މިދިޔަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގައި އާސެނަލްގެ ވިލިއަން ނެގި ކޯނަރެއް ދިފާއުކުރަން އަރައި ހުރެ ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ބޮލުން ބޯޅަ ފޮނުވާލި އެވެ. އެކަަމަކު، އެ ބޯޅައިގައި ބޮލުން ޖަހަން ފުއްމައިގެން އެރި އާސެނަލްގެ ޑޭވިޑް ލުއިޒް ބޯ ޖެހުނީ ހިމެނޭޒް ބޮލުގަ އެވެ. ހިމެނޭޒް ދަނޑު މައްޗަށް ވެއްޓުނުތާ މާ ގިނައިރެއް ނުވެ ޑޮކްޓަރުން އަރައި ހިމެނޭޒް އަށް ފަރުވާދިނުމަށް ފަހު ދަނޑުން ބޭލީ ސްޓްރެޗަރުގަ އެވެ. އޭރު އޭނާ އޮތީ އޮކްސިޖަން ވެސް ގުޅައިފަ އެވެ. ލަހެއް ނުވެ ހިމެނޭޒް ހޮސްޕިޓަލަށް ގެންދިޔައީ އަނިޔާ ވަރަށް ސީރިއަސްވުމުންނެވެ.
އެ ހާދިސާ އަށް ނުވަ މަސް ވީ ފަހުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހިމެނޭޒް ވަނީ ފުރަތަމަ ފަހަރަށް ރަސްމީ މެޗެއް ކުޅެފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އިން ލެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗުގަ އެވެ.
ހިމެނޭޒް ބުނީ އަލުން ފުޓްބޯޅަ ކުޅުމުގެ އުއްމީދެއް ވެސް ނެތި އެތައް ގަޑިއިރެއް އެތައް ދުވަހެއް ވަންދެން ހުރުމަށް ފަހު އެންމެ ފަހުން މެޗެއް ކުޅެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އާސެނަލް އާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން ހިމެނޭޒް އާއި ލުއިޒް ދަނޑުމައްޗަށް ވެއްޓިފައި.
އުމުރުން 31 އަހަރުގެ ހިމެނޭޒް ވަނީ އޭނާ އަށް ދިމާވި ނުރައްކާތެރި އަނިޔާގެ ކަންކަން ދިޔަގޮތް މީޑިއާ އަށް ހިއްސާކޮށްފަ އެވެ. ހިމެނޭޒް ބުނީ އެންމެ ހާސްވީ މިއީ އޭނާގެ ފުރާނެ ގެއްލިދާނެ ފަދަ ސީރިއަސް ހާލަތަކަށް ދިޔަ ކަމެއް ކަން އެނގުނު ހިސާބުންނެވެ.
"ޑޮކްޓަރުން އަހަރެން ގާތުގައި ބުނި އަހަރެން އަލުން ކުޅުމަކީ މިރަކަލް އެއް ކަމަށް. އަހަރެން ފުރާނަ ސަލާމަތް ވީ ވެސް ވަރަށް މަސައްކަތުން ކަމަށް،" ހިމެނޭޒް ކިޔައިދިނެވެ.
"ޑޮކްޓަރުން ބުނި ގޮތުގައި ފުރަަތަމަ ބެލެވުނީ ބޮލުގެ ނާށިގަނޑުގައި ރެދެއްލީ ކަމަށް. ދެން ފެނުނު ނާށިގަނޑުން ތަންކޮޅެއް ހަލާކުވެ ސިކުނޑި އަށް ލޭ އެޅުނުތަން. އެހެންވެ މާ ލަސްތަކެއް ނުވެ އޮޕަރޭޝަނެއް ކުރަން ޖެހުނު. އަހަރެން ބުނާނީ އަހަރެން ފުރާނަ ސަލާމަތްވީ ޑޮކްޓަރުންގެ ހުށިޔާރުކަމުންނޭ،"
އޮޕަރޭޝަން ތިއޭޓަރުން ހިމެނޭޒް ނެރުމަށް ފަހު ގަޑިއިރުތަކެއްގެ ފަހުން އޭނާއާ ޑޮކްޓަރާ ދިމާވުމުން ފުރަތަމަ ވެސް އޮޅުންފިލުވަން ބޭނުންވީ އަލުން އޭނާ އަށް ފުޓްބޯޅަ ކުޅެވިދާނެތޯ އެވެ. ފުރަތަމަ ޑޮކްޓަރު ދިނީ ހިތްމަރުވާ ކަހަލަ ޖަވާބެކެވެ. އަލުން ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ނުކުޅެވިދާނެ ކަމަށް ބުނެ އެވެ.
އަލުން ދަނޑު މައްޗަށް އެނބުރި ދިއުމަށް ހިމެނޭޒް ހޮސްޕިޓަލްގައި އޮވެ މުހިއްމު ކަމެއް ކުރި އެވެ. އެއީ އޭނާ އަށް އެކަން ދިމާވި ގޮތް ވަރަށް ސާފުކޮށް ދެނެގަތުމެވެ. ބިރުގަނެފައި ހުރެގެން ކުރިއަށް ނުދެވޭނެކަން އެނގޭތީ ހިމެނޭޒް ވުލްވްސްގެ ޕިޒިއޯ އިން ގާތުގައި އެދުނީ އޭނާ އަށް އެހެން ދިމާވި ވީޑިއޯ ފޮނުވުމަށެވެ. އެއީ އެކަންތައް ދިޔަ ގޮތް އެއްވެސް ވަރަކަށް އޭނާ ހަނދާނުގައި ނެތުމުންނެވެ.
