ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރުމުގެ ޖާގައެއް ނުދެއްވާނެ ކަމަށާއި އެފަދަ ކުށްކުރާ މީހުންގެ ކަންކަން ލުއިކޮށް ނުނަންގަވާނެ ކަމުގެ އިންޒާރު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ދެއްވައިފި އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅޭގޮތުން، ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އެއީ ރާއްޖޭގައި ހިނގައިގެން ވާނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ކުޑަކުދިން ބޭނުންކޮށްގެން ކުށް ކުރާ މީހުންނަށް ސާފު މެސެޖެއް ދޭން ބޭނުންވާ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ އެފަދަ ސަކަރާތެއް ދެން ނުޖެހޭނެ ކަމަށެވެ.
ކުޑަކުއްޖަކު ބޭނުންކޮށްގެން ކުށެއް ކޮށްފި ނަމަ އެ ކުށެއްގެ ދައުވާގެ އިތުރުން ކުޑަކުއްޖެއް ބޭނުން ކޮށްގެން ކުށް ކުރީތީ އެކަމަށް ވަކިން ވެސް ދައުވާ ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އަޅުގަނޑު މި މަގާމުގައި ހުރެގެންނެއް އެގޮތަށް މިކަން ކުރާކަށް ޖާގައެއް ނުދޭނަން. ހަމަ ކިރިޔާ ވެސް ދައުވާއެއް ކުރެވެން އޮތީވިއްޔާ [ކުރާނަން]... ކުޑަ ކުއްޖަކު ބޭނުން ކުރާ މީހެއްގެ މައްޗަށް ދައުވާ ކުރާކަށް ގާނޫނީ ހިފެހެއްޓުންތަކެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.


ކުށްކުރަން ކުޑަ ކުދިން ބޭނުން ކުރުމަކީ ޖިނާއީ ބޮޑު ކުށެކެވެ. ނަމަވެސް ރާއްޖޭގެ ގޭންގްތަކުން ކުޑަ ކުދިން އެކި ކުށްތަކުގައި ބޭނުން ކުރުން އާއްމެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ރަހީނުކޮށް މަރާލައި 13 އަހަރުގެ ކުއްޖަކު މޫދަށް އެއްލާލި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޯޓަށް މިއަދު ފޮނުވަން ނިންމީ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖާގެ މައްޗަށެވެ.
ޕީޖީ ވިދާޅުވި ގޮތުގައި ހަތް ބާވަތެއްގެ 13 ދައުވާއެއް ޒިހާންގެ މައްޗަށް އުފުލާއިރު ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ.
އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެއް ކަން ރަސްމީ ލިއުންތަކުން އެނގެ އެވެ.
ކުޑަކުއްޖާގެ މަރާ ގުޅިގެން ޒިހާން ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކުންނެވެ. މިފަހަރު އޭނާގެ މައްޗަށް ވަނީ މާރާމާރީ އާއި މީހަކު މެރުމާއި ރަހީނުކުރުމުގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތު އުފުލައި ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފަ އެވެ.












