ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކުުޅުންތެރިން ޅ އަތޮޅުގައި ކޭމްޕް ޖަހާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު ސުޒޭން "އަދަދު" އަށް ބުނީ ޅ އަތޮޅުގައި ކޭމްޕް ޖަހަން ވިސްނި އެންމެ ބޮޑު ސަބަބަކީ ވަރަށް ގިނަ ރަށްރަށުގައި ފެންވަރު ރަނގަޅު ޓާފް ދަނޑުތަކެއް އޮތުމުގެ އިތުރުން މެޗު ކުޅެން ބަލާއިރު ވެސް އެ އަތޮޅުގައި ކޭމްޕް ކޮށްފިނަމަ ފަސޭހަތަކެއް ހުރުމުންނެވެ.
ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމު މިހާރު އޮތްގޮތުން ޅ އަތޮޅަށް ދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހަތަރު ވަރަކަށް ދުވަސް އެ އަތޮޅުގައި ހޭދަކުރަން ނިންމާފައިވާއިރު، މެޗުތައް ކުޅޭނެ ގޮތެއް ކަނޑައަޅާނީ ލިބޭ ދައުވަތުތަކަށް ބެލުމަށް ފަހު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
"މިހާ ދުރާލާ މިކަން އިއުލާނު މި ކުރި ސަބަބަކީ ހަގީގަތުގައި ޓީމުތަކުން މެޗުތައް ކުޅެން ބޭނުންވެއްޖެނަމަ އެ އިންތިޒާމް ހަމަޖެއްސުމުގެ ފަސޭހައެއްގެ ގޮތުން. މެޗުތައް ރޭވުމުގެ ކަންކަން އެފްއޭއެމާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދަންވީ،" ސުޒޭން ބުންޏެވެ.
ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ގިނަ ކުޅުންތެރިންނާ އެކު އޮތް 23 އަހަރުން ދަށުގެ ޓީމުން ޅ އަތޮޅުގައި މި ކުޅޭ މެޗުތަކުގެ އެހެން ބޭނުމެއް ވެސް އެބައޮތް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އެއީ ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން މި މެޗުތަކުގެ ޒަރިއްޔާ އިން ވެސް ހޯދުމެވެ.
"މި ގޮތަށް ކުޅެވޭ މެޗުތަކުގައި ރަނގަޅު ކުޅުންތެރިއަކު ފާހަގަވެއްޖެނަމަ ފުރުސަތު ދޭނަން،" ސުޒޭން ބުންޏެވެ.
ޒުވާން ގައުމީ ޓީމު ޅ އަތޮޅަށް މި ދަތުރު ދިއުމަށް ހަމަޖެހިފައިވަނީ 25 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ.
އެފްއޭއެމުން ވަނީ ސުޒޭން ހެޑް ކޯޗަކަށް ހަމަޖެއްސުމުގެ އިތުރުން 23 އަހަރުން ދަށުގެ ޓީމަށް ވަނީ ކޯޗިންގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ރަނގަޅު ދެ އެސިސްޓަންޓް ކޯޗުން ހަމަޖައްސައިފަ އެވެ. އެއީ ވެލެންސިއާ އާއި ވީބީގެ ކޯޗުކަމުގެ އިތުރުން އުމުރުފުރާ ގައުމީ ޓީމުތަކެއްގައި ހެޑް ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަަސައްކަތްކުރި މުހައްމަދު ޝާހިދު (ޝާޑު) އާއި ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް ގްރީން ސްޓްރީޓްސް ކޯޗަކަށް މަސައްކަތްކުރި ސޮބާހު މުހައްމަދު އެވެ.
ތޭވިސް އަހަރުން ދަށުގެ ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ރާއްޖެގެ ކޮލިފައިންގައި ވާދަކުރާށެވެ. އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށް އޮންނަ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ. މުބާރާތަށް ކޮލިފައިވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމުތަކާއި 11 ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ނެރޭ ރަނގަޅު ހަތަރު ގައުމެކެވެ.