ޑޮކްޓަރުން ބުނީ އަހަންނަށް އަލުން (ޕްރޮފެޝަނަލް ލެވަލްގައި) ފުޓްބޯޅަ ކުޅެވުމަކީ މިރަކަލްއެއް ކަމަށް - ހިމެނޭޒް
ހިމެނޭޒް ބުނީ ތަކުރާރުކޮށް އެކި އޭންގަލްތަކުން ވެސް އެ ވީޑިއޯ ބެލުމަށް ފަހު އޭނާ އެންމެ ބޮޑަށް އިންތިޒާރުކުރަމުން އައީ ޑޮކްޓަރަކު އޭނާ އަށް އަލުން ފުޓްބޯޅަ ކުޅެވޭނެ ކަމަށް ބުނާނެ ވަގުތަކަށެވެ. އެއީ އޮޕަރޭޝަނަށް ފަހު ކުޅެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އޮތުމުންނެވެ.
ހާދިސާ ހިނގިތާ ދެ މަހެއްހާ ދުވަހުގެ ތެރޭ ސްޕެޝަލިސްޓުންނަށް ދައްކައިގެން ހިމެނޭޒަށް އަލުން ކުޅެވޭނެކަން ޔަގީންވި އެވެ. އޭނާ އަލުން އިންޑިވިޖުއަލް ޓްރެއިނިންތަކަށް ނުކުތީ މިދިޔަ މާޗް މަހު އެވެ. ހިމެނޭޒަށް ކުޅެވޭނެކަން އެއްކޮށް ޔަގީންވީ މިދިޔަ ސީޒަން ނިމުނުތަނާ ހެދި ޓެސްޓްތަކުން ފާސްވުމުންނެެވެ.
ކުރިން ބެންފީކާ އާއި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅުނު ހިމެނޭޒް އަލުން މެޗަކަށް ނުކުތީ އަށް މަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެއީ މިދިޔަ މަހު ޕްރީ ސީޒަންގައި ވުލްވްސް އިން ކްރޫ އަލެކްސަންޑްރާއާ ބައްދަލުކުރި މެޗުގަ އެވެ. އެ މެޗުގައި އޭނާ ކުޅުނީ 30 މިނިޓެވެ. އޭނާ އަލުން ކުޅެނީ ހެޑް ބޭންޑެއް އަޅައިގެންނެެވެ. އެއީ އޮޕަރޭޝަނަށް ފަހު ޑޮކްޓަރު އޭނާ އަށް ލަފާދީފައިވާ ގޮތެވެ.

ލެސްޓާ ސިޓީ އާއި ވުލްވްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
އަލުން ޕްރިމިއާ ލީގުގައި ހިމެނޭޒް ކުޅުނު ފުރަތަމަ މެޗަކީ ނަތީޖާ އަށް ބަލާއިރު އެ ޓީމަށް އުފާވެރި މެޗެއް ނޫނެވެ. ލެސްޓާ އަތުން ވުލްވްސް ބަލިވީ 1-0 އިންނެވެ. އެކަމަކު، އަލުން މެޗެއް ކުޅެވުމުގެ އުފަލާއި އިދިކޮޅަށް ނުކުތް ޓީމުގެ ކުޅުންތެރިން ހިމެނޭޒް އަށް މަރުހަބާ ކިޔައި ކުރި އިހުތިރާމް އަބަދުވެސް ހަނދާން ހުންނާނެ އެވެ.
"ލެސްޓާ މެޗުގެ ތެރެއިން ކޯނަރެއްގައި އެ ޓީމުގެ ޖޭމީ ވާޑީ އައިސް އަހަންނަށް އަލުން ދަނޑަށް އާދެވުމުން މަރުހަބާ ކީ. ހަމައެ ގޮތަށް މެޗުގެ އެކި ވަގުތުތަކުގައި ލެސްޓާގެ ސޮޔުންޗޫ އާއި މެޑިސަން ވެސް ވަނީ އަހަންނަށްޓަކައި އުފާކުރާ ކަމަށް ބުނެފައި،" ހިމެނޭޒް ބުންޏެވެ.
"އެ މީހުން (ލެސްޓާގެ ކުޅުންތެރިން) ދެކުނީ އަހަރެން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ބައިވެރިވުން އެއީ ފަހުރެއްގެ ގޮތުގައި. އަހަންނަށް ލިބުނު އުފާ ބުނެދޭން ވެސް ނޭނގޭ. ފުޓްބޯޅަ އަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމުގެ އިހުސާސް ކުރެވުނު،"
ވުލްވްސްގެ ދަނޑު މޮލިނެއުކްސް ސްޓޭޑިއަމްގައި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ހިމެނޭޒް ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި ހިމެނޭޒާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމްގެ ކޯޗަކަށް ހުރީ ވުލްވްސް އަށް ހިމެނޭޒް ގެނައި ޕޯޗުގަލްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އެވެ. ހިމެނޭޒް ބުނީ އެކި ސަބަބުތަކަށްޓަކައި އެ މެޗު ވަރަށް ހާއްސަވާނެ ކަމަށެވެ.












