މި ފަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތަކަށް އަމާޒުކޮށް ޓީމު ވަރުގަދަ ކުރިއިރު، އެންމެ ރަނގަޅު ކުޅުންތެރިން ހޯދި އެއް ޓީމަކީ އޭޓީކޭ މޯހަން ބަގާން އެވެ. އެކަމަކު، އެ ޓީމާ ހަވާލުވެ ހުރި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އެންޓޯނިއޯ ލޮޕޭޒް ހަބާސްގެ ނަޒަރުގައި ގްރޫޕް ސްޓޭޖުގައި އޮތް ކޮންމެ ޓީމެއް ވެސް ވަރުގަދަ އެވެ. ވަކި ޓީމެއް ތަފާތު މޮޅޭ ބުނަން އޭނާ ބޭނުމެއްނުވި އެވެ.
މިދިޔަ މެއި މަހު މާލޭގައި އޭއެފްސީ ކަޕް މެޗުތައް ބާއްވަން އޮތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދިޔަނަމަ އެންމެ އާދައިގެ ގޮތަކަށް މުބާރާތަށް އަންނަން ޖެހޭނީ އޭޓީކޭ އެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މުބާރާތާ ގާތްކޮށް ކޮވިޑަށް ޕޮޒިޓިވްވިއިރު، ކޯޗު ހަބާސް އާއި ބައެއް ބިދޭސީ ކުޅުންތެރިންނަށް ޓީމާ ގުޅެވެން އޮތީ ވެސް ފަހުންނެވެ. އެކަމަކު، ފަހުން މާލެ އައި ބެންގަލޫރު ޓީމުން ޕްރޮޓޮކޯލް މުގުރާލުމުން މެޗުތައް ފަސްކުރަން ޖެހުނީ އެވެ.
މުބާރާތުގެ މެޗުތައް މި މަހު ފަށަން އުޅުމުގެ ކުރިން ގިނަ ޓީމުތަކަކުން ވަނީ ޓްރާންސްފާތަކެއް ކޮށްފަ އެވެ. އެ ގޮތުން ގިނަ ބަޔެއްގެ ކަޅި ހުއްޓުނީ އޭޓީކޭ އިން ކުރި ޓްރާންސްފާތަކަށެވެ. އެ ޓީމުން ވަނީ އިންޑިއާގެ ސުޕަ ލީގު ކްލަބް، މުމްބާއީ ސިޓީ އަށް ކުޅުނު އިންޑިއާ ގައުމީ ޓީމުގެ ކީޕަރު އަމްރިންދަރު ސިންގާއި ހަމަ އެ ޓީމަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ހޫގޯ ބޯމަސްގެ ސޮއި ހޯދައިފަ އެވެ. އެ ޓީމުން ގެނައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ މި ފަހަރުގެ ޔޫރޯގައި ފިންލެންޑަށް ކުޅުނު ޖޯނީ ކައުކޯ އެވެ. ކައުކޯ އޭއެފްސީ ކަޕްގެ ލިސްޓުގައި ނުހިމަނަ އެވެ.
މިއަދު ހަވީރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާބާސް ބުނީ ބެންގަލޫރު މިހާރު ކުޅެމުން އަންނަނީ އާ ކޯޗެއްގެ ބެލުމުގެ ދަށުން ކަމަށާއި މޯހަން ބަގާން އިން ރަނގަޅަށް ތައްޔާރުވެއްޖެނަމަ ނަތީޖާ ނެރެވޭނެ ކަމަށެވެ.
"އަހަރެމެން މި ކުރާ މަސައްކަތުގެ ތައްޔާރީ އަށް ފޯކަސްކޮށްގެން ދަނޑުމަތީގައި މަދުވެގެން 70 ޕަސެންޓް ދޭން ޖެހޭ. އޭރު މޮޅުވުމުގެ ފުރުސަތެއް އެބައޮތް،" ކުރިން ސްޕެއިނުގެ ވެލެންސިއާ އާއި ސެލްޓާގެ ކޯޗަކަށް ހުރި ހާބާސް ބުންޏެވެ.

އިންޑިއަން ސުޕަ ލީގުގެ މެޗެއްގެ ތެެރެއިން ހާބާސް ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.
އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) ނިމުނުތާ މިހާރު ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބެންގަލޫރާއި އޭޓީކޭ މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވީ ޕްރީ ސީޒަން ޕްރެކްޓިހެއް ކުރިއަށް ގެންގޮސްގެންނެވެ. ދެން ގްރޫޕް ސްޓޭޖުގައި އޮތް ރާއްޖޭގެ މާޒިޔާ ވެސް އޭއެފްސީ ކަޕަށް ތައްޔާރުވާން ޖެހުނީ ސައުދީ އަރަބިއްޔާގައި ޕްރީ ސީޒަން ގޮތަށް ޓްރެއިނިން ކޭމްޕެއް ބާއްވައިގެންނެވެ. އެކަމަކު، ދެން މި ގްރޫޕްގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންްގްސް އަންނަނީ މި ވަގުތު އެ ގައުމުގެ ލީގުގައި ކުޅެމުންނެވެ. އެ ޓީމުން ވަނީ ދާދި ފަހުން ބަންގްލަދޭޝް ލީގު ކާމިޔާބުކޮށްފަ އެވެ.
"ކުޑަ އެޑްވާންޓޭޖެއް އެބައޮތް ބަޝުންދަރަ އަށް. އެއީ އެހާ ފަހުން މެޗުތަކެއް ކުޅެގައި ހުރީމަ. އެކަމަކު، އެ ކަހަލަ ސްޓެޓިސްޓިކްސް ތަކަކީ އަހަރެން އެހާ ބަލާކަމެއް ނޫން. އަހަރެންގެ ނަޒަރުގައި މީގެ މުހިއްމީ ދަނޑުމަތީގައި ކުރާ މަސައްކަތް، މިސާލަކަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލަމާ ވަރަށް ކުޑަކުޑަ ކަންތައްތަކެއް ވެގެން ވެސް އެބަހުރި މެޗު އެނބުރިފައި. އެހެންވީމަ އެބަ އެނގޭ މީގެ މުހިއްމީ ދަނޑުމަތީގެ ފޯކަސްކަން،" ހާބާސް ބުންޏެވެ.
"(އޭއެފްސީ ކަޕް) މިއީ ރަނގަޅު އިންޓަނޭޝަނަލް މުބާރާތެއް. އަހަރެމެން ރަނގަޅު ނަތީޖާ ނެރެން ބޭނުން. ކޮންމެ މެޗެއް ވެސް އުނދަގޫވާނެ. އެއީ ވަކި މޮޅު ޓީމެއް ނެތް. ހާލަތުގެ ގޮތުން މޮޅޭ ބުނެވޭނެ ޓީމެއް ވެސް ނެތް. އެއީ ތައްޔާރީގެ ރޭހުގައި މި ތިބީ ދާދި ހަމަހަމަކޮށް،"
މޯހަން ބަގާންގެ އަޔަލެންޑް މިޑްފީލްޑަރު ކާލް މެކްހިއު ބުނީ އެ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނާއި އިންޑިއާގެ ކުޅުންތެރިން ގުޅިގެން މަސައްކަތް ކޮށްފިނަމަ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ރަނގަޅަށް ގުޅިގެން މަސައްކަތްކުރިން މީގެ އޮތީ އަހަރެމެން ޓީމު ވަރުގަދަ،" މެކްހިއު ބުންޏެވެ.
މޯހަން ބަގާންގައި ތިބި އިންޑިއާ އަށް ނިސްބަތްވާ ފާހަގަކޮށްލެވޭ ކުުޅުންތެރިންނަށް ބަލާއިރު، ގޯލްކީޕަރުން ކަމަށްވާ އަމްރިންދަރު އާއި އަރިންދަމް ބަޗާރިޔާ، ޑިފެންޑަރެއްގެ މަގާމުގައި ކުޅެމުން އަންނަ ސުބަޝިޝް ބޯސް އާއި ޕްރީތަމް ކޯޓާލް އަދި ފޯވާޑް މަންވީރު ސިންހް ހިމެނެ އެވެ. މިއީ މުޅިން ވެސް އިންޑިއާ ގައުމީ ޓީމުގައި ފެންވަރު ސާބިތުކޮށްފައިވާ ކުޅުންތެރިންނެވެ.
ބެންގަލޫރާއި މޯހަން ބަގާން ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:00 ގަ އެވެ.












