިޔުމުގެ ފެށުމުގައި ބުނެވުނު ލޯ އަނދިރި ދޫންޏަށް ސިއްހަތު ސަލާމަތުން ހުރި ދޫންޏެއް ކާންދޭތަން ފެނުނު ވިޔަފާރިވެރިޔާ ނިންމީ އޭނާ މަސައްކަތް ނުކުރި ނަމަވެސް އޭނާގެ ރިޒުގުވެސް ﷲ ދެއްވާނެ ކަމަށެވެ. ވަގުތު ކޮޅަކަށް ނަމަވެސް އޭނާ ހަނދާން ނައްތާލި ކަމަކީ، މާތް ﷲ އޭނާއަށް މިންވަރު ކުރެއްވީ ސިއްހަތު ސަލާމަތުން ހުރި ދޫނީގެ މަގާމުގައި އޭނާ ލަހައްޓަވައި، އޭނާގެ ޒަރީއާއިން އެތައް ލޯ އަނދި ދޫންޏަކަށް ރިޒުގު ދެއްވުމަށް ކަމެވެ. ހަގީގަތުގައި އަހަރުމެން އެންމެންމެ، މަސައްކަތް ކުރާންވީ އެ ލޯއަނދިރި ދޫނީގެ ހިމާޔަތަށް ވުމަށެވެ. ﷲ ގެ ރިޒުގު ހޯދުމަށް މުރާލިކަމާއެކު މަސައްކަތްކޮށް، މުހުތާދުތައް ޖެހިފައިވި މީހުންގެ މުހުތާދުތައް ފިލުވައިލުމުގެ ޒަރީއާއަކަށް ވުމަށެވެ.








